ބްރެޒިލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް ނޭމާ އަށް

ބްރެޒިލްގެ އަހަރުގެ މޮޅު ކުޅުންތެރިޔާ މަގާމު ޕެރިސް ސެއިން ޖަމައިން އަށް ކުޅެމުން އަންނަ ނޭމާ ހޯދައިފި އެވެ.

މިއީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭ އޭނާ އެ މަގާމު ހޯދި ތިންވަނަ ފަހަރު ކަމަށްވާ އިރު، ނޭމާ މިފަހަރު އެވޯޑް ހޯދާފައިވަނީ ލިވަޕޫލްގެ ފިލިއްޕޭ ކޫޓީނިއޯ އޭގެ ކުރީ އަހަރު މަގާމު ހޯދާފައިވަނިކޮށް އޭނާ އާ ވާދަކޮށެވެ. ނޭމާ އަށް ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ބްރެޒިލްގެ އާންމުންނާއި އެގައުމުގެ ކުޅުންތެރިންނާއި ކުޅިވަރު ނޫސްވެރިންގެ ވޯޓުންނެވެ. އޭނާ އަށް ބްރެޒިލްގެ އެއްވަނަ ލިބުން އިރު، އެ ގައުމުގެ ދެވަނަ ހޯދީ ކޫޓީނިއޯ އެވެ. އަދި ތިންވަނަ ހޯދީ ރެއާލް މެޑްރިޑްގެ މާސެލޯ އެވެ. 

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ކަމަށްވާ ނޭމާގެ ފަރާތުން ޕީއެސްޖީގައި މޮޅު ކުޅުމެއް ފެންނަމުން ދާއިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފަރާތުން ފެނުނު ކުޅުންތެރިންގެ ފެންވަރު ވަނީ މިހާރު ވަރަށް ބޮޑުތަން މަތިވެފަ އެވެ. އެގޮތުން ބާސެލޯނާގެ ޕޯލީނިއޯ، މެންޗެސްޓާ ސިޓީގެ ކީޕަރު އެޑާސަން އަދި އެ ޓީމްގެ ސްޓްރައިކަރު ގެބްރިއަލް ހެސުސް ކަހަލަ ކުޅުންތެރިން ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކޮށްލެވެ އެވެ. އެހެން ކަމުން، މިއަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފަރާތުން ހިތްގައިމު ކުޅުމެއް ފެންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...