ގައުމުން ބޭރުގައި ގައިދީން ހިންގާ ސިޔާސީ ހަރަކާތްތައް

ސިޔާސީ ގޮތުން ބަލިކަށިވެފައިވާ މީހުންނާ ޖަލުން ފިލައިގެން އުޅޭ ގައިދީން ރާއްޖެއިން ބޭރުގައި ސިޔާސީ ހަރަކާތްތައް ފަށާފައިވާ ވާހަކައަކީ މިއަދު އެންމެ ގިނައިން ދައްކަމުންދާ އެއް ވާހަކައެވެ. އެގޮތުން ރާއްޖާގެ ގާނޫނު އަސާސީ ބުނާގޮތުން ވެރިކަމަށް ކުފޫ ހަމަނުވާ ބޭފުޅުންތަކެއް އިސްވެ، ސިޔާސީ ހަރަކާތްތައް ފަށާފައިވާއިރު، ހިތުގެ އާލަސްކަންފުޅެއްގައި ދެންދެން މިދުނިޔެއާއި އަލްވަދާއު ކިޔާފާނެކަމަށް ހީވި ގައިދީ ގާސިމް އިބްރާހިމްވެސް ވަނީ ޖަރުމަނުގައި ސިޔާސީ ހަރަކާތް ފަށާފައެވެ.

ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަރުމަނުގައި ފިލާ ހުންނަވައިގެން ދަނީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ދިވެހިންނާއި ކުށުން ބަރީއަވުމަށްޓަކާ ގައުމުން ބޭރުގައި ފިލައިގެން އުޅޭ މީހުންނާއެކު ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަން އޮންނަ ވަރަށްވުރެ ސިއްހީ ހާލަތު ދަށްވުމުން ކަމަށް ބުނެ، ސިންގަޕޫރަށް ބޭސްފަރުވާއަށް ފޮނުވާލުމާއެކު ތިން ފަހަރަެއްގެ މަތިން ގާސިމް ވަނީ މުއްދަތު އިތުރުކުރުމަށް އެދިފައެވެ.

ނަމަވެސް ދެފަހަރު މުއްދަތު އިތުރުކޮށްދިނުމަށް ފަހު ތިން ވަނަފަހަރަށް އެދުމުން ކަމާ ބެހޭ ފަރާތުން މުއްދަތު އިތުރު ކޮށް ނުދިނުމުން ގާސިމް ވަނީ ކުއްލި ގޮތަކަށް ސިންގަޕޫރުން ޖަރުމަނަށް ވަޑައިގެން ފިއްލަވާފައެވެ. ޖަރުމަނުގައި ހުންނަވައިގެން ބޭސްފަރުވާ ކުރައްވާކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް ފެންނަމުން މިދަނީ އެހެން މަންޒަރެކެވެ. އެގޮތުން ގައުމުގައި ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު އަތުވެދާނެ ހުކުމަކަށް ބިރުން ފިލަންގޮސް ތިބި ބައެއް ފަރާތްތަކާ އެކު ސިޔާސީ މަޝްވަރާތައް ގާސިމް ގެންދަވަނީ ކުރައްވަމުންނެވެ.

އޭގެ ތެރޭގައި މޭޑޭގެ ނަމުގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ފުލުހުންނަށް ހަމަލާދިނުމުގެ އިތުރުން ދައުލަތާ އާންމުންގެ މުދަލަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި، ޖުމްހޫރީ ޕާޓީގެ މެންބަރ އަމީން އިބްރާހީމްގެ އިތުރުން ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއެކު ގާސިމް މިހާރު ގެންދަވަނީ ޖަރުމަނުގައި ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ.
 
ހިތުގެ ބައްޔަށް ބޭސްފަރުވާ ކުރުމަށް ސިންގަޕޫރަށް ފޮނުވާލުމުން، ޖަލު ހުކުމަށް ފިއްލެވުމަށް، ޖަރުމަނުގެ ޚާއްސަ އެހީއެއްގެ ދަށުން ކަމަށް ބުނެ، ބޭސްފަރުވާ ކުރުމުގެ ނަމުގައި ޖަރުމަނުގައި ހުންނަވައިގެން ގާސިމް ދެއިރު ދެދަޅައަށް ޓުވީޓުތައް ކުރައްވާ ޕާޓީގެ މެންބަރުންނަށް ވަސިއްޔަތް ކުރަމުންދާއިރު، ގާސިމަކީ ގައިދީއެއްކަން ހަދުމުފުޅުވެސް ނެތް ކަހަލައެވެ.

ގާސިމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާގެ ޝަރީޢަތް ކުރިއަށް ދިޔަ ދުވަސްވަރު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާއެކު ކުއްލި އަކަށް ގާސިމްގެ ހިތުގެ ބަލި ބޮޑުވެގެންދިޔައެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތުގެ މަޖިލީހުގެ ތެރެއަށް ވެއްޓި ހޮސްޕިޓަލުގެ އައިސީޔޫއަށް ގާސިމް ވަންނަން ޖެހުނެވެ. މިފަދަ އެތައް ޑްރާމާތަކެއް ކުޅުއްވަމުން ގޮސް އެބަލީގައި ދިގު ދަންމަން ފެށުމުން އެންމެ ފަހުން ގާސިމް ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގައި ގާސިމްގެ މައްޗަށް ކޯޓުން ހުކުމް އިއްވިއެވެ.

މީގެއިތުރުން ގާސިމް އިބްރާހީމް ޖަރުމަނުގައި ހުންނަވައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކުރަންވީ ގޮތުގެ ލަފާ އާރުކާޓީންނަށް ދެއްވަމުންދާ އިރު، އަނެއްކޮޅުން އެމްޑީޕީގެ ރޫހާނީ ލީޑަރު ވެސް ގެންދަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ލަފާ ދެއްވަމުންނެވެ. މި ދެބޭފުޅުންނަކީ ވެސް ޖަލަށް ހުކުމް އިއްވުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ތިއްބަވައިގެން ގައުމު ހަލަބޮލިކޮށް، ދިވެހި ސަރުކާރަށް ދުއްތުރާތައް ކުރަމުން ގެންދާ ދެ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

އަދި މީގެ ތެރެއިން އެއްބޭފުޅަކަށް ވެސް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނެ ގާނޫނެއްވެސް ނެތް އިރު، ގާސިމް އިބުރާހީމަކީ ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އުމުރު ވެސް ފަހަނައަޅާ ގޮސްފައިވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި ޖަލު ބަންދުގައި ތިބެގެން ރާއްޖޭގެ ތަޚުތައް ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުންދާއިރު، މި ދެބޭފުޅުންނަކީ ވެސް ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ދެބޭފުޅުންނެވެ.

އެގޮތުން ގާސިމް އިބްރާހީމް ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ދައްކަން އޮތް އިރު، ނަޝީދަކީ ދިވެހި ދައުލަތް ދަރުވާލުމަށްފަހު ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ އަންދާލުމަށް ފަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ. ކަން މިހެން ހުރި ނަމަވެސް މިބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ކަމަށެވެ.

މިބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވައި ސިޔާސީ ބައެއް ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެން ބޭނުންވާ ނަމަ، ނަޝީދުއާ ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމަށް އަނބުރާ ޖަލަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...