އާ އަހަރުގެ ޝޯއާއި މެދުގައި ރާހަތު އަދި މީކާ ހުރީ ވަރަށް ހިތްހަމަ ޖެހިފައި

ވިޒިޓް މޯލްޑިވްސް އިޔަރ 2018 ފާހަގަ ކުރުމަށްޓަކައި އަލިމަސް ކާނިވަލްގައި ރޭ ބޭއްވި ޝޯއާއި މެދުގައި، ޝޯގައި ރީތި ލަވަތަކެއް ހުށަހަޅާދިން ބޮލީވުޑްގެ 2 ލަވަކިޔުންތެރިން ކަމަށްވާ ރާހަތު ފަތޭ އަލީ ޚާން އަދި މީކާ ސިން ބުނެފިއެވެ.

ޝޯއަށް ފަހުގައި ދެތަރިންވެސް ވަނީ، ޝޯއާއި މެދުގައި ހިތްހަމަ ޖެހޭކަން ފާޅުކޮށް، ޓްވީޓް ކޮށްފައެވެ. އެގޮތުން ރޭގެ ޝޯގައި ރީތި ލަވަަތަކެއް ހުށަހަޅާދިން ރާހަތު ފަތޭ އަލީ ޚާން ޓްވިޓަރގައި ބުނެފައިވަނީ، 2018 ވަނަ އަހަރަށް މަރްހަބާ ކިޔުމަށްޓަކައި، މީކާ ސިންހް އާއިއެކީގައި ރާއްޖޭގައި ލަވަކިޔަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. އަދި އެއީ ވަރަށް ފޯރި ގަދަ ޝޯއެއް ކަމަށްވެސް ރާހަތު ވަނީ ސިފަކޮށްފައެވެ.


ޝޯއާއި ދޭތެރޭގައި ދެކޭ ގޮތް ހިއްސާ ކުރަމުން، މީކާ ސިންހް މީގެ ކުޑައިރު ކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "ސޫފި" ލަވަ ކިޔުމަށް އެންމެ މޮޅު ލަވަކިޔުންތެރިޔާ، ރާހަތު ފަތޭ އަލީ ޚާން އާއި އެކީގައި ރާއްޖޭގައި ދެވުނީ ވަރަށް "ފައްކާ" ޝޯއެއް ކަމަށެވެ.

އަދި އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯއަކުން ލަވަކިޔުންތެރިއަކަށް ފުރުސަތު ދިނުމަކީ، އެލަވަލިޔުންތެރިއެއްގެ މުހިއްމުކަން ދޭހަކޮށްދޭ ކަމެއް ކަމަށްވެސް މީކާ ވަނީ ބުނެފައެވެ. އޭނާ ވަނީ ރާހަތު އާއިއެކީގައި ރާއްޖޭގައި ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ޓްވީޓް ކޮށްފައެވެ.

އާއްމުކޮށް ހުޅުވާލައިގެން އަލިމަސް ކާނިވަލްގައި ކުރިއަށްގެންދިޔަ މި ޝޯ ބަލާލުމަށް ގިނަ ބަޔަކު ޖަމާވިއެވެ. އަދި ރާހަތު އާއި މީކާގެ ލަވަތަކަށް ބޮޑު ތަރުހީބެއްވެސް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. ޝޯ ބަލަން ޖަމާވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންވެސް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...