ރައީސް ޔާމީންގެ ޒަޢާމަތުގައި ބަނދަރުގެ މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާ ޚަރަދުވާނެ- މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބަނދަރުތަކަށް އެކަނި 2.5 ބިލިއަން ރުފިޔާ ޚަރަދު ވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުޢިއްޒު މިހެން ވިދާޅުވީ، ނ. ހޮޅުދޫ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނެވެ.

ހޮޅުދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހޮޅުދޫ ބަނދަރު ފަރުމާ ކޮށްފައިވާނީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އެގޮތުން ބަނދަރުގެ ދިގު މިން 600 ފޫޓުން 900 ފޫޓަށް އިތުރުކޮށްފައި ވާއިރު، އެއްގަމު ތޮއްޓާއި، ބޭރު ތޮށި ރަނގަޅުކޮށް، ދޯނި އެހެލެވޭނެ ތަނެއް ޤާއިމްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ ބަނދަރު ގެ މަޝްރޫޢުތަކަށް އެކަނިވެސް 900 މިލިއަން ރުފިޔާ ޚަރަދުވާކަން މިނިސްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ޒަޢާމަތުގައި ހޮޅުދޫއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށެވެ. އެގޮތުން ހޮޅުދޫ ރައްޔިތުން އެދިއެދި ތިބި އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކޮށް ހުޅުވާފައިވާކަމަށާއި، އަންނަ އަހަރުގެ ކުރީ ކޮޅު ފެން ހިންދާ ނިޒާމް ޤާއިމްކުރެވިގެން ދާނެ ކަމަށް އަލީ މުޙައްމަދު ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...