މިދިޔަ އަހަރަކީ ވައިގެ ދަތުރުފަތުރު ކުރުމުގައި އެންމެ ރައްކާތެރި އަހަރު: އޭއެސްއެން

ނިމިދިޔަ 2017 ވަނަ އަހަރަކީ ވައިގެ ދަތުރުފަތުރު ކުރުމުގެ ސިނާއަތުގައި އެންމެ ރައްކާތެރި އަހަރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނެދަލެންޑްސްގެ ކޮންސަލްޓެންސީ ކުންފުންޏަކާއި އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ހެދި އެ ދިރާސާއިން ދައްކާ ގޮތުގައި 2017 ވަނަ އަހަރަކީ ދުނިޔޭގައި ވައިގެ ދަތުރުފަތުރުތައް މިހާތަނަށް އެންމެ ގިނައިން ކުރި އަހަރެވެ.

ދުނިޔޭގެ އެއްވެސް ހިސާބަކުން މިދިޔަ އަހަރުގައި ޕަސެންޖަރ އެއާލައިންއެއް ވެއްޓި ނުވަތަ އެކްސިޑެންޓެއް ކުރިމަތިވެފައި ނުވާ ކަމަށް އެ ދިރާސާގެ މައްޗަށް ނެރެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

2017 ވަނަ އަހަރު ޕެސެންޖަރ އެއާލައިން އެކްސިޑެންޓެއް ހިނގާފައި ނުވި ނަމަވެސް އެ އަހަރުގެ ތެރޭގައި 10 ކާގޯ ޕްލޭން އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި އެ ހާދިސާތަކުގައި 79 މީހުން މަރުވެފައިވާ ކަމަށް އެއާލައިން ސޭފްޓީ ނެޓްވޯކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 2016 ވަނަ އަހަރު މިފަދަ 16 އެކްސިޑެންޓް ހިނގާފައިވާއިރު، 303 މީހުން ވަނީ މަރުވެފައެވެ.

ވައިގެ ދަތުރުފަތުރު ކުރުމުގައި ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދަށްވަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...