ބޭރުގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިން ހޭދަކޮށްފައިވާ ދިގުމާޒީ

އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރި އެއްބަސްވުމުގައި އިބްރާހީމް ނާސިރު ސޮއިކުރައްވަނީ

ރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރޭ މިމުނާސަބާގައި މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރަމެވެ. މިނިވަންކަމުގެ އުފާ މިއަދު ފާޅުކުރަމުންދާއިރު، މިއަދުގެ ޒުވާން ޅަޖީލަށް އަޅުވެތިކަމުގެ ހިތްދަތި ދިރުއުޅުން ތަޖުރިބާކުރަން ޖެހިފައި ނެތުމަކީ، މިނިވަން ކަމުގެ އުފާތަކުގެ ތެރެއިން ބައެއް އުނިވުން ކަމުގައި ބެލެވިދާނެއެވެ. 


ރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރި 53 ވަނަ އަހަރާ ކުރިމަތިލާއިރު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު، އިނގިރޭސީންނާ ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދުގެ ވާހަކަ ދައްކަންޖެހެއެވެ.  މީގެ 52 އަހަރު ކުރިން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދެއްވި، މިނިވަންކަމުގެ ބާނީއަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރެވެ. އެމަނިކުފާނަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއް ބޭފުޅަކީ ޝައްކެއް ވެސް ނެތް ގޮތުގައި ދާދި ފަހުން އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަލްމަރުޙޫމް އަބްދުއްސައްތާރު މޫސާ ދީދީއެވެ. އަބްދުއްސައްތާރު މޫސާ ދީދީއަކީ އިބްރާހީމް ނާސިރު ރާއްޖެ މިނިވަން ކުރުމަށް ކުރެއްވި މަސައްކަތުގައި ރާއްޖެއާއި އިނގިރޭސީންނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭރު އަބްދުއްސައްތާރު ހުންނެވީ ސިލޯނުގައި ހުންނަވާ ދިވެހި ސަފީރުގެ ގޮތުގައެވެ.  އޭނާ ސިލޯނުގައި ހުންނަވައިގެން 26 ޖުލައި 1965 ގައި ކޮޅުނބުގައި ވެވުނު އެއްބަސްވުމާއެކު ދިވެހިންނަށް ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިގެންދިޔައެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުކަން ހާމަކޮށް ދެފަރާތުން ވެވުނު އެއްބަސްވުމުގައި އިބްރާހީމް ނާސިރު ސޮއިކުރެއްވީ ކޮޅުނބުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިން ދިގު މާޒީއެއް ހިތްދަތި ގޮތުގައި ވަނީ ކަޑައްތުކޮށްފައެވެ. ރާއްޖޭގައި 1800 އިން ފެށިގެން މިއަދާ ހަމަޔަށް ފެންމަތިވި ބޮޑެތި ހުރިހާ ފިތުނަ އަކާއި ބައިބައިވުމެއްގެ އަސްލަކީ ވެސް އަދި އެކަން ކަމުގެ ފަހަތުގައި މިއަދުވެސް ތިބީ އިނގިރޭސީންނެވެ. އެ މީހުން އުފެއްދި އެންމެ ބޮޑު ފިތުނައަކީ ދިވެހި ދައުލަތުގެ އެންމެ ދެކުނަށް އޮތް ހަތަރު އަތޮޅު ބައިބައިކޮށް ފިތުނަ އުފައްދާ ދިވެހި ދައުލަތުން ވަކިކޮށް، ވަކި ދައުލަތެއް ގާއިމް ކުރުމެވެ.  80 އަށް ވުރެ ގިނަ އަހަަރު ވަންދެން ރާއްޖޭގެ މައްޗަށް އިނގިރޭސީން ގަދަވެ ގަނެ، ދިވެހިން އަޅުވެތިކަމުގެ ތެރެއަށް ވައްޓާލާފައި ވާއިރު، އިނގިރޭސީންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި ދެކުނުގެ ބަޣާވާތް ފެށީ 1 ޖެނުއަރީ 1959 ގައެވެ. ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތައް އެކުލަވާލި، ޣައިރު ގާނޫނީ އެ ދައުލަތުން މިނިވަންކަން އިއުލާންކުރީ 3 ޖަނަވަރީ 1959 ގައެވެ.  އަދި އެ ދައުލަތް އުވާލީ 23 ސެޕްޓެމްބަރު 1963ގައެވެ.  އިބްރާހީމް ނާސިރުގެ ދުރު ވިސްނުންފުޅާއެކު ކުރެއްވި މަސައްކަތުން އިނގިރޭސީންގެ އަތްދަށުން މިނިވަންވެ، ރާއްޖޭގައި މިނިވަން ދައުލަތެއް ގާއިމް ކުރުމާއެކު ފެއްސާ ރަތާއި ހުދު ކުލައިން ވިހުރެމުން މިދާ ދިވެހި ދިދަ ބައިނަލްއަޤުވާމީ މައިދާނުގައްޔާއި ބޮޑު ކޯއްޓޭގައި ވިހުރޭތާ މިހާރު ބައި ޤަރުނު ވެގެން ހިނގައްޖެއެވެ.

މީގެ ފަންސާސް ދެ އަހަރު ކުރިން އޭރުވެސް އަދި މިހާރުވެސް ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ އިނގިރޭސީންނާ ފިކުރީ ހަނގުރާމައެއްކޮށް، ދިވެހިން އިނގިރޭސީންގެ އަޅުވެތިކަމުން މިންޖުކޮށްދެއްވި ބަޠަލުންގެ ޒިކުރާ އާކުރަންޖެހެއެވެ.  ވިހިވަނަ ޤަރުނުގައި އަޅުގަނޑުމެންގެ ކާބަފައިން އޭރުގެ އިސްތިޢުމާރީ ބާރެއްގެ ކިބައިން، މި ކުޑަކުޑަ ޤައުމަށް ސިޔާދަތު ހޯދައިދިނުމަކީ ލިބުނު ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ. މެދު އިރުމައްޗާއި އޭޝިޔާ ބައްރު އެއްކޮށް އިސްތިޢުމާރުކުރި ބައެއްގެ ކިބައިން ވީއްލި، މުސްތަޤިއްލު ދައުލަތެއް އިޢުލާނުކޮށް، އެ ގޮތުގައި ބައި ޤަރުނަށް ވުރެ ގިނަ ދުވަހު ތިބެލަން ލިބުމަކީ ލިބުނު އެހާމެ ބޮޑު ޝަރަފަކަށް ވީއިރު، ވަޞީލަތް މަދު، ޢަސްކަރީ ބާރެއް ނެތް ޤައުމެއް، އަމިއްލަ ވެރިކަމެއްގައި ބައި ޤަރުނު އޮތުމަކީ ލިބިގެންދިޔަ އެހާމެ ބޮޑު ފަޚުރެއްވެސްމެއެވެ.

މީގެއިތުރުން އިނގިރޭސީންގެ ދުއްތުރާތައް ރާއްޖެއަށް މެދު ނުކެނޑި ކުރަމުންދާއިރު، އިނގިރޭސީންގެ އިތުރުން އިންޑިއާގެ ވޯރާވެރިންގެ ބާރުގެ ދަށުގައި ވެސް ދިވެހިން ގިނަ އަހަރު ތަކެއްގައި ތިބެންޖެހުނުކަން ފާހަގަކޮށްލަންޖެހެއެވެ.  އެގޮތުން ވޯރާ ވިޔަފާރިވެރިންގެ އޮށް 1857 ގައި ރާއްޖޭގައި އިންދެވީ ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމީހުންގެ ފުރަތަމަ ފިހާރައެއްގެ ގޮތުގައި މާލޭގައި ދިގު ފިހާރައޭ ކިޔުނު ފިހާރައެއް ހުޅުވިއެވެ. ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަން ފެށިތާ 105 އަހަރު ފަހުން 1 އޯގަސްޓް 1962 ގައި އެމީހުން ރާއްޖޭގައި ވިޔަފާރި ކުރުން މަނާކޮށް، ރާއްޖެ އިން ފޮނުވާލެއްވި އިރު ވޯރާ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ވަނީ ފެށިފައެވެ. އެކަންކަން ރާވައި ހިންގެވީ ޝަމްސުއްދީނު ރަދުންނާއި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި މުހައްމަދު އަމީން ކަމަށް ތާރީޚުން އެނގި ހާމަވެއެވެ. ޝީއީ މުސްލިމުންގެ 300 އަށް ވުރެ ގިނަ ވޯރާއިން އޭރު މާލޭގައި ތިބިއިރު އެމީހުން ނަމާދުކުރާނެ ތަނެއް ހެދުމަށް ބިމެއް ހޯދުމުގެ ވާހަކަތައް އޭރުގެ ވެރިންގެ އަރިހުގައި ވަރަށް ގަދައަށް ދެކެވުމުން ދިޔައެވެ.  ނަތީޖާއެއްގެ ގޮތުން 1925 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނަށް ބާރުތައް ލިބިގެންދިއުމުން ވޯރާވެރިން ނަމާދުކުރާނެ ތަނެއް ހެދުމަށް ބިމެއްދިނެވެ. އެގޮތުން ވޯރާވެރިން ހެދި ބުންބާ މިސްކިތަކީ މިހާރު ވެސް ފެންނަން އެހެރަ ބަންޑާރަ މިސްކިތެވެ. އެ މިސްކިތް އެޅީ 1927 ވަނަ އަހަރުގެ ތެރޭގައެވެ. 

އަދި އެބައި މީހުން ޖަމާއަތް ހަދައިގެން ކައިބޮއި އުޅުމަށް ބިމެއް ދިނުމަށް ދައުލަތުގެ އިސްވެރިންގެ އަރިހުގައި އެދުމުން އޭރު ވޯރާވެރިންގެ ދަންތުރައިގައި ޖެހިފައި ތިއްބެވި ވެރިން ވަނީ އެބައި މީހުންނަށް ބޮޑު ބިމެއްވެސް ދީފައެވެ.  އެބިމަކީ އެސްޓީއޯ ޓްރޭޑް ސެންޓަރު މިހާރު އެހުރި ބިންކަމަށް ތާރީޚުން އެނގެން އެބައޮތެވެ. ވޯރާވެރިންގެ ބާރު ދެރަވާން ފެށީ 14 އޮކްޓޫބަރު 1932 ގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެފާނު ބޮޑުވަޒީރުކަމުންނާއި ބޮޑުބަނޑޭރިކަމުން އިސްތިއުފާދެއްވުމުންނެވެ. އަދި އޭގެ ފަހުން ރައީސް މުހައްމަދު އަމީންގެ ވެރިކަން ވެސް ވަނީ އިންގިލާބަކުން ނިންމާފައެވެ.

އަދި މުހައްމަދު ފަރީދު ރަސްކަމަށް އިސްވުމުންވެސް ވޯރާވެރިން ދިޔައީ މުހައްމަދު ފަރީދަށް ތައުރީފުގެ ބަސްތައް އޮއްސަމުން، ނިކަމެތި ރައްޔިތުންނަށް ކުރެވެން އޮތް ހުރިހާ ދައްޗެއް ވެސް ކުރިމަތި ކުރުވަމުންނެވެ. އަދި ސިއްހީ ހާލަތު ތަން ނުދިމުގެ ސަބަބުން މުހައްމަދު ފަރީދު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް އިބުރާހިމް ނާސިރު އިސްވެވަޑައިގެންނެވި ހިސާބުން ވޯރާ ވެރިން އެހެންވެރިންނަށް ވެސް ހުށަހަޅާ ބޮޑެތި ހުށަހެޅުންތައް ނާސިރަށް ހުށަހަޅަމުން ގެންދިޔައެވެ. ނަމަވެސް އިބްރާހީމް ނާސިރުގެ ބަސްފުޅުތަކާ އަމަލުފުޅުތައް ބަހައްޓަވާ ގޮތުން ވޯރާވެރިންގެ ނިމުން ގާތްވެއްޖެކަން އެބައި މީހުންނަށް އިހުސާސް ކުރެވިގެން ދިޔައެވެ.  ނަތީޖާއަކަށް ވީ ރާއްޖޭގެ ރައްޔިތުންނާއި ގާނޫނު އަސާސީ އަށް ވުރެ ގަދަވެގަންނަން ވޯރާއިން ރޭވި ރޭވުމުގެ ދަށުން ތަކެތި ވިއްކުން ހުއްޓާލަންޖެހުމެވެ. އެއީ 26 ޖުލައި 1933 ގައެވެ. އެދުވަހު ހެނދުނު ވޯރާއިން ފިހާރަތައް ބަންދު ކުރުމަށްފަހު، 5 އޯގަސްޓް 1933 ގައި ވޯރާއިން ރާއްޖޭގައި 47 އަހަރު ވަންދެން ކުރަމުންދިޔަ ވިޔަފާރި ހުއްޓުވާލިއެވެ.

ވޯރާއިންނާ އެކު 13 އޯގަސްޓް 1933 ގައި ވިޔަފާރިއާ ބެހޭ ވުޒާރާގައި ދިވެހި ދައުލަތުން ބޭއްވި މަޝްވަރާ ބައްދަލުވުން ނާކާމިޔާބުވުމުން ވޯރާއިން ހަޅޭއްފަޅޭއް ޖަހައި، އަޑުގަދަކުރަމުން ގޮސް މިހާރު ފެންނާން އެހެރަ ބަންޑާރަ މިސްކިތަށް އެރިއެވެ.  އެހިސާބުން މާލޭގެ ނުފޫޒު ގަދަ ބަޔަކު ނުކުމެ ހަޅޭއްލަވައި ވޯރާއިންނަށް ގެއްލުންދޭން ދިމާކުރުމުން، 14 އޯގަސްޓް 1933 ގައި ވޯރާއިން އަމިއްލަ ޖާނައިގެން އެނބުރި ރާއްޖެއިން ދިއުމަށް ނިންމިއެވެ.

އަދި ވޯރާއިން ރާއްޖެއިން ފައްސާލުމަށް 15 ރަމަޟާން 1376 ގައި ރައްޔިތުންގެ މަޖިލީހުން ''އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން'' އެ އަހަރުގެ މުހައްރަމް މަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލަންޖެހޭ ގޮތައް ބިލެއް ފާސްކޮށް، 23 އޮގަސްޓް 1957 ވޯރާއިން ރާއްޖެ އިން ބޭރުކޮށްލިއެވެ.

އެހެންކަމުން ދިވެހި ތާރީޚުގައި ކަންކަން ހިނގާފައިވާ ގޮތައް ބަލާއިރު، ދިވެހިންނަށް މިނިވަންކަން ހޯދައިދިނުމަށް ބޮޑު ވަޒީރު އިބްރާހީމް ނާސިރުކޮށްދެއްވި އަގުހުރި ޚިދުމަތަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް އުފަލާއެކު ބަލައިގަންނަންޖެހޭ މަސައްކަތެކެވެ. މީގެ އެތައް އަހަރެއްގެ ކުރިން އަގުހުރި ދިވެހި ދަރިންތަކެއް ނުހަނު ބޮޑު ޖިހާދެއްކޮށްގެން މިނިވަންކަން ހޯދައިދީފައިވާ މި ގައުމުގައި ދިރިއުޅޭ ރައްޔިތުން ދެކެމުން މިދާ އުފާވެރިކަމާ ހަމަޖެހުން ފިރުކާލަން މިއަދު ވެސް ދިވެހިންގެ ބަޔަކު މަސައްކަތް ކުރަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ މިނިވަންކަން ގެއްލި ދިޔަ ކޮންމެ ފަހަރަކު ވެސް ގެއްލިގޮސްފައި ވަނީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ގައުމަށް ޣައްދާރުވެގެންނެވެ.  އެހެންކަމުން މާޒީން އިބްރަތް ލިބިގަނެ، ދިވެހިންގެ ގައުމު ދިވެހިންގެ އަތްމަތީގައި ތާއަބަދުމެ ބޭއްވުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ދެކެންވާނެއެވެ. ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަހުގެ ޖީލަށް ފޯރުކޮށްދިނުމަކީ ގައުމީ ވާޖިބެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...