ނައިޖީރިއާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ

ނައިޖީރިއާގެ މިސްކިތެއްގައި ހަށިގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހަމަލާ ދީފައިވަނީ ނައިޖީރިއާގެ ބޯނޯ ސްޓޭޓްގެ އަވަށެއްގައި ހުރި މިސްކިތެއްގައެވެ. އަދި ބޮމުގެ ހަމަލާ ދީފައިވާ ސަރަހައްދަކީ، ނައިޖީރިއާގައި ހަރަކާތްތެރިވަމުން އަންނަ ބޯކޯ ހަރާމް ޖަމާއަތުން އާއްމުކޮށް ހަމަލާ ދެމުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މަންޒަރު ދުށް މީހުން ބުނީ، ބޮމުގެ ހަމަލާ ދީފައިވަނީ، ފަތިސް ނަމާދަށް މީހުން މިސްކިތަށް އެރި ވަގުތާއި ދިމާކޮށް ކަމަށެވެ. އަދި ހަމަލާގައި މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ނައިޖީރިއާގެ ފުލުހުން ބުނީ ހަށި ގޮއްވާލައިގެން ބޮމުގެ ހަމަލާ ދިނީ ކާކުތޯއާއި އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ މީހެއްތޯ ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެ ޖަމާއަތަކީ، 2009 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގައި ހަރަކާތްތެރި ވަމުން އަންނަ ޓެރަރިސްޓް ޖަމާއަތެކެވެ.

ބޯކޯ ހަރާމްއިން ދިން ޓެރަރިސްޓް ހަމަލާތަކުގައި ނައިޖީރިއާއިން ވިހިހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2.6 މިލިއަން މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...