ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު 23 ރިޒޯޓް ހުޅުވަނީ

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގައި އިތުރު 23 ރިޒޯޓް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ އަމާޒަކީ 2013 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ ތެރޭ އާ 50 ރިޒޯޓު ހުޅުވުން ކަމަށާއި މިހާތަނަށް 27 އާ ރިޒޯޓް ހުޅުވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ ރާއްޖޭގައި 23 ރިޒޯޓެއް ހުޅުވުމަށް ސަރުކާރުން މިސްރާބް ހިފާފައިވާ އިރު އަލަށް ހުޅުވާ ރިޒޯޓުތަކުގެ ތެރޭ ދުނޔޭގައި އެންމެ ހިނގާ އަދި އެންމެ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާލެ އަތޮޅަށް ނިސްބަތްވާ ތިން ރަށެއް ހިއްކައިގެން އަލަށް ހަދާ ހިލްޓަންގެ ވޯލްފޯޑް އެސްޓޯރިއާ، ކ. އެނބޫދޫފަޅުގައި ހަދާ ހާޑް ރޮކް ހޮޓެލްސް، އިޓަލީގެ ޑިޒައިން ރިޒޯޓެއް ކަމަށްވާ ބެގްލިއޯނީ މޯލްޑިވްސް ހިމެނޭ އިރު، ކ. އޮޅަހަލީގައި ހަދާ ލަކްސް ނޯތު މާލެ، މާމުޓާގައި ހަދާ ޕުލްމަން މޯލްޑިވްސް، ރިއު ހޮޓަލްސް، ނ. ކުރެދިވަރުގައި ހަދާ މޫވެންޕިކް ރިޒޯޓްސް، ކ. އަކިރިފުށީގައި ހަދާ އެޓޮމްސްފިއާ އެޓް ސަންގެލި ރިޒޯޓް، ށ. ވަގަރުގައި ހަދާ ޖޭ ޑަބްލިއު މެރިއޮޓް، ރ. މާމުނަގައުގައި ހަދާ އިންޓަކޮންޓިނެންޓަލް ރިޒޯޓް ހިމެނެ އެވެ. ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދާދި ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވެސް 13 އާ ރިޒޯޓެއް ވަނީ ހުޅުވާފަ އެވެ.

އިތުރު 23 ރިޒޯޓެއް ރާއްޖޭގައި ހުޅުވުމާ އެކު އަލަށް 18،000 ވަޒީފާ އުފެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންދާޒާކުރާ އިރު، އެ ވުޒާރާގެ ބަޔާނުގައި ވަނީ މިއަހަރު އެކަނިވެސް ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީތަކުގެ އަގު ވަޒަން ކޮށްފަ އެވެ. އެ ވުޒާރާއިން ބުނާ ގޮތުގައި ފާއިތުވި ފަސް އަހަރު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އައި ކަމަށާއި އަހަރަކު ޖުމްލަކޮށް 7.7 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...