މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

2018 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާއަކީ ޖޯޖީނިއާ ހޮލްބްރޫކް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ފަތުރުވެރިއެކެވެ. ފްލައި ދުބާއީއިން ރާއްޖެއަށް އައި ޖޯޖީނިއާއަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި އެމްއެމްޕީއާރުސީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖޯޖީނިއާއަށް މަރުހަބާ ކިއުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް މުހައްމަދު ވަނީ އޭނާއަށް ހަނދާނީ ލިޔުމަކާއި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ހާއްސަ ހަދިޔާއެއް އަރުވާފައެވެ. އަދި ހަމައެއާއެކު ފުރަވެރި އައިލެންޑް ރިސޯޓުގެ ފަރާތުން ހަތް ހަތް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ވެސް ޖޯޖީނިއާއަށް ވަނީ ހަދިޔާކޮށްފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާގެ ޝަރަފު ލިބުމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެމުން ޖޯޖީނިއާ ބުނީ އޭނާ އެންމެ ފުރަތަމަ ރާއްޖެއަށް އައިސްފައިވަނީ މީގެ 10 އަހަރު ކުރިން ކަމަށާއި، މިއީ އޭނާ ރާއްޖެއަށް އައި ހަވަނަ ފަހަރު ކަމަށެވެ. އަދި މި ދަތުރަކީ އޭނާގެ 18 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އާއިލާގެ ފަރާތުން ދިން ދަތުރެއް ކަމަށާއި ޗުއްޓީ ހޭދަކުރަން އޭނާ އެންމެ ގަޔާވާ މަންޒިލަކީ ރާއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާގެ މަގާމު ލިބުމުން ޖޯޖީނިއާއާއި އޭނާގެ އާއިލާއިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން އެހީތެރިވާން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ކުރިއަރުވާ ބޯޑުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ޖޯޖީނިއާގެ އާއިލާއިން ބައިވެރިވާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާގެ މަޤާމު އިނގިރޭސިވިލާތުގެ ފަތުރުވެރިއަކަށް ލިބިފައިވާއިރު، އެގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 94،258 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 1.1 އިންސައްތަ އިތުރު އަދަދެއްކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ޖުމްލަ 1،389،548 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 8.04 އިންސައްތަ އިތުރު އަދަދެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...