ތަރުބަވީ ތަޢުލީމުގެ ތެރެއިން އެކި ދާއިރާއިން ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނު ކޮށްފި

ޒުވާނުންނަކީ ޤާބިލު ހުނަރުވެރި، ޤައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އެ ފަރާތްތަކަށް ފައިދާކުރަނިވި ޢަމަލީ މަސައްކަތްތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގުރާމުތައް މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ޒުވާނުންނަކީ އިޤްތިޞާދީ ގޮތުން ބާރުވެރި ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި ޒުވާނުން ތަމްރީނުކުރެވޭ ދާއިރާތައް ކަނޑައަޅަނީ ރަނގަޅު އާމްދަނީއެއް ލިބޭ، ޑިމާންޑް ބޮޑު ދާއިރާތަކެއްކަން ބެލުމަށްފަހުގައިކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކޯސްތަކުގެ ތެރެއިން ރެފްރިޖަރޭޝަން އެންޑް އެއާރކޮންޑިޝަނިންގ ގެ ދާއިރާއިން 166 ޒުވާނުން ތަމްރީނުކޮށްފައި ވާއިރު، ވެލްޑިންގ ގެ ދާއިރާއިން ވެސް ތަމްރީނު ޕްރޮގުރާމެއް ހިންގާފައިވާނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، އޭވިއޭޝަންގެ ދާއިރާއިން ހިންގި ޓިކެޓިންގ އެންޑް ރިޒަވޭޝަން ޕްރޮގުރާމުގެ ދަށުން 47 ޒުވާނުން ތަމްރީނު ކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގި ޕްރޮގުރާމުތަކުގެ ތެރެއިން 162 ރޫމް އެޓެންޑެންޓުން ތަމްރީނު ކޮށް، 54 ޓުއާރ ގައިޑެއް ވަނީ ތަމްރީނު ކޮށްފައެވެ. ބިޔުޓީ އަދި ފެޝަންގެ ދާއިރާއިން 10 ބިޔުޓީ ތެރަޕިސްޓުން ތަމްރީނުކޮށް ޓެއިލަރިންގ އެންޑް ފެޝަން ޑިޒައިންގެ ދާއިރާ އިން 8 ޒުވާނެއް ތަމްރީނުކޮށްފައިވާނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.


މީގެ އިތުރުން ވެސް، އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށްފައި ވާއިރު، މިކަމާއި ގުޅޭ ތަފާސް ހިސާބުތައް އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ ކާމިޔާބު އަހަރެއް ކަމަށާއި ކާމިޔާބު ގިނަ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...