ފަސް ރުފިޔާގެ ކަރުދާސް ނޫޓު ބޭނުން ކުރެވޭނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް: އެމްއެމްއޭ

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ކުރީގެ ފަސް ރުފިޔާއަކީ ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ރުފިޔާގެ ތެރެއިން، 2017 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ ފަސް ރުފިޔާގެ ކަރުދާސް ނޫޓުތަކަކީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ނޫޓުތައް، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރަކަށް ބަދަލުކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާ ނޫޓުތަކުގެ ސިއްކައިގެ އަގު، އެ އޮތޯރިޓީން ލިބިދޭ ގޮތަށް ވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ބޭނުން ކުރަން ފެށި ފަސް ރުފިޔާގެ ޕޮލިމަރ ނޫޓުން ރަމްޒުކޮށްދެނީ މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުމެވެ. މި ނޫޓަކީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ރަންދިހަ ފަހެއްގެ ނަމުގައި ނެރުނު އާ ނޫޓު ސީރީޒްގައި ހިމެނޭ ނޫޓެކެވެ.

އެ ނޫޓު ސީރީޒްގައި ފަސް ރުފިޔާގެ އިތުރުން 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ، އަދި 1،000 ރުފިޔާގެ ނޫޓުތައް ހިމެނެއެވެ. މި ނޫޓުތައް ފަރުމާކޮށްފައިވަނީ ނޫޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ، ގެއްލުމެއް ނުވެ ގިނަ ދުވަހު ބޭނުން ކުރެވޭ ފަދަ ނޫޓުތަކެއްގެ ގޮތުގައެވެ.

ފަސް ރުފިޔާގެ ޕޮލިމަރ ނޫޓެއް މިއަހަރު ތައާރަފްކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަސް ރުފިޔާ ނެރެން ނިންމީ ދަގަނޑު ފައިސާ ފޮއްޗެއްގެ ގޮތުގައެވެ. ނަމަވެސް ފަސް ރުފިޔާގެ ޕޮލިމަރ ނޫޓެއް ނެރުމަށާއި ދެ ރުފިޔާގެ އާ ދަގަނޑު ފައިސާ ފޮއްޗެއް ނެރުމަށް މަރުކަޒީ ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...