ނ. އަތޮޅުގައި 60 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫޢުތަކެއް ހިންގަން ޔޫއޭއީއާ ހަވާލުކޮށްފި

އެންމެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ނ. އަތޮޅު ތަރައްގީ ކުރުމަށާއި އެ އަތޮޅު މާފަރުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ޔޫއޭއީއާކު ދިވެހި ސަރުކާރުން 60 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ އަބޫ ދާބީ ފަންޑާއެކު ސޮއިކުރެއްވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ނ. އަތޮޅު މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި އެ އެއާޕޯޓުގައި ސިޓީ ހޮޓަލެއް އެޅުމުގެ އިތުރުން ޑިޖިޓަލް ސްކޫލް ޕްރޮގްރާމަކަށް އެހީވުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ހަރަދު ވާ މާފަރު އެއާޕޯޓާއި ސިޓީ ހޮޓެލް މަޝްރޫއަކީ އަބޫދާބީ ފަންޑުން ޚަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި މަސައްކަތާ ހަވާލުވާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމަށްފަހު އެ މަސައްކަތް ސިންގަޕޫރުގެ ޓަފް އޮފްޝޯ އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މާފަރު އެއާޕޯޓާއި ސިޓީ ހޮޓެލް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެތަންތަން ހިންގަން ހަވާލުކުރާ ބައެއް ކަނޑައަޅާނީ އެ މަސައްކަތް ނިންމުމަށްފަހު އެތަން ސަރުކާރާ ހަވާލު ކުރުމުން ކަމަށެވެ.

އެއާޕޯޓަކާއި ސިޓީ ހޮޓަލެއްގެ އިތުރުން ނ. އަތޮޅު އެންމެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ޒޯނެއްގެ ތަރައްގީ ކުރުމަށް ވެސް އަބޫދާބީ ފަންޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިކަމަށް ބޭނުންވާ އިންވެސްޓަރުން ހޯދުމަށް އެ ފަންޑުން ހަރަދުކުރަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވަނީ ވިދާޅުވެފައެވެ.

މާފަރުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރަކާއި ސިޓީ ހޮޓަލެއް އަޅަން ޔޫއޭއީއާ ހަވާލުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހެނބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ، މުޚާތަބު ކުރައްވަމުން މާފަރުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރަކާއި ސިޓީ ހޮޓަލެއް ޔޫއޭއީއިން ތަރައްގީ ކުރާނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި މި އެއާޕޯޓާއެކު ނ. އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...