ވޮޓްފޯޑް އަތުން މޮޅުވެ ސިޓީ އަށް އެއްވަނައިގައި 15 ޕޮއިންޓްގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮޓްފޯޑާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި ނަގާފައިވާ ލީޑު ފަނަރަ ޕޮއިންޓަށް ފުޅާކޮށްފި އެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެ ޓީމުން ވަނީ މެޗުގެ ބޮޑު ބައި ވޮޓްފޯޑް ކޮޅަށް ހަމަލާތައް ފޮނުވާލައި އިދިކޮޅު ޓީމް ހާސްކޮށްލާފަ އެވެ. އެގޮތުން މެޗު ފެށިގެން ފުރަތަމަ މިނެޓަށް ނާޅަނީސް ސިޓީގެ ރަހީމް ސްޓާލިން ވަނީ ސާނޭ ތަނަވަސްކޮށްދިން ބޯޅައަކުން ލަނޑެއް ޖަހައި ސިޓީ އަށް ލީޑު ނަގާފަ އެވެ. އޭގެ ފަހުން ތޭރަ ވަނަ މިނެޓުގައި ވޮޓްފޯޑްގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ކަބަސެލޭ އަތުން ބައިކޮޅަށް ލަނޑެއް ވަތް އިރު، ދެވަނަ ހާފުގައި ސިޓީގެ ތިންވަނަ ލަނޑު ޖެހީ ސާޖިއޯ އަގުއެރޯ އެވެ. ވޮޓްފޯޑްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްރޭ އެވެ.

ރޭގެ މެޗުގެ ނަތީޖާ އާއެކު މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައިވަނީ 62 ޕޮއިންޓާއެކުގަ އެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑަށް 47 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގަ އޮތް ޗެލްސީ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...