ހިންނަވަރުގެ ފެނުގެ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅު ހިންނަވަރަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ހިންނަވަރުގައި އިފްތިތާޙް ކުރެވިގެން ދިޔަ ރައްކާތެރި ބޯފެނުގެ ނިޒާމާއެކު 40 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ވަނީ ލިބިފައެވެ. ހިންނަވަރުގެ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އަމަލީ މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކޮށްފައިވާ ފެން ޕްލާންޓްތަކުން އުފައްދާ ފެން ރައްކާ ކުރުމަށް 850 ކިއުބިކް މީޓަރުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ. އަދި 7.5 ކިލޯމީޓަރުގެ ދިގު މިނުގެ ފެން ވިއުގައެއް މި މަޝްރޫއުގެ ދަށުން ޤާއިމް ކުރެވިގެންދާނެއެވެ. ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމްގެ ތެރޭގައި ފެން ޓެސްޓްކޮށް ތަހުލީލް ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް ވަނީ ގާއިމް ކޮށްފައެވެ.

އެގޮތުން މި ލެބޯޓްރީއިން ހިންނަވަރާއި ކައިރީގައިވާ އަތޮޅުތަކުގެ ރަށްތަކުގައި އުފެއްދޭ ފެނާއި އަދި ބޭނުންވާ އިތުރު ފެނުގެ ތަހްލީލްތައް ކުރެވިގެންދާނެއެވެ. މީގެ އިތުރުން ފެން އުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަ ކުރުމަށާއި ހިންނަވަރުގައި ހުރި ޤުދުރަތީ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަމާޒުކޮށް ވާރޭ ފެން ރައްކާ ކުރުމަށް 5 ތާނގީ މެދުވެރިކޮށް، ޕްލާންޓް ސައިޓްގައި ހިމެނޭ އެއްހާސް ނުވަސަތޭކަ ފަންސާސް ކިއުބިކް މީޓަރުގެ ވާރޭފެން ތާނގީއަށް ޖަމާކޮށް، އެފެނުގެ ސާފުކަން ޔަޤީން ކުރުމަށްފަހު، މި ނިޒާމުގެ ތެރެއިން ބޭނުން ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

އަދި ހަތްދިހަ ފަސް ކިލޯ ވޯޓްގެ ސޯލާ ޕެނަލް އިންސްޓޯލް ކުރެވި ދުވާލުގަޑީގައި ފެންއުފެއްދުމަށް މި ހަކަތަ ބޭނުންކުރެވޭނެ ނިޒާމްވެސް ވަނީ ގާއިމްކޮށްފައެވެ. މިމަޝްރޫއަކީ ތިނެއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ. މިފަދަ މަޝްރޫއުތައް މިހާ ކާމިޔާބް ކަމާއެކު ކުރިއަށް ގެންދެވެނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުންކަން ޔަޤީނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...