ދޭދޭ ގައުމުތަކާއެކު ގުޅުން ޤާއިމްކުރަނީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެނެއް ނޫން

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު، ރާއްޖެ ވަޑައިގެން ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖެއިން ދޭދޭ ގައުމުތަކާއެކު ގުޅުން ޤާއިމްކުރަނީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެނެއް ނޫނެވެ. މިފަދަ ގުޅުންތައް ދުނިޔޭގެ އެކި ޤައުމުތަކާއެކު ބަދަހި ކުރަނީ މުޅި ގައުމުގެ ހެވާ ލާބައަށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައިވަނީ ވަކި ބޭފުޅަކު މަޤާމުން ވަކި ކުރުމަކުން ނުވަތަ އިސްތިއުފާ ދިނުމަކުން އެ ޤައުމަކާއެކު އޮންނަ ގުޅުން ހީނަރުވެ ނުވަތަ އެގުޅުން ކެނޑިގެންދާ އުސޫލަކުންނޫނެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު މަޤާމްގައި ހުންނެވުމަށް ޝަރުތު ހަމަނުވާކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާއެކު ނަވާޒު ޝަރީފްވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. ނަވާޒު ޝަރީފް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕާކިސްތާނާ ދިވެހި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދާނެ ކަމަށް ބުނެ ދިވެހި ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ޕާކިސްތާނަކީ ދިވެހިރާއްޖެއާ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްގެ އިތުރުން ސާކްގެ މެމްބަރު ގައުމެއްވެސްމެއެވެ. އަދި ޕާކިސްތާނަކީ މުސްލިމު ދައުލަތެއް އޮންނަ މުސްލިމު ގައުމަކަށްވީ އިރު ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ފަރާތްތަކުން ވަދެ، އެކަންކަމާ ބެހި، ވަކިކޮޅަކަށް ބުރަވެ އަމިއްލަ ގޮތްތަކެއް ނިންމުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ޕާކިސްތާނުގެ ލީޑަރ ޝިޕް، ކޮންމެ ބޭފުޅެއްގެ އަތްމަތީ އޮތްކަމުގައި ވިޔަސް ދިވެހިރާއްޖެއާ ޕާކިސްތާނު ސަރުކާރާ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އުފެދިފައިވާ ރަހުމަތްތެރި ކަމާ އަހުވަންތަ ކަމުގެ ގުޅުން އޮންނާނެއެވެ.
 
ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ނަވާޒު ޝަރީފްގެ ޒާތީ ކަންކަމަށް ނިސްބަތްވާ ފަދަ ގޮތްގޮތަށް ދިވެހިންގެ ތެރެއިން ބަޔަކު ވާހަކަ ދައްކާ އަދި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާފަދަ ގޮތްގޮތައް މިއަދު ބައެއް ދިވެހިން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވެއެވެ. އަދި މީގެއިތުރުން ބޮޑު ވަޒީރު ނަވާޒު ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމުން ރާއްޖެއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައިވާ ކަންކަން ކުރިއަށް ނުދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ހަގީގަތާ ޚިލާފް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ގައުމެއްގެ ވެރިން ބަދަލުވިޔަސް ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކާއި، އެއްބަސްވެފައިވާ ކަންތައްތައް ކުރިއަށްދާނެއެވެ.

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތަށް މާލެ ވަޑައިގެން ނެވި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން ފޮރިން ސާވިސްގެ ދާއިރާއިންނާއި، ޓޫރިޒަމް ދާއިރާއާއި ވިޔަފާރީގެ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ ސޮއިކުރައްވާފައެވެ.
ނަވާޒު ޝަރީފު މަޤާމުން އިސްތިއުފާދެއްވި ނަމަވެސް ފަންސާސް އެއް އަހަަރުވެފައިވާ ދެގައުމުގެ ގާތްގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަން ޤަބޫލުކުރަން ޖެހެއެވެ.

ނަވާޒް ޝަރީފް މަގާމްގައި ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވިއިރު، މިއީ އެމަނިކުފާނު ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރައްވާ ތިންވަނަ ދައުރެވެ. އެގޮތުން ފުރަތަމަ ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 1990 ވަނަ އަހަރުއެވެ. ނަމަވެސް 1993 ވަނަ އަހަރު އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭގެ ފަހުން ދެން ބޮޑުވަޒީރުކަަމަށް ވަޑައިގެންނެވީ 1997 ވަނަ އަހަރުއެވެ. ނަމަވެސް 1999 ވަނަ އަހަރު އަސްކަރިއްޔާ އިން ގެނައި ބަޣާވާތެއްގައި އަނެއްކާވެސް ނަވާޒު ޝަރީފްވަނީ މަގާމުން ދުރުކޮށްފައެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު މަގާމު ގެއްލި ވަޑައިގެންނެވިއިރު އޭނާ އަކީ ޕާކިސްތާންގެ 18 ވަނަ ބޮޑުވަޒީރުކަން ފާހަގަކޮށްލެވެއެވެ. ޕާކިސްތާންގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި 18 ބޭފުޅުންނަށްވެސް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...