ޤައުމީ މަޞްލަހަތު އިސްކުރުމަކީ، ސުނާމީ ކާރިސާ ފަދަ ކާރިސާތަކުން ދަސްކުރަންވީ ފިލާވަޅެއް: ރައީސް

ތަރައްޤީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއްކަމުގައި ބަލައިގަނެ، ޤައުމީ ރޫޙާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމުގައި ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ


އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައިއެވެ.


ރައީސްގެ ޚިޠާބުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ތަހުނިޔާ ދަންނަވައި، މި ދުވަސް ފާހަގަކުރަމުން ގެންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމުގެ ގޮތުންކަން ފާހަގަކުރެއްވިއެވެ.


އެގޮތުން، ސުނާމީ ކާރިސާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލި ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި ޤައުމު، ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނު އަދި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެއްކަމަށާއި އެ ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުން އެކުގައި ކުރި މަސައްކަތްތައް މިއަދުވެސް ހަނދާންކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.


މީގެ އިތުރުން، ސުނާމީ ކާރިސާއަށްފަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުން ޢިބުރަތް ޙާޞިލުކޮށް، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ޤައުމީ މަޞްލަހަތު އިސްކުރުމަކީ، މިފަދަ ކާރިސާތަކުން ދަސްކުރަންވީ ފިލާވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...