ފަހު ވަގުތު ބެލެރިން ޖެހި ލަނޑާއެކު އާސެނަލްއާއި ޗެލްސީ ކުޅުނު މެޗު އެއްވަރުވެއްޖެ

އިތުރު ވަގުތުގެ ތެރޭގައި އާސެނަލްގެ ހެކްޓަރ ބެލެރިން ޖަހައިދިން ލަނޑާއެކު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔަ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ 63 މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝަޔަރ އެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން އާސެނަލްގެ ހެކްޓަރ ބެލެރިން ޕެނަލްޓީ އޭރިއާ ތެރެއިން އެޑެން ހަޒާޑްއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ. ބެލްޖިއަމްގެ ތަރި ހަޒާޑް ވަނީ އެ ޕެނަލްޓީއިން ފަސޭހަ ކަމާއެކު ގޯލައް ވައްދާލާ، މެޗުގެ ނަތީޖާ ޗެލްސީއަށް ހަމަހަމަ ކޮށްދީފައެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް ޗެލްސީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ މާކޯސް އެލޮންސޯ މެންޑޯޒާ އެވެ. މި ލަނޑަކީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އޭނާ ޖެހި ލަނޑެކެވެ.

އެ ގޯލު ޖެހުމާއެކު އާސެނަލްގެ ކޯޗު އާސެން ވެންގާގެ ފަރާތުން ރުޅިވެރިކަން ފެނިގެންދިޔަ ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލްގެ ހެކްޓަރ ބެލެރިން ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ، އެއް ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި މެޗު އެއްވަރުވުމުން ތާވަލުގެ ހަތްވަނައިގައި އާސެނަލް އޮތީ ކުޅުނު 22 މެޗުން ލިބުނު 39 ޕޮއިންޓާއެކުގައެވެ. އަދި ހަމަ އެ އަދަދަށް ކުޅުނު މެޗުތަކުން 46 ޕޮއިންޓް ލިބިގެން ޗެލްސީ އޮތީ ތާވަލުގެ ދެވަނައިގައެވެ.

ތާވަލުގެ ދެވަނަ މަގާމުގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޗެލްސީއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ. އަދި ޔުނައިޓެޑަށް ވުރެ 15 ޕޮއިންޓް އިތުރަށް ލިބިގެން ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...