ރޮހިންޔާ މުސްލިމުންނަށް އެހީވުމުގައި ތުރުކީ އަކީ ފުރިހަމަ މިސާލެއް!

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގަިއ ދިރިއުޅެމުން އަންނަ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްއާއި ތުރުކީ ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެނީ، ހުދު ހަނދަކާއި ހުދު ތަރިއެއް ޖަހާފައި ހުންނަ ރަތް ކުލައިގެ ދިދަ ފެނުމުންނެވެ. އެއީ ތުރުކީގެ ދިދައެވެ. އެ ދިދަ ފެނުމުން ކޭމްޕްތަކުގައި، ބިކަ ހާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް ކާނެ އެއްޗެއް ލިބެން އުޅޭކަމުގެ އިޝާރާތެއް ލިބެއެވެ.
 
ތުރުކީގެ ސަރުކާރުން ހިންގާ އެހީ ދޭ އެޖެންސީއެއް ކަމަށްވާ "ދަ ޓާކިޝް ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ (ޓިކާ) އިން އަންނަނީ، ރޮހިންޔާގެ ރެފިއުޖީންނަށް ކޮންމެ ދުވަހަކުވެސް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. ޓިކާއިން މި މަސައްކަތް ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޓިކާއިން ފޯރުކޮށްދޭ ބާވަތްތަކުގެ ތެރޭގައި ބަތާއި ކުކުޅު ރިހައާއި، އަލުވި، މުގު ހިމެނެއެވެ.  މީގެ ކުރިން ކައްކާނެ ބާވަތްތައް ލިބުނު ނަމަވެސް، ކެއްކޭނެ ގޮތެއް ނެތުމުން ރޮހިންޔާގެ އެތައް ބަޔަކު ނުކައިވެސް ތިބެން ޖެހުނެވެ. އެހެންނަމަވެސް ޓިކާއިން ކައްކާފައިވާ ކާނާ، ތާޒާ ކަންމަތީ ރެފިއުޖީންނަށް ބަހަން ފެށުމުން އެމީހުންގެ ކެއިން ބުއިމުގެ މައްސަލައަށް މިވަނީ ވަރަށް ބޮޑު ހައްލެއް ލިބިގެން ގޮސްފައެވެ.


ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ 25،000 މީހުންނަށް ދުވާލަކު 2.5 ޓަނުގެ ކާތަކެތި ފޯރުކޮށްދޭން ޖެހެއެވެ.  ކުރިން ދިރިއުޅެމުން އައި އަމިއްލަ ވަޒަންކަމުގައިވާ މިޔަންމާ ދޫކޮށް ރެފިއުޖީ ކޭމްޕްތަކަށް އެމީހުން އައީ، މިޔަންމާގެ ސިފައިން ދެމުން އައި ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމުގެ ގޮތުންނެވެ. ތުރުކީގެ އެހީ ދޭ އެޖެންސީ ޓިކާގެ މަސައްކަތަށް ރޮހިންޔާގެ ރެފިއުޖީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.

ޓިކާއިން ހަމައެކަނި ފޯރުކޮށްދެނީ ކާބޯތަކެއްޗެއް ނޫނެވެ. އެ އެޖެންސީއިން ވަނީ ބޭސް ފަރުވާގެ އިތުރުން، ރަޖާ ފަދަ ތަކެތިވެސް ރޮހިންޔާގެ ރެފިއުޖީންނަށް ފޯރުކޮށްދީފައެވެ. މީގެ ކުރިން ބަންގްލަދޭޝްއާއި ތުރުކީއާއި ދެމެދު މާ ގާތް ގުޅުމެއް އުފެދިފައި ނެތް ނަމަވެސް، ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ތުރުކީ އާއި ބަންގްލަދޭޝްގެ ގުޅުން މިވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.

ތުރުކީގެ ސަރުކާރުގެ އިސް ފަރާތްތަކެއްވެސް ދާދި ފަހުން ވަނީ ބަންގްލަދޭޝްއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ތުރުކީގެ ފަސްޓްލޭޑީ، އެމިން އުރުދުޣާންއާއި ފޮރިން މިނިސްޓަރ މެވްލުތު ކަވްސުގްލޫވެސް ބަންގްލަދޭޝްއަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޗީފްގެ ހައިސިއްޔަތުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މިޔަންމާ ސިފައިން ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ކުރަމުން އައި އަނިޔާތައް ހުއްޓާލުމަށް މިޔަންމާ ސަރުކާރަށް ބާރު އެޅުމަށް އޯއައިސީގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

އުރުދުޣާން ވަނީ ރޮހިންޔާ މުސްލިމުންގެ މައްސަލަ އދގައިވެސް ނަންގަވާފައެވެ. ރޮހިންޔާގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރި ޤައުމަކީ ތުރުކީ ކަން ފާހަގަކޮށްލެވެއެވެ. ސުންނީ މުސްލިމުންނަށް ދިމާވާ އެކި އެކި ކަންކަމުން މުސްލިމުން ސަލާމަތް ކުރެއްވުމަށް އުރުދުޣާން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...