މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ރާއްޖެއަށް ގެނެސްފި

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގެ 13 ވަނަ ބޯޓު ރާއްޖެއަށް ގެނެސްފިއެވެ. ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ އެ ބޯޓު ކެނެޑާއިން ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝާހީން ވިދާޅުވީ، އަލަށް ގެނައި ސީޕްލޭނަކީ އެކުންފުންޏަށް އިތުރަށް ލިބެމުންދާ ޕަސެންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ގެނައި ސީޕްލޭނެއް ކަމަށެވެ.

އެގޮތުން މިހާރު ވެސް ނުވަ ވަރަކަށް ރިސޯޓުތަކަށް މޯލްޑިވިއަންގެ ސީޕްލޭންތަކުން ދަތުރުކުރަމުންދާ ކަމަށާއި އިތުރު ރިސޯޓުތަކަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ޝާހީން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އެހެން ސީޕްލޭންތަކެކޭ ވެސް އެއްގޮތަށް އަލަށް ގެނައި ސީޕްލޭނަކީ ވެސް 15 މީހުންގެ ޖާގަ ހިމެނޭ ބޯޓެކެވެ. ޝާހީން ވިދާޅުވީ އެ ބޯޓުގައި ކަނދުތައް ހަރުކުރުމަށްފަހު، ހަފްތާއެއްހާ ދުވަސް ތެރޭގައި ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ފުޅާވަމުން ދިއުމަކީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ބޮޑު ކުރާ މައިގަނޑު އެއް ސަބަބު ކަމަށްވާއިރު، އިތުރު ހަތަރު ސީޕްލޭން މިއަހަރުގެ ތެރޭގައި ގެންނަން ނިންމާފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...