ކާބުލްގައި އައިއެސްއިން ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިކަން ކުރާ ރަށް ކާބުލްގައި ހުންނަ އެގައުމުގެ އިންޓެލިޖެންސް އޭޖެންސީގެ ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެ ފަސް މީހުން ޒަހަމްވެއްޖެއެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ އުފުލާފައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ސަރަހައްދު ކައިރިން ދަތުރުކުރަމުންދިޔަ އަންހެނުންތަކެއް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ ދީފައިވަނީ އިންޓެލިޖެންސް އޭޖެންސީގެ މުވައްޒަފުންތަކެއް ޑިއުޓީއަށް ދިޔަ ވަގުތުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއެއްގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައިގެންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިފަހަކަށް އައިސް އަފްގާނިސްތާނުގައި ބޮން ގޮއްވާ ހާދިސާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ޝީޢީންގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 39 މީހުން މަރުވެފައިވާއިރު، މެއި މަހު ދިން މިފަދަ ހަމަލާއެއްގައި 150 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ 2001 ވަނަ އަހަރު ތާލިބާނުން މިފަދަ ހަމަލާއެއް ދިން ފަހުން ހިނގި އެންމެ ނުރައްކާތެރި ބޮން ގޮއްވުމުގެ ހާދިސާއެވެ.

ސީރިއާއާއި އިރާގުގައި އައިއެސް ޖަމާއަތުގެ މައްޗަށް ކާމިޔާބު ލިބިފައިވާ ކަމަށް އެ ގައުމުތަކުގެ އަސްކަރިއްޔާއިން ބުނެފައިވާއިރު، އަފްގާނިސްތާނުގައި އެ ޖަމާއަތުން ހަރަކާތްތެރިވާން ފެށީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...