އިދިކޮޅު ކޯލިޝަންގެ ފަހުތަޅާލުން ގަނޑުގެ ފެށުން

ސަރުކާރާ ދެކޮޅަށް އުފެއްދި ކޯލިޝަންގެ އެންމެ އިސް ހަތަރު ލީޑަރުން.

އިދިކޮޅު ކޯލިޝަނުން ކުޅެމުންދާ ސިޔާސީ ފިލްމުގެ ފަހު ތަޅާލުންގަނޑު އޮންނާނެ ދުވަސް އިދިކޮޅު އެމްޑީޕީން އިއުލާންކޮށްފިއެވެ.

2018 ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަކީ ކޯލިޝަނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ސަރުކާރާ ދެކޮޅު ތިން ޕާޓީއެއްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން ވެސް ބޭނުންވަނީ ވެރިކަމެވެ. ތަޅާ މަރާފަނަމަވެސް ހުރިހާ ލީޑަރުން ބޭނުންވަނީ ވެރިކަމެވެ.

އެހެންކަމުން އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި 2018 ގައި ނެރޭނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް މިހާތަނަށް ބޭއްވި މަޝްވަރާތަކުން ވަކި ގޮތެއް ނިންމިފައި ނެތް ނަމަވެސް، އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، އެމްޑިޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިދިކޮޅުން ވާދަކުރައްވާނީ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ ވެސް އެއީ ކަމަށާއި، ކޯލިޝަންގެ ފަރާތުން ވެސް ކެނޑިޑޭޓުގެ ގޮތުގައި ރައީސް ޔާމީންއާ ވާދަކުރަން ނަޝީދު ނެރުމަކީ އެމްޑީޕީގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލާނެއެވެ. އަދި މޭ މަހު ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ މިނިންމުމަކީ ކޯލިޝަންގެ އެހެން ލީޑަރުންނަށް ގަބޫލުކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނީ ނަޝީދު ވެރިކަމަށް ގެނައުމަށެވެ. އެގޮތައް ނުގެނެވިއްޖެނަމަ، ކޮންމެ ފަދަ މީހަކަށް ވޯޓް ދީގެން ނަމަވެސް ރައީސް ޔާމީން އިންތިޚާބުގައި ބަލިކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމަށް ވާދަ ނުކުރެވޭނަމަ އެޕާޓީން އުމަރު ނަސީރު ނެރެންޖެހުނަސް އެކަމަށް ވެސް ތާއީދުކުރާނެ ކަމަށާއި، ނަމަވެސް އެފަދަ ހާލަތެއްގައި އުމަރު ވާދަކުރައްވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީގެ މިވަގުތު ސިޔާސީ އެންމެ މަގްބޫލު ޝަހުސިއްޔަތަކީ ނަޝީދު ކަމަށް މުޅި ޕާޓީން ދެކޭ ކަމަށް ހަސަން ވިދާޅުވި އިރު ނަޝީދަށް 2018 ގައި ބާއްވާ ރިޔާސީ އިންތިޚަބުގައި ވާދަ ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއްނެތެވެ. 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދަކީ މީގެކުރިންވެސް ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ކުރުމުން ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެހުމަށް ފަހު ހޯހޯ ވިދާޅުވެ، މަގާމުން އިސްތިއުފާދެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އެމަނިކުފާނަކީ ޖަލު ހުކުމަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި މިވަގުތު އަމިއްލައަށް އަރުވާލެވިގެން ހުންނެވި ބޭފުޅެކެވެ. އަދި ރައީސް ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގައި ބަލިކުރުމަށް ނެރެން ވެސް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ނަޝީދު ކަމަށް ހަސަން ވިދާޅުވި އިރު، ނަޝީދަކީ 2013 ގައި ރައީސް ޔާމީނާ ވާދަކުރައްވައިގެން ބޮޑުތަނުން ބަލިވެފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޓެރެރިޒަމްގެ ކުށް ސާބިތުވެ ތޭރަ އަހަރަށް ޖަލަށް ލެއްވުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސީވިލާތަށް ވަޑައިގެން ފިއްލާފައިވާ ގައިދީ ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެމަ، ޖަލުގައި ހުރި ކޮންމެ މީހަކަށްވެސް މި އިންތިޚާބުގައި ވާދަކުރެވޭނެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ކޮންމެ ޕާޓީއަކުންވެސް 2018 ގެ ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައި ވަނިކޮށް، އެމްޑީޕީގެ މިނިންމުމާ ގުޅިގެން ވެރިކަމުގެ ފޮނި ހުވަފެން ދެކެމުންދިޔަ ފަރާތްތަކުގެ ހިތްތަކަށް ނުތަނަވަސްކަން ލިބިގެންދާނެއެވެ.

އަދި ނަޝީދު ފަދަ ގައިދީއަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަކީ ބޭކާރު ކަމަކަށް ވުމުން އެހިސާބުން ކޯލިޝަންގައި ހުޅު ހިފާ، އެންމެ ފަހުން ވެރިކަމުގެ ދަހިވެތި ކަމުގައި މީގެ ދެ އަހަރު އުފެއްދި ކޯލިޝަނުން ކުޅެމުން ދިޔަ ސިޔާސީ ފިލްމުގެ ނިމުން ގާތްވެ، ފަހުތަޅާލުން ގަނޑުގައި ފެންނަ ބޮޑު މަންޒަރު ބަލަން ރައްޔިތުން ތިބޭނެކަން ޔަގީނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...