ބަޣާވާތްކުރުމާއި އިންޒާރު ދިނުމުގެ ރެކޯޑް އޮތީ ކޮން ބައެއްގެ އަތުގައިބާ!

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެކިއެކި ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމު ދިވެހިންގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވައިފިއެވެ.

ޓެރެރިޒަމްގެ ކުށް ސާބިތުވެ، ތޭރަ އަހަރަށް ޖަލަށް ލުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލާފައިވާ އެމްޑީޕީގެ ރޫހާނީ ލީޑަރ މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެން ބާއްވަން ނިންމި ބައްދަލުވުން ނުބޭއްވުނީ ބަޔަކު މީހުން ނަޝީދުގެ ފުރާނައަށް ގެއްލުންދޭން އުޅުމުން ކަމަށް ބުނެ، އެމްޑިޕީން ވަނީ ހަގީގަތާ ޚިލާފް މައުލޫމާތު ހާމަކޮށްފައެވެ.

އޭގެއިތުރަށް ނަޝީދު ލަންކާގައި ބާއްވަން ނިންމި ސިޔާސީ ހަރަކާތް ހުއްޓާލެއްވީ ދިވެހިންގެ ބަޔަކު ނަޝީދުގެ ފުރާނައަށް ގެއްލުންވާ ފަދަ ހަމަލާއެއް ދޭން އުޅޭކަމަށް ބުނެއެވެ. އަދި ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމު ވަނީ ސްރީލަންކާއަކީ ދިވެހިން ގިނަ ޖަރީމާތަކެއް ހިންގަމުންދާ ތަނެއްކަމަށް ވިދާޅުވެ ދިވެހިންގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމުތަކެއް އަޅުވާފައެވެ.

ނަސީމް ވިދާޅުވި ގޮތުގައި ލަންކާގައި ދިވެހިންގެ ބަޔަކު ހަމަނުޖެހުން ހިންގަން ހިތްވަރު ލިބުނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި މުހައްމަދު ހުސައިން ޝަރީފު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށެވެ. މުހައްމަދު ހުސައިން ޝަރީފްގެ މައްޗަށް މިފަދަބޮޑު ތުހުމަތެއް ކުރުމާއި ގުޅިގެން ނަސީމުގެ ވާހަކަތަކަށް ރައްދުދެއްވާ މުންދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަތިޔާރު އެތެރެ ކުރުމާއި، މީހުންނަށް އިންޒާރު ދިނުމުގެ ކުށުގެ ރެކޯޑު އޮތީ ކޮންބައެއްގެތޯ ސުވާލު އުފައްދާފައެވެ. އަދި ބަޣާވާތް ކުރުމާއި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑް އޮތީ ކޮންބައެއްކަން ރައްޔިތުންނަށް އޮޅިފައިނުވާކަމަށް ވިދާޅުވިއެވެ.

މުންދު މިފަދައިން ޓްވީޓުކުރައްވާފައިވާއިރު، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އަހުމަދު ނަސީމުގެ މައްޗަށް ބަޣާވާތް ކުރަން އުޅުމުގެ ކުށް ސާބިތުވެ ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމެއް އިއްވާފައެވެ. މީގެއިތުރުން ފަހުގެ ތާރީޚުގައި ރާއްޖޭގައި ވެރިކަމާ ތޮޅެން ބަޔަކު މީހުން ހިންގާފައިވާ ޖަރީމާތަކަށް ބަލާއިރު، ބަޣާވާތް ކުރުމާއި، ހަމަނުޖެހުން އުފެއްދުމާއި، ރައްޔިތުން ފިތުނަވެރި ކުރުމުގެ ރެކޯޑް އޮތީ ކޮން ބައެއްގެ އަތުގައިކަން ވަރަށް ރަގަޅަށް ތާރީޚުން ފެންނާން އެބަހުއްޓެވެ.

އެގޮތުން ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމާ ދެކޮޅަށް އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދުގެ ކާފާފުޅު ކެރަފާ ދޮންމަނިކު ނުކުންނެވިކަން އެނގެން އެބަހުއްޓެވެ. އަދި ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނުގެ ވެރިކަމާ ދެކޮޅަށް ނަޝީދުގެ ބައްޕާޕުޅު އަބްދުއްސައްތާރު ނުކުންނަވައި، އިބްރާހީމް ނާސިރު އަވަހާރަކޮށްލުމަށް ރާއްޖެއަށް ބަޑި އެތެރެކުރިއެވެ. އަދި އޭގެފަހުން ލޮޓަސް ސައިބޯނީގެ ތެރެއަށް ޖަހައިގެން ބަޑިއަށްލައްވާނެ ވަޒަން ރާއްޖެ އެތެރެކުރުމުން އަބްދުއްސައްތާރު ވަނީ  ހިފަހައްޓާފައެވެ.

އަދި އިބްރާހީމް ނާސިރުގެ ވެރިކަމަށް ފަހު ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު މައުމޫންގެ ވެރިކަމާ ދެކޮޅަށް ބަޣާވާތްކޮށް ވެރިކަން ވައްޓާލަން ނަޝީދުގެ ބައްޕާފުޅު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ ފަހުން 1988 ގެ ނޮވެންބަރު ތިނެއްގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ރާއްޖެ ގެނެސް ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރި ހަނގުރާމައިގައި ނަވާރަ ދިވެހިން ޝަހީދުކޮށްލި ހާދިސާގެ ފަހަތުގައި ވެސް ކެރަފާ އާއިލާގެ ބައެއް މީހުން ހިމެނެއެވެ. އަދި އެކެއްގެ ކިބައިން އަނެކާ ހިތްވަރު ލިބިގަނެގެން ނުކުތުމަށް ގޮވާލައްވަމުންދާ އިސްތިއުފާދެއްވި ރައީސް ނަޝީދަކީ އާއިލާ ތެރެއިން އެކަމަށް ހިތްވަރު ލިބިގަނެގެން ވެރިކަމާ ތޮޅެން ނުކުންނެވި ބޭފުޅެއްކަން މާޒީގައި ކަން ހިނގާފައިވާ ގޮތައް ބަލާއިރު އެބަހާމަވެއެވެ.

ނަޝީދަކީ ކެރަފާ އާއިލާއިން ރާއްޖޭގެ ވެރިކަމާ ތޮޅެން ކާފާފުޅުމެން ކުރަމުން ދިޔަ މަޝްވަރާތަކުގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި އަތްގާތްކޮށްލަންދެން ހުރި އަތްދަށު ވަޑިއެކެވެ.  އާއިލާތެރެއިން ހިތްވަރު ލިބިގަނެގެން ނުކުންނަވާ އެދުވަސްވަރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގާ މާލޭގެ އެކި ތަންތަނަށް ހަވަރުއެއްކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހާ ހެދުމުގެ ފަހަތުގައި ވެސް ނަޝީދު ހުންނެވިއެވެ.

އެންމެ ފަހުން 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ތިން އަހަރު ތެރޭގައި މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އަނެއްކާވެސް މާލެއާއި މުޅި ރާއްޖޭގައި ބޮޑު ހުޅުޖަހާ އަންދާލިއެވެ.  އަދި ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުން އަޒުލު ކުރުމުގެ މަސައްކަތް ނަޝީދު ފެއްޓެވިއެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަންޖެހޭ ކަމަށް ތަކުރާރުކޮށް ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިއާތަކުގައި މިއަދު ވެސް ނަޝީދު ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެހެންކަމުން މާޒީގައި ކަންހިނގާފައިވާ ގޮތައް ބަލާއިރު، ބަޣާވާތް ކުރުމާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމާއި، ހަމަނުޖެހުން އުފެއްދުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ރެކޯޑް އޮތީ ކޮން އާއިލާއެއްގައިކަން ވަރަށް ރަގަޅަށް ހާމަވެއްޖެއެވެ. އަދި އިހު ޒަމާނުގައި މަލާބާރީންނާ އަނދިރި އަނދިރިންނާ އަދި ޕޯޗްގީޒުންފަދަ އަނިޔާވެރި ޖަމާޢަތްތަކުން މިއަދު ރާއްޖެއަށް ކަނޑިބަޑިން ހަމަލާދޭން ނައި ނަމަވެސް ނަޝީދުގެ ބަހަށް ހެއްލި، ރާއްޖެއަށް ކަޅި އަޅަމުންދާ ބޭރުގެ ކަރަކަރައިގެ ޔަހޫދީ ޖަމާއަތްތަކުން ނަޝީދަށް ވެރިކަން ހޯދައި ދިނުމަށްޓަކާ ދިވެހި ސަރުކާރާ ވާހަކަ ދެއްކުމަށް އެކި ފަހަރުމަތިން ރާއްޖެ އައިސްފައިވާ ކަމީ މިއަދު ކޮންމެ ދިވެއްސަކު ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.

އެހެންކަމުން ދިވެހި ތާރީޚުން ފެންނަން އޮތް ކަޅު މުހައްމަދު ރަސްގެފާނުގެ އާއިލާއިން ރާއްޖެއާ މެދު އަމަލުކުޅަ ގޮތާއި ކެރަފާ އާއިލާއިން އަމަލުކުރަމުން މިދާ ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. މިއީ ދިވެހި ތާރީޚުން ފެންނަން އޮތް ހަގީގަތެއް. އަދި އެކަމަށް އެހީތެރިވެ ފުރިހަމަ އެއްބާރުލުމެއް ދެނީ ދިވެހިންގެ ތެރޭގައި ތިބި ބޮޑެތި ޚާއިނުންކަން ދިވެހި ތާރީޚު ހެކިދެއެވެ.

އެހެންކަމުން ބަޣާވާތް ކުރުމާއި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި އަދި މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑް އޮތީ ކޮންބައެއްގެ ކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ގައުމު 25 ޑިސެމްބަރު 2017 - 23:55

    ކެރަފާ އާއިލާއަކީ ރާއްޖޭގައި މަޝްހޫރުއާއިލާއެއް. އެކަމަކު ނުބައިވެގެންވާ ޖަރީމާތައް ހިންގުމަށް

  2. ބަކުރުބޭ 25 ޑިސެމްބަރު 2017 - 22:53

    ނުބައިވެގެންވާ ހުރިހާ ރެކޯޑެއް އޮތީ ކެނެރީގޭގައި.

ގުޅުން ހުރި
Loading...