ނަޝީދަކީ ކޮރަޕްޝަންގެ ޗެމްޕިއަނެއް: މިނިސްޓަރ ތޯރިޤް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރުވެސް، އަދި މިހާރުވެސް އެންމެ ބުރަކޮށް ކުރައްވަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ހާސިލްކުރުން ކަމަށް ތިމާވެއްޓާ ހަކަތަޔާބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގެ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަންކަން ހާސިލްކުރުމަށް މަސައްކަތް ކުރައްވާފައިވާކަމަށެވެ.


އެގޮތުން އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެ ސަރުކާރު ވުޖޫދަށް އައުމަށްފަހު ރައްޔިތުންގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތައް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޭން ޖެހުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ ނަތީއްޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެމުންދިޔަ އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ލިބި، ރާއްޖޭގެ ރައްޔިތުން އިތުރަށް ނިކަމެވެތިވެގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން މެޖޯރިޓީ އޮންނަ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ވިއްކާލުމަށްފަހު، އެވަރުން ނުފުދިގެން ރާއްޖޭގެ މައި ދޮރާށިވެސް ފައިސާގެ ދަހިވެތިކަމުގައި ވިއްކާލާފައިވާކަމަށާއި މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތޯރިޤް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުން ވެގެން ދިޔައީ ރާއްޖޭގެ ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންތަކެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކުރައްވަންޖެހުނު މަސައްކަތަކީ މިފަދަ ގޮތްގޮތަށް ވިއްކާލާފައިވާ ކުންފުނިތަށް އަނބުރާ ދިވެހިރައްޔިތުންނަށް ހޯދައިދީ ނަޝީދުގެ ސަރުކާރުގެ ދަރަނިތައް އަދާކުރުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ނަޝީދުގެ ސަރުކާރުގެ ދަރަނިތައް އަދާކުރަމުން ގައުމަށްވެސް ތަރައްޤީ ގެނެސްދެއްވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިއާދަ ކުރަނަވި ހަކަތަ ރާއްޖޭގެ ރަށްތަކުގައި ޤާއިމްކުރާ ވާހަކަ އަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި، އެކަން އަމަލީ ސިފައެއްގައި ފެންނަމުން ދާކަމަށެވެ.

އެންމެނަށް ރައްކާތެރި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންނަވަރުގައި ހުޅުވި ސާފު ބޯފެން ފޯރުކޮށްދެވޭނެ ނިޒާމަކީވެސް ސޯލާ ޕެނަލް އިންސްޓޯލް ކުރެވި ދުވާލުގަޑީގައި ފެން އުފެއްދުމަށް ހަކަތަ ބޭނުންކުރެވިގެންދާ ނިޒާމެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...