ޔުނައިޓެޑުގެ މުހިންމު ދެ ސްޓްރައިކަރުންނަށް އަނިޔާގެ ސަބަބުން އެވަޓަން މެޗު ގެއްލިއްޖެ

އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހިފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ދެ ސްޓްރައިކަރުން ކަމަށްވާ އިބްރާހިމޮވިޗް (ކ) އާއި ލުކާކޫ (ވ)

ވާދަވެރި އެވަޓަންއާއި ދެކޮޅަށް މިރޭ މެންޗެސްޓަރ ޔުނައިޓެޑް ނިކުންނަ މެޗުގައި އެ ޓީމުގެ މުހިންމު ދެ ސްޓްރައިކަރުންނަށް ބައިވެރި ނުވެވޭނެކަން އެ ޓީމުން ކަށަވަރު ކޮށްދީފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯއާ ހަވާލާދީ ބޭރުގެ ކުޅިވަރު ޚަބަރު ގެނެސްދޭ މީޑިއާތަކުން ބުނީ އެ ޓީމުގެ އެންމެ މުހިންމު ދެ ސްޓްރައިކަރުން ކަމަށްވާ ޒްލަޓަން އިބްރާހިމޮވިޗާއި ރޮމެލޫ ލުކާކޫއަށް އަނިޔާގެ ސަބަބުން އެވަޓަން މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާ ކަމަށެވެ.

ސަދަމްޓަންއާ ދެކޮޅަށް ކުޅެ ދެ ޓީމަށް ވެސް ގޯލެއް ނުޖެހި އެއްވަރުވި މެޗުގައި ލުކާކޫގެ ބޮލަށް އަނިޔާއެއް ލިބިފައިވާއިރު، އިބްރާހިމޮވިޗްގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މީގެ ކުރިން ވެސް އިބްރާހިމޮޗިވް ވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތް މަސް ދުވަސް ވަންދެން ކުޅުމާއި ދުރުގައި މަޑުކޮށްފައެވެ.

މިފަހަރު ލިބުނު އަނިޔާގެ ސަބަބުން އިބްރާހިމޮވިޗް އެއް މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް މޮރީނީއޯ ބުނެފައިވާއިރު، އޭނާ ބުނީ ލުކާކޫއަށް މަދުވެގެން ދެ މެޗު ގެއްލޭނެ ކަމަށެވެ.

ރާއްޖެ ގަޑިން މިރޭ 10:30 ގައި އެވަޓަންއާ ދެކޮޅަށް ނިކުންނަ މެޗުގައި ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، ޔުނައިޓެޑުގެ ކުރީގެ ތަރި ވޭން ރޫނީ މިރޭގެ މެޗުގައި ފެންނާނެ ކަމަށް އެވަޓަންއިން ވަނީ ބުނެފައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...