މުޅި ރާއްޖެ ހިމެނޭ ވީޑިއޯ މެޕެއް 360 ޑިގްރީކޮށް ހަދަން ބަޔަކާ ހަވާލުކޮށްފި

މުޅި ރާއްޖެ ހިމެނޭ ވީޑިއޯ މެޕެއް 360 ޑިގްރީކޮށް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑޮނޭޝިޔާގެ ގެކޯ ޑިޖިޓަލް ކުންފުންޏާއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރްސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ. އަދި ގެކޯ ޑިޖިޓަލް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންދުނީގެ ސީއީއޯ ޖޭމްސް ސައުތުއެވެ.

މި މަސައްކަތަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އޮންލައިން އެންޑް ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ކުރާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އެމްއެމްޕީއާރްސީގެ އެކްޓިންގ އެމްޑީ ހާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ހާރިސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާ މި މެޕަކީ މުޅި ރާއްޖެ ފެންނަ 360 ޑިގްރީ ވީޑިއޯއެއްގެ މެޕެއް ކަމަށާއި ރާއްޖެ އަށް އެ މެޕް ހަދިޔާ ކުރަނީ ހިލޭ ކަމަށެވެ. އަދި މި މެޕުގެ ސަބަބުން ޓުއަރިޒަމް ސިނާއަތުގެ ފައިދާ ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ގެކޯ ޑިޖިޓަލްއާ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުން އެ މަސައްކަތް ނިންމުމަށެވެ. އެހެންނަމަވެސް މުޅި މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އުންމީދަކީ އަންނަ މާޗް މަހު މި މެޕްގެ ބޮޑު ބައެއް ނިންމާލުން ކަމަށް ހާރިސް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...