ބައެއް ދީނީ އިލްމުވެރިންގެ ބަހުގެ ހަމަލާތައް ކުރީގެ ރައީސް ނަޝީދަށް

އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ތަކުރާރުކޮށް ފާޑުވިދާޅުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އަމާލް ކުލޫނީ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރާއްޖޭގައި އަމިއްލައަށް ޝައިޚުންނަށް ވެގެން ބަޔަކު އުޅޭނަމަ އެކަން ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ބައެއް ދީނީ އިލްމުވެރިން ގޮވާލައިފިއެވެ.

ރާއްޖޭގައި އަމިއްލައަށް ޝައިޚުންނަށް ވެގެން ވާހަކަދައްކާ ބަޔަކު އުޅޭކަމަށް ވިދާޅުވެ، އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަކާއި ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އައްޝައިޚު އަލީ ޒައިދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އަމިލައަށް ޝައިހުންނަށް ވެގެން އުޅޭ ބަޔަކު އުޅޭ ނަމަ ލަސްނުކޮށް ކަމާ ބެހޭ ފަރާތް ތަކަށް އަންގަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ދީނީ އިލްމުވެރިގެ ގޮތުގައި ތިއްބެވީ ބައިނަލްއަގުވާމީ ޔުނިވާސިޓީ ތަކުން ތައުލީމު ހާސިލް ކޮއްފައިވާ މީހުން ކަމަށާއި، ރާއްޖޭގެ ތިބި އިލްމުވެރިންގެ އަތުގައި އެންމެ ކުޑަވެގެން ބީ.އޭ ޑިގްރީއެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ޝައިޚުންގެ ލަގަބަކީ އިސްލާމިކް މިނިސްޓިރީން އެ ސެޓިފިކެޓް ތަކަށް ބެލުމަށް ފަހު ދޭ ލަގަބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލާދީނީ މީހުން ދިފާއު ކުރަމުންދާ ޖަމާއަތްތަކެއް ރާއްޖޭގައި އުޅެމުންދާ ކަމަށާއި އޭގެތެރޭގައި މޯލްޑިވްސް ޑިމޮކުރަސީ ނެޓްވޯކް، އަދި ޓްރާސްޕޭރެންސީ މޯލްޑިވްސް ހިމެނޭކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި އަމިއްލައަށް ޝައިޚުންނަށް ވެގެން ބަޔަކު އުޅޭ ކަމަށް ވިދާޅުވެ، ނަޝީދު ކުރެއްވި ޓުވީޓާ ގުޅިގެން އައްޝައިޚު ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އެހެން ވިދާޅުވިނަމަވެސް، އަދި މިހާތަނަށް އެފަދަ ޝެއިޚުންތަކެއް ފެނިފައި ނުވާ ކަމަށެވެ.

އެގޮތުން ދީނުގެ ދައުވަތުގެ މައިދާނުގައި އޭނާ މިހާތަނަށް ހޭދަކުރެއްވި މުއްދަތުގައި ވެސް އަދި އޭގެ ކުރިންވެސް، އަމިއްލައަށް ވެގެން އުޅޭ ޝެއިޚުންތަކެއް ފެނިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ އެހެން ބޭފުޅެއްގެ ފަރާތްޕުޅުންވެސް އެފަދަ ޚަބަރެއް ލިބިފައިނުވާކަން ޑރ. އިޔާޒް ފާހަގަކުރައްވާފައިވެއެވެ. އޭނާ ވަނީ އަމިއްލައަށް ދީނީ އިލްމުވެރިންނަށް ވެގެން އުޅޭ ބައެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ލަސްނުކޮށް އިތުބާރު ހިފޭ ދީނީ އިލްމުވެރިއަކާ އެކަން ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަދި ރާއްޖޭގެ ދީނީ އިލްމުވެރިން ރީތި ނަސޭހަތާއި ވައުޟުގެ ޒަރިއްޔާއިން އެފަދަ މީހެއް ނުވަތަ ބަޔަކު ހަމަމަގަށް އެޅުވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ ބަޔަކު ދައުލަތުގެ މައްޗައް ވެރިވެގަތުމަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ހާލަތެއް ކަމަށެވެ.

ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އާއްމުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކައް، ދީނީ އިލްމްވެރިންނާއި،  ޝާއިޚުންގެ ފުށުން ހަމަލާތައް ލިބެމުން އަންނަ ކަމަށާއި، މި ކަމަކީ ސަރުކާރުގެ ފަރާތުން ކުރުއްވާ ކަމެއް ކަމަށެވެ.

ދީނީ ބައެއް އިލްމުވެރިންގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުންގެ ނުރުހުން ސަހިންދާ އިސްމާއިލްމެން ފަދަ ބޭފުޅުންނަށް އަމާޒުވެފައިވަނިކޮށް، ނަޝީދު ވަނީ ސަހިންދާގެ ޓްވީޓަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. 
ސަހިންދާ ކުރި ޓުވީޓުގައި ބުނެފައިވަނީ މިދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ ކަމަށް. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ކަމަށް އޭނާކުރި ޓްވީޓްގައި ބުނެފައިވެއެވެ. ސަހިންދާ މިގޮތައް ޓުވީޓު ކުރައްވާފައިވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ކީރިތި ގުރުއާނަށާއި، ހަދީސްފުޅުތަކަށް ގޮންޖަހާ ތަކުރާކޮށް ވާހަކަ ދައްކަވަމުންދާ ނަޝީދު ވަނީ ގުރުއާނާ ހަދީސް ނޫން އެހެން އެއްޗެއް ބޭނުންވާ ކަމަށް ވިދާޅުވެ މީގެކުރިން ވެސް ވާހަކަ ދައްކަވާފައެވެ. އަދި ނަޝީދަކީ ރައީސުލްޖުމުހުރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެންވެސް މަސްތުވާތަކެއްޗަށް ހިއްވަރުދީ ވާހަކަ ދައްކަވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...