ފަލަސްތީނާއި އިޒްރޭލްގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާގެ އެހީއެއް ދެން ބޭނުމެއް ނޫން- އައްބާސް

ފަލަސްތީނާއި އިޒްރޭލްގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމެރިކާއިން ހުށަހަޅާ ސުލްހައިގެ އެއްވެސް ޕްލޭންއެއް ބަލައިނުގަންނާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައީސް މިފަދައިން ވިދާޅުވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއާއި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައެވެ. މަހްމޫދު އައްބާސް ވަނީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ ޤާއިމް ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އީޔޫގެ މެމްބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

އައްބާސްވިދާޅުވީ ސުލްހަ ޤާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާއަކީ ތެދުވެރި ފަރާތެއް ނޫންކަން. އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމަލުތައް ހުންނަ ގޮތުން ހާމަވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު، ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގަިއ ބަލައިގަންނަން އެމެރިކާއިން ނިންމުމުން، އެޤައުމުން ވަކި ކޮޅަކަށް ޖެހިފައިވާ މިންވަރު ހާމަވާ ކަމަށްވެސް މަހްމޫދު އައްބާސް ވިދާޅުވިއެވެ.

އެމެރިކާގެ ނިންމުން ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ބުރާސްފަތި ދުވަހު އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް 128 ޤައުމެއް ވޯޓު ދީފައިވެއެވެ. އެޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ނުފޫޒު ގަދަ ޤައުމުތައްވެސް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...