ކިތަންމެ ގިނަ ފައިސާއެއް ޚަރަދުވި ނަމަވެސް މަޝްރޫޢުތައް ހަޤީގަތަކަށް ހަދާނަން- ރައީސް

ކިތަންމެ ގިނަ ފައިސާއެއް ޚަރަދުކުރަންޖެހުނު ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޮޅުދޫގެ ބަނދަރު ރަސްމީކޮށް ހުޅުވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

61 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހޮޅުދޫގައި ޤާއިމްކޮށްފައިވާ 900 މީޓަރު ދިގު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ހޮޅުދޫގެ ރައްޔިތުން 19 އަހަރު ވަންދެން ދެކެމުން ދިޔަ އެއް ހުވަފެނަކީ ބަނދަރުގެ މަޝްރޫޢު ކަމަށެވެ.

އެގޮތުން މިއަދު އެ ރައްޔިތުން ދެކެމުންދިޔަ ހުވަފެން ހަޤީގަތަކަށް ވެގެންދިޔަ ދުވަހެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ފައިސާ ޚަރަދުކުރަން ޖެހުމަކީ މައްސަލައެއް ނޫންކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބޮޑެތި މަޝްރޫޢުތަކަށް މިލިއަނުން ފައިސާ ޚަރަދުވުމުން ބައެއް ފަރާތްތަކުން ފާޑު ކިޔުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ މެދެއް ހާ ހިސާބުގައި ރާއްޖޭގައި ކުރިއަށްދާ ހުރިހާ މަޝްރޫޢުތަކެއް ނިމިގެންދާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ދެ ތިން އަހަރު ބަޖެޓްގައި ޖަހައިގެން ކުރިއަށްދިޔަ މަޝްރޫޢުތައް އަންނަ އަހަރު ނިމި، 2019 އަހަރު ފެށޭއިރު ކެޕިޓަލް މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރަށް ރާއްޖޭގެ މައިގަނޑު ހުރިހާ ބޮޑެތި ދަރަނިތައްވެސް ފިލައިގެން ދާނެ ކަމަށެވެ. 

ހޮޅުދޫ ރައްޔިތުންނާއި މުޚާތަބުކޮށް ރައީސް ވިދާޅުވީ، ހޮޅުދޫއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މިއަދު އެ މައްސަލަ ޓެންޑާ ބޯޑުގައި އޮތް ކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ، މިއަދު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ކުރާ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ޖަލުތަކުގައި ތިބި ފަރާތްތަކަށް ކުރަންޖެހޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...