މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށްވުރެ ބުރަ މަސައްކަތެއް!

ދިވެހި ރާއްޖޭގެ ޤައުމީ ދިދަ

ދިވެހި ރާއްޖޭގެ މިނިވަން ކަމަށް މިއަދު ފަންސާސް ދެއަހަރު ފުރުނު އިރު އުފަންވި ފަސް ގަނޑާއި މެދު ވިސްނާ ފިކުރުކުރަނީ ކިތައް ދިވެހިންބާވައެވެ. ތިމާމެންގެ އަމިއްލަ މަންފާއަށްޓަކާ ގައުމުގެ އަމަން ނަގާލައި، މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން އެބަޔަކަށް ދުވަހަކުވެސް މައާފު ނުކުރާނެ ކަމެއްކަން ޔަގީނެވެ.  

މިނިވަންކަމަކީ ގައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ. އަދި އެ މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށްވުރެ ބުރަ މަސައްކަތަކަށް ވާއިރު، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްވެސް މެއެވެ. ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލިއްޖެ ނަމަ، ގައުމުގައި އޮތް ދީނީ ވަހުދަތު ގެއްލިގެން ދިއުމުގެ އިތުރުން އިގްތިސާދީގޮތުން ބޭރުގެ އިގްތިސާދީ ބޮޑެތި ބާރުތަކުގެ ނުޒޫގެ ދަށުވެ، ރައްޔިތުން އަޅުވެެތި ކަމުގެ ތެރެއަށް ވެއްޓިގެންދާނެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާއިރު ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަން ކޮންމެ ރައްޔިތަކު ވެސް ދަންނަން ޖެހޭނެއެވެ. ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް ދެއަހަރު ފުރުނުއިރު، ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާފަދަ ކިތަންމެ ކަމެއް މިއަދު މި ކުޑަކުޑަ މުޖުތަމަޢުން ފެންނަމުންއެބަ ދެއެވެ.

އެގޮތުން މިނިވަންކަން ނެތް ކަމަށް ބުނެ ދިވެހިންގެ ތެރެއިން ބަޔަކު އަޑު އުފުލަމުންދާއިރު، މިނިވަން ކަމަކީ ކޮބައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަނީ ކިތައް މީހުންހެއްޔެވެ. މިނިވަން ކަމަކީ އޭގެ ޒާތުގައި ހައްދު ފަހަނައަޅާ ދިއުމެއް ނޫނެވެ.  މިނިވަންކަމުގެ އުފާ ހާސިލްކުރެވޭނީ އަޅުވެތި ކަމުގެ ހިތި ރަހަ ދެކިފައިވާ ބަޔަކަށްކަށެވެ. ގައުމުގެ އެއްބައިވަންތަކަމާއި މިނިވަން ކަމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާއިރު، މިނިވަންކަން ބޭނުންވާނަމަ، އެއްބައިވަންތަންކަން ދަމަހައްޓަންޖެހެއެވެ.  މިނިވަންކަން ނެތް ކަމަށް ބުނެ، ދިވެހިންނަށް މިނިވަންކަން ހޯދައިދިނުމަށް މިއަދު ބައެއް ފަރާތްތަކުން ބޭރުގެ މަދަދަށް އެދި އާދޭސްކުރަމުންދާއިރު، ރާއްޖޭގެ މިނިވަންކަން ފޭރިގެން ކޮންމެ ފަހަރަކު ވެސް ފޭރިގެންފައިވަނީ ހަމަ މި ބީދައިން ދިވެހިންގެ ބަޔަކު ބޭރުގެ ފަރާތްތަކާ ގުޅިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުން ކަން ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. 

އަދި މިނިވަންކަމުގެ ދަރަޖަތަކަށް ބަލާއިރު، ފަރުދީ މިނިވަންކަމަކީ ތިމާގެ ދުލަށް އައިހާ ބަހެއް ބުނެ އިއްވައި، ތިމާގެ ހިތަށް އެރިހައި ކަމެއް ކޮށް، ތިމާގެ ހަވާނަފުސުގެ ކޮންމެ ގޮވައިލުމަކާއިގެން އާސްމާނަށް އަރައި ގެން ދިޔުން ކަމަށް ދެކޭ މީހުން ވެސް މިއަދު މަދެއް ނޫނެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. މިނިވަންކަމަކީ އިންސާނީ އަގުތަކާއި ހަމަތައް ބޮލާލައި ޖެހުމެއް ނޫނެވެ. މިނިވަންކަމަކީ ތިމާ އިހުތިރާމު ކުރާ އަދި ތަބައަ ވާ އިންސާނީ އުސޫލުތަކެއް، އަޚްލާގެއް، ހަމައެއް ލަމައެއް ނެތުމެއް ވެސް ނޫނެވެ. މިނިވަންކަން ނުވަތަ ހުއްރިއްޔަތަކީ ތިމާ ގަޔާވާ ހައި ކަމެއް ކުރުމުގެ ބާރު އޮތުމެއް ވެސް ނޫނެވެ.

މިނިވަންކަމަކީ ހެޔޮ ގޮތް މަތީ އަދި ހެޔޮކަމުގެ މަގުގައި ތިމާގެ މައްޗަށް ވާޖިބު ވެ ލާޒިމު ވެގެން ވާ ކަންކަން ކުރުމުގެ އަމިއްލަ އިޚްތިޔާރު ތިމާޔަށް ލިބި ކަށަވަރު ވެފައި އޮތުމެވެ. އަދި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ބަލާއިރު، ފަރުދީ މިނިވަންކަމަކީ ހަވާނަފުސާއި، ޝައިތާނިއްޔަތާއި، ފަސާދަ އާއި، އަނިޔާވެރިކަމުގެ އެންމެހައި ބާރުތަކުގެ އަޅުވެތިކަމުން އިންސާނާ ސަލާމަތް ވުމެވެ. އަދި އިންސާނާގެ ހެޔޮ ބުއްދި އާއި ހެޔޮ ވިސްނުމުގެ އެހީގައި ދިރިއުޅުން ބައްޓަން ކޮށް ބިނާ ކުރުމުގައި ފުރިހަމަ އަމިއްލަ އިޚްތިޔާރު އޭނާއަށް ލިބޭ ލިބުމާއި، ތިމާ އުޅޭނެ ދީނެއް ކަނޑައެޅުމުގެ ސުވާލުން ފެށިގެން ގޮސް ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމާ ހަމަޔަށް، އެހެން އެއްވެސް އިންސާނެއްގެ ނުވަތަ ޖަމާއަތެއްގެ ފަރާތުން އަންނަ މަޖުބޫރު ކަމެއް ނެތި، އަމިއްލަ ބުއްދި އާއި ޒަމީރުގެ ނިންމުމަށް ހެޔޮ ގޮތުގައި، އިންސާނީ ކަރާމާތާއި ހުރުމަތަށް ތަބައަ ވުމުގައި ފުރިހަމަ އަމިއްލަ އިޚްތިޔާރު ތިމާއަށް ލިބިފައި އޮތުމަކީ މިނިވަންކަމެވެ. 

ތިމާގެ އަމިއްލަ ބުއްދި އާއި ޒަމީރުގެ ހެޔޮ ނިޔާގެ އަލީގައި، އިންސާނީ އަގުތަކާއި އަޚްލާގުގެ މަގުގައި ތިމާގެ ދިރިއުޅުން ބިނާ ކުރުމުގެ ހުއްރިއްޔަތު ތިމާޔަށް އޮތުމުގެ އިތުރުން އެކަމުގައި ތިމާގެ މައްޗަށް އެހެން އިންސާނެއްގެ ފަރާތުން މަޖުބޫރާއި ބިރު ދެއްކުމާއި ނާޖާއިޒު ނުފޫޒު ކުރިމަތި ނުވުމެވެ. މިދެންނެވި މިނިވަންކަން މިއަދު ރާއްޖޭގައި އެބައޮތެވެ.  އެހެންކަމުން މިއަދު މި ގައުމުން ބަޔަކަށް ނުލިބިގެން މިއުޅެނީ ކޮންބާވަތެއްގެ މިނިވަންކަމެއްތޯއެވެ.

މީގެއިތުރުން ގައުމުގެ އިސްތިގުލާލަށް ބަލާއިރު، އިސްތިގުލާލާއި ގުޅިފައިވާ ހުރިހާ ބާވަތެއްގެ މިނިވަންކަން މިއަދު ރާއްޖޭގައި އެބައޮތެވެ. އެގޮތުން ފިކުރީ މިނިވަންކަމާއި، ސިޔާސީ މިނިވަންކަމާއި، އިގުތިސާދީ މިނިވަންކަމާއި، ސަގާފީ މިނިވަންކަން ރާއްޖޭގައި އެންމެ ފުރިހަމައަށް ވަނީ ލިބިދީފައެވެ. ގައުމީ އިސްތިގުލާލުގެ މައި ދޮރޯށްޓަކީ ފިކުރީ މިނިވަންކަން ކަމުގައި ވާއިރު، ފިކުރީ މިނިވަންކަން ފެށެނީވެސް އަދި ފުރިހަމަ ވަނީ ވެސް ރައްޔިތުންނާ ހަމައިންނެވެ. އެހެންކަމުން ގައުމެއްގެ ރައްޔިތުންގެ ފިކުރު މިނިވަން ނުވެ، އެ ގައުމު ފިކުރީ ގޮތުން މިނިވަނެއް ނުވާނެއެވެ. ގައުމު ފިކުރީ ގޮތުން މިނިވަން ނުވެ، އެހެން އެއްވެސް ގޮތަކުން މިނިވަންކަމެއް ނުލިބޭނެއެވެ. މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. 

ފިކުރީ މިނިވަންކަމަކީ ގައުމުގެ ރައްޔިތުން އެބައިމީހުންގެ ހެޔޮ ބުއްދީގެ މަތީގައި ތިބޭ ހާލު ގަބޫލު ކުރާ އަގީދާތަކާއި ފަލްސަފާތަކަށް، ގައުމުގެ އިޖުތިމާއީ ހަޔާތުގެ ހުރިހާ ކަމެއްގައި ވެސް އެކަށޭނަ މަގާމެއް އޮތުމެވެ. ގައުމުގެ ސިޔާސީ ނިޒާމާއި، އިގުތިސާދީ ނިޒާމާއި، ތައުލީމީ ނިޒާމާއި، ފަންނުވެރިކަމާއި، އަދަބިއްޔާތާއި، އަދި މީޑިޔާ ފަދަ އެންމެހައި ދާއިރާތައް، ފަލްސަފާތަކުގެ މައްޗަށް ބިނާ ކުރެވިފައި އޮންނަންޖެހޭ އިރު، މިހުރިހާ މިނިވަންކަމެއް ރާއްޖޭގައި އެބައޮތެވެ. ނަމަވެސް މިނިވަންކަމޭ ބުނެ އެއްވެސް މީހަކު ހިތު ހުރި ގޮތަކަށް އުޅުމާއި، ތިމާ ބޭނުންވާ ކަންކަން ކުރުމަށް އެހެން ރައްޔިތުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިގަތުމެއް ނޯވެއެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެގައުމުގެ ރައްޔިތުން ގަބޫލުކުރާނެ އަދި އެގައުމުގެ ގާނޫނުތަކާ ގަވާއިދުތައް ތަންދޭ ކަމެއްވެސް ނޫނެވެ.

ގައުމަކަށް ފިކުރީ، ސަގާފީ، އަދި އިގުތިސާދީ ގޮތުން، މިނިވަންކަން ލިބިއްޖެ ނަމަ، ސިޔާސީ ގޮތުން މިނިވަންކަން ލިބުމުގެ ހުރިހާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. ސިޔާސީ މިނިވަންކަމަކީ، ދައުލަތުގެ ސިޔާދަތު ކަށަވަރު ވެގެން ވާ ހާލު، އެ ދައުލަތެއްގެ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ނަންމަތީގައި، ރައްޔިތުންގެ އަގީދާތަކާއި ރައްޔިތުން ގަބޫލު ކުރާ ފަލްސަފާތަކާއި އަގުތަކާ އެއްގޮތަށް، ދައުލަތުގެ ދާޚިލީ އެންމެހައި ކަންކަން ހިންގުމާއި، އެ ދައުލަތެއްގެ ޚާރިޖީ އެންމެހައި ގުޅުންތަކާއި މުއާމަލާތްތައް ވެސް މި ދެންނެވި ބީދައިން ކުރިޔަށް ގެންދިއުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، ފުރިހަމަ މާނައިގައި، އެ ދައުލަތަކަށް ލިބިފައި އޮތުމެވެ. އަދި މި ކަންކަމުގައި ބިދޭސީ އެއްވެސް ފަރާތެއް ނުވަތަ އެހެން ދައުލަތެއްގެ އަމުރާއި ކިޔަމަނުގެ ދަށުގައި ނުވަތަ ސިޔާދަތީ އަދި ޤާނޫނީ އިޚްތިޞާޞުގެ ދަށުގައި އެއްވެސް ސިފައެއްގައި، އެއްވެސް މިންވަރަކަށް އެ ދައުލަތް ނެތުމަކީ ވެސް މިނިވަން ކަމެވެ. 

އަދި އިގުތިސާދީ ބާރުވެރިކަމަކީ ދައުލަތެއްގެ ނިސްބަތުގައި އަދި ފަރުދެއްގެ ނިސްބަތުގައި ވެސް ވަރަށް މުހިއްމު ކަމެކެވެ. އަޅުވެތިކަމުގެ ތެރެއިން ދިވެހިން ނުކުމެ، އެއްވަނަ ދުނިޔޭގެ ގައުމުތަކާއި އެކީ ބައިނަލް އަގުވާމީ އެކި އެކި ޖަލްސާތަކުގައި ދިވެހިންގެ ބަސްވިކޭ ބަޔަކަށް ވެގެން ދިއުމަކީ އިގުތިސާދީ ގޮތުން ރާއްޖެ ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިއުމެވެ. އަދި ގައުމެއްގެ އިގްތިސާދީ ސިޔާސަތުތަށް ބައްޓަން ކުރަންޖެހޭނީ ޖަޒުބާތުގެ މައްޗަށް ނުވަތަ ވަކިބައެއްގެ އަމިއްލަ މަސްލަހަތަށް ބުރަ ނުވެ ދުރު މުސްތަގުބަލަށް ވިސްނުމުގެ އިތުރުން ގައުމީ ތަސައްވަރެއް އޮވެގެން އެމިސްރާބަށް ދަތުރުކުރުމަށެވެ.  މިނިވަން ކޮންމެ ގައުމަކަށްވެސް، އެގައުމެއްގެ ކަންކަން ހިންގުމުގައި ފުރިހަމަ ސިޔާދަތު އޮތުމުގެ ހައްގަކީ މިނިވަން ގައުމުތަކުގެ މެދުގައި ޞުލްޙަމަސަލަސްކަން ގާއިމްވެ އޮތުމުގެ އެންމެ މައި އަސާސް ކަމަށް ވީއިރު، ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ ރައްޔިތުންނަށް ހެވާއި ލާބަ ހުރިގޮތްތައް ކަނޑައެޅުމާއި އަދި އިގްތިސޯދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ސިޔާސީގޮތުން ތަރައްގީ ކުރުމާއި، އިންސާނީ ހައްގު ކުރިއެރުވުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވެއެވެ.

ކަންމިހެން ހުރި އިރު، ދިވެހިންގެ މަދު ބަޔަކު މިނިވަންކަމާއި ހައްގުތައް ހޯދުމުގެ ނަމުގައި ބޭރުގެ އެހީތެރިކަމަށް އެދެމުންދަނީ މިއަދު ރާއްޖޭގައި މިދެންނެވި މިނިވަންކަން ނެތުމުންތޯއެވެ. ޝައްކެތް ވެސް ނެތް ގޮތުގައި ރާއްޖޭގައި މިނިވަންކަން އެބައޮތެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއަކީ މިނިވަންކަން އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމެވެ. މިނިވަންކަމުގައި ތިބެ ބައެއްގެ އަޅުވެތިކަމަށް ދާން އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. ގައުމެއް އަޅުވެތިކަމުގެ ތެރެއަށް ވެއްޓިގެން ދަނީ އެގައުމެއްގެ ބަޔަކު ގައުމަށް ޣައްދާރުވުމުންނެވެ. އެހެންކަމުން މިނިވަންކަމާ ހައްގުތައް ހޯދުމުގެ ނަމުގައި މިއަދު ރާއްޖެ އަޅުވެތިކަމުގެ ތެރެއަށް ވައްޓާލުމަށް ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ މަސައްކަތަކީ ޝައްކެތް ވެސް ނެތް ގޮތުގައި އަމިއްލަ ލާބައާއި މަންފާއެއް ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. އެހެންނަމަ ދޭސީންގެ މިލްކެއް ބިދޭސީންނަށް ދިނުމަށް މަސައްކަތެއް ނުކުރާނެއެވެ. އަދި ރާއްޖެ ދެކެމުން މިދާ އުފާވެރިކަމާ ހަމަޖެހުން ފިރުކާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމީ މިއަދުވެސް ދިވެހިން ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާ ސިޔާދަތު ނަގާލުމަށްޓަކާ މިއަދު ބަޔަކު ހިންގާ ޖަރީމާތަކަކީ ބޭރުގެ ކަރަކަރައިގެ ބަޔަކު ދައްކާ ދަޅަތަކުގައި ޖެހިގެން ހިންގާ ޖަރީމާތަކެކެވެ. 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...