އެހެން ދީންތަކަށް ހިތްވަރުދީ ސަހިންދާ ޓުވީޓު ކުރުމުން، ނަޝީދު ސަހިންދާއަށް ހިތްވަރުދީފި

އިސްލާމް ދީނާ ޚިލާފުވާގޮތަށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ސަހިންދާ އިސްމާއީލް ޓުވީޓުކުރި ވާހަކައިގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތެދުވެއްޖެއެވެ. 

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސަހިންދާ އިސްމާއީލް އެހެން ދީންތަކަށް ހިތްވަރުދީ ޓުވީޓު ކުރުމާއި ގުޅިގެން ޝަހިންދާ އިސްލާހުވުމަށް ދީނީ ބައެއް އިލްމްވެރިން ގޮވާލައްވާފައިވަނިކޮށް، އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ ދީނީ އިލްމުވެރިންނަށް ފާޑު ވިދާޅުވެފައެވެ.

ނަޝީދު ސިފަަކުރައްވާ ގޮތުގައި ސަހިންދާއަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މީހެކެވެ. ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އާއްމުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކައް، ދީނީ އިލްމްވެރިންނާޢި " ޝޭހުން" ގެ ފުށުން ހަމަލާތައް ލިބެމުން އަންނަ ކަމަށާއި، މި ކަމަކީ ސަރުކާރުގެ ފަރާތުން ކުރުއްވާ ކަމެއް ކަމަށެވެ.


އަދި ދީނީ ބައެއް އިލްމުވެރިންގެ އިތުރުންރާއްޖޭގެ ގިނަ ރައްޔިތުންގެ ނުރުހުން ސަހިންދާއަށް އަމާޒުވެފައިވާ މިދަނޑިވަޅު ސަހިންދާއަށް ހިތްވަރުދީ ނަޝީދު ވިދާޅުވެފައިވަނީ ދީނީ ހަމަތައް ކިޔާދެއްވައި ބޭފުޅުންނާއި އިދިކޮޅައް ސަހިންދާ ތެދުވުމަކީ ސަރުކާރު ވެއްޓިގެން ދިޔުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. 

ސަހިންދާ ކުރި ޓުވީޓުގައި ބުނެފައިވަނީ މިދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ ކަމަށެވެ. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ކަމަށް އޭނާކުރި ޓްވީޓްގައި ބުނެފައިވެއެވެ. ސަހިންދާ މިގޮތައް ޓުވީޓު ކުރައްވާފައިވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުނެވެ.


ސަހިންދާގެ ޓުވީޓަށް ރައްދު ދެއްވައި ޝައިހް ޒައިދު ފޭސްބުކްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގައި ލާދީނީ މީހުން ވަރަށް ގިނަ ވެފައިވާ ކަމަށެވެ. އަދި މާތްﷲ އިންސާނާއަށް ސިކުނޑި ދެއްވައި ހެވާއި ނުބައި ލެއްވީ، ހެވާއި ނުބައިގެ ތެރެއިން ރަނގަޅުގޮތް އަމިއްލައަށް އިހްތިޔާރުގައި ދެނެގަތުމަށް ކަމަށް ޝައިޚު ވިދާޅުވިއެވެ. 


އަދި އިބިލީހާއި އޭނާގެ އައުވާނުންނަށް ތަބާވާ މީހުންނަށް ތެދުމަގު ފެންނާނީ ވަރަށް ފަނޑުކޮށް، ދަށްކޮށް ކަމަށް ވިދާޅުވިއެވެ. ސަހިންދާ އަކީ އެމްޑިޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލްގެ ކޮއްކޮއެވެ. އަދި ކުރީގެ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު ހުސައިން ޝަމީމުގެ އަންހެނުންކަން ފާހަގަކޮށްލެވެއެވެ.


އިސްލާމް ދީން ފިޔަވައި އެހެން ދީން ނޫން އެހެން ދީންތަކަށް އުޅުމަށް ހިތްވަރުދީ ސަހިންދާ ޓުވީޓު ކުރި އިރު، މީގެ ދުވަސްކޮޅެއް ކުރިން ވެލެޒިނީ ވަނީ ނަބީކަމާއި ރަސޫލުކަމަށް ދައުވާކޮށް ފާޅުގައި ވާހަކަ ދައްކާފައެވެ. 

ސަހިންދާ މިފަދައިން ޓުވީޓު ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ކުށްވެރިކޮށް، އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް ބަޔާނެއް ވެސް ނެރެފަވެއެވެ. މީގެއިތުރުން އިސްލާމްދީނާ ދެކޮޅު ކޮންމެ މީހެއްގެ ފަހަތުގައި ހިތްވަރު ދިނުމަށް ނަޝީދު ހުންނެވި އިރު، ނަޝީދަކީ މީގެކުރިން ވެރިކަމުގައި ހުންނަވައިގެން ވެސް އިސްލާމް ދީނާ ޚިލާފް އެތައް ވާހަކަތަކެއް ދައްކަވާފައިވާ ބޭފުޅެކެވެ.

އެގޮތުން ގުރުއާނާ ހަދީސް ނޫން އެއްޗެއް ބޭނުންވާ ކަމަށް ވިދާޅުވެ، ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް، ނަޝީދު ވަނީ ޑެންމާކުގައި ވާހަކަ ދައްކަވާފައެވެ. މީގެއިތުރުން ވެސް 2009 ވަނަ އަހަރު ދެއްވި ރޭޑިއޯ ޚިޠާބުގައި ކީރިތި ގުރުއާނަށް ހަޖޫޖަހާ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފަށް އިސްލާމީ ޝަރީޢަތް ގާއިމް ނުކުރުމަށް ގޮވާލެއްވިއެވެ.

އެގޮތުން ހައްދު ނުޖެހުމަށާއި، އަތް ނުކެނޑުމަށާއި، ރަޖަމް ނުކުރުމުގެ އިތުރުން މަރަށް މަރު ނުހިފުމަށް ނަޝީދު ގޮވާލެއްވިއެވެ. މިއީ ރާއްޖޭގެ ރައްޔިތުން އެދޭކަމެއް ނޫންކަމަށް ވިދާޅުވެ، ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ވެސް ނަޝިދު ވަނި ވިދާޅުވެފައެވެ.

އަދި ހަމަ މިކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އާންމު ބައްދަލުވުންތަކުގައި ވެސް ގޮވާލާފައިވެއެވެ. އަދި ނަޝީދު، 2009 ވަނަ އަހަރު ދެއްވި ރޭޑިއޯ ޚިޠާބެއްގައި ސުވަރުގެއާއި ނަރަކައާ ބެހޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


އަދި އެވާހަކަތަކަކީ އަންހެނުންގެ ހައްގަށް އުނިކަން އަންނާނެ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ސުވަރުގެއާ ނަރަކައިގެ ވާހަކަތައް ނުދައްކާ އޭގެ އަނެއް ކޮޅު ވާހަކަތައް ފާޅު ކުރުމަށްވެސް ނަޝީދު ގޮވާލެއްވިއެވެ. މީގެއިތުރުން ވެސް މަސްތުވާތަކެއްޗަށް ހިތްވަރުދީ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންދާ ނަޝީދު ވަނީ ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރުދީ ވާހަކަ ދައްކަވާފައެވެ.

އަދި ދޮން މީހުން އުޅޭހެން އުޅުމުން އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ދޮން މީހުން އުޅޭހެން އުޅުމުން ސަލާމަތް ވެވިދާނެ ކަމަށް ވިދާޅުވެ، އިސްލާމް ދީނާ ޚިލާފް ވާހަކަތައް ނަޝީދު ދެއްކެވިއެވެ. އެމްޑީޕީގެ ވައުދުގެ ދަތުރުގައި 2012 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ ތެރޭގައި ށ. އަތޮޅުގެ ރަށްތަކަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ފުނަދޫގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ ފުލުހުންގެ ވާޖިބަކީ ތަނެއްގައި ބަނގުރާފުޅިއެއް ބަހައްޓާފައި ހުރުމުން ނުވަތަ ޒުވާން ކުއްޖަކު ހަކުރު ޕަކެޓެއް ހިފައިގެން އުޅުމުން މަތިންނާއި އަޑިން ނުވަތަ ހަތަރު ފަރާތުން އަރައި ހަމަލާދިނުން ނޫން ކަމަށެވެ.


ނަޝީދު މިމޭރުމުން ވާހަކަދައްކަވާފައި ވަނީ ނަޝީދުގެ ގާތް އެކުވެރިންތަކެއް ހދ. ހޮނޑައިދޫ ގޮނޑުދޮށުގައި ތިބެ، ބަނގުރާ ބޮއި މަސްތުގެ ހާލަތުގައި ތިއްބާ ފުލުހުން އެރަށަށް އަރާ އެބައިމީހުން ހައްޔަރުކުރި ފަހުންކަން ފާހަގަކޮށްލެވެއެވެ.

ނަޝީދުގެ ވާހަކަތައް މިމޭރުމުން ހުރި އިރު، މިއަދާ ހަމައަށް ވެސް ނަޝީދާ މެދު ގާނޫނީ ފިޔަވަޅެއް އެޅިފައި ނުވާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ނަޝީދުގެ އަމަލުތައް މިފަދައިން ހުރި އިރު، ސަހިންދާއަށް ހިތްވަރު ދިނުން މިއީ ދިވެހިންނަށް އާކަމަކަށް ނުވާނެކަން ޔަގީނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަލީ 29 ޑިސެމްބަރު 2017 - 21:41

    އިސްލާމް ދީނާ ދެކޮޅު ކޮންމެ މީހެއްގެ ފަހަތުގައި ނަޝީދު ހުންނާނެ. އެމްޑިޕީގެ ލާދީނީ ފިކުރު

  2. ޢަލީ އަޙުމަދު 29 ޑިސެމްބަރު 2017 - 19:08

    ނަޝީދު އަކީ ދެއުޅިއެއްނުވާ ބޯގޯސް މީހެއް

ގުޅުން ހުރި
Loading...