އިސްލާމް ދީނަށް ފުށު އަރާ ޑިމޮކްރަސީއަކީ ރާއްޖެއަށް ފެތޭނެ ޑިމޮކްރަސީއެއް ނޫން: ޑިފެންސް މިނިސްޓަރ

އިސްލާމް ދީނަށް ފުށު އަރާ ޑިމޮކްރަސީއަކީ ރާއްޖެއަށް ފެތޭނެ ޑިމޮކްރަސީއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ. 

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ރާއްޖެއަށް ގެންނަ ޑިމޮކްރަސީއަކީ އިސްލާމް ދީނަށް ފުށުއަރާ ޑިމޮކްރަސީއަކަށް ވެގެން ނުވާނެ ކަމަށާއި، އެހެން ދީން ތަކަށް ފުރުސަތު ލިބޭ ޑިމޮކްރަސީއަކީ ރާއްޖެއަށް ފެތޭނެ ޑިމޮކްރަސީއެއް ނޫންކަމަށެވެ.

އަދި އެފަދަ ކަމަކަށް އެއްވެސް މީހަކު ފުރުސަތު ދީގެން ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރުމާއި ފައްޅިތައް އެޅުން ފަދަ އިސްލާމްދީނާ ޚިލާފް އަމަލުތައް ހިންގުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިޚާބު ބާއްވާ ދުވަސްވަރު ދީނާ ދެކޮޅު ތަފާތު ފިކުރުތަކުގެ މީހުން ރާއްޖޭގައި އެފިކުރުތައް ފެތުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެކަމަށްޓަކާ ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚަބުގެ ދުވަސްވަރު ބޭރުގެ ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާކަމަށާއި، އެކަމަށް ފުރުސަތު ލިބޭ ގޮތައް އެއްވެސް ދިވެއްސަކު ފިކުރު ގެންގުޅުމަކީ މިގައުމަށް ބޭނުންވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އިސްލާމްދީން ހިމާޔަތްކޮށް، ދަމަހައްޓަންޖެހިފައިވާ މިދަނޑިވަޅު ގައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ސޯޝަލް މީޑިއާގައި އެންމެ ތުއްތު ކުއްޖާގެ ސިކުނޑިއާ ވެސް ކުޅެލެވޭ ޒާތަށް ބައެއް ފަރާތްތަކުން އިސްލާމްދީނާ ދެކޮޅު ޚިޔާލުތައް ފާޅުކުރަމުންދާ ދިއުން ކަމަށް. އެގޮތުން އިސްލާމް ދީނާ ދިވެހި ސަގާފަތާއި އާދަކާދައާއި ނުގުޅޭ މަސްނޫޢީ އެތައް ކަންތައްތަކެއް ހާމަކޮށްގެން ދިވެހިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 800 އަށް ވުރެ ގިނަ އަހަރު ވެގެންދިޔައިރު، އިސްލާމް ދީނަށްޓަކާ ހަނގުރާމަކޮށް ޝަހީދުވެގެން ދިޔަ ވެރިންނާއި، އިސްލާމް ދީން ދޫކޮށް ކުރިސްޓިއަން ދީނަށް ވަދެގެން ރާއްޖޭގެ ރައްޔިތުން ކުރިސްޓިއަން ދީނަށް ވައްދަން މަސައްކަތް ކުރި ވެރިންގެ ވާހަކަތައް ވެސް ރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވާކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަލީ 24 ޑިސެމްބަރު 2017 - 01:55

    ގައުމުން ބޭރަށް ބަޔަކު އަރުވާލެވިގެން ތިބެ ޖަހާ ސަކަރާތުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް ވަރަށް ބޮޑަށް ނުރައްކާވަމުން މިދަނީ. އެބައި މީހުން ގެނެސް ހައްޔަރުކޮށްދީބަލަ

ގުޅުން ހުރި
Loading...