ފިކުރީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވައްޓާލުމަށް ދިވެހިންގެ ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންއެބަދޭ: އިކޮނޮމިކް މިނިސްޓަރ

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

ފިކުރީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވައްޓާލުމަށް ދިވެހިންގެ ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


މިނިވަން ދުވަހާ ގުޅިގެން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ އިގުތިސާދީ ގޮތުން ބަލިކަށި ކޮށްލުމަކީ ދީނީ އެއްބައިވަންތަކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލި ފިކުރީ ހަނގުރާމައެއްގެ ތެރެއަށް ގައުމުވެއްޓިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލައި، އަމިއްލަ ގައުމަށް ގެއްލުން ދިނުމަށް ބަޔަކު ކުރަމުންދާ މަސައްކަތާ ދެކޮޅަށް ދިވެހިން ތެދުވަންޖެހޭނެ ކަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އަމާން ސުލްހަވެރި ގައުމެއްކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. 

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މުޒާހަރާއާއި ހަމަނުޖެހުމުގެ ތެރެއިން ގައުމު ތަރައްގީ ނުކުރެވޭނެއެވެ. ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކީ ފިކުރީ ހަނގުރާމައާއި ވާދަކުރުންތަކުގެ ތެރެއިން ގައުމަށް ތަރައްގީ ގެނެސްދެއްވާނެ ގާބިލު ބޭފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އިގުތިސާދީ ގޮތުން ފުދުންތެރި އަމިއްލަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އިސްލާމް ދީން ކަމަށްވެސް މިނިސްޓާރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ މައި ދޮރާށި ކަމަށްވާ މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގެ ބިޔަ މަޝްރޫޢާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ސަރުކާރަށް އާމްދަނީ ލިބުމުގެ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަކީ ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާނެ މަޝްރޫޢަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު އޭޝިޔާގެ ގައުމުތަކަށް ދޫނުކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...