އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުން އެމެރިކާއާއި އިޒްރޭލް ލަދުގަންނަވާލައިފި

ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓު ފާސްކޮށް، ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެމެރިކާއަށް ރަނގަޅު ފިލާވަޅެއް ދީފިއެވެ. 

އދގެ އާއްމު މަޖިލީހުގައި ބުރާސްފަތި ދުވަހު ނެގި ވޯޓުގައި ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް 128 ޤައުމެއް ވޯޓު ދީފައެވެ. އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް މި ޤަރާރު ފާސްކޮށްފައިވަނީ އެމެރިކާއިން އިންޒާރުތައް ދެމުން ދަނިކޮށެވެ. އެގޮތުން އެމެރިކާގެ ނިންމުމާއި ދެކޮޅަށް ވޯޓު ދޭ ޤައުމަތަކަށް ދޭ އެހީތައް ކަނޑާލާނެ ކަމަށާއި، ދެކޮޅަށް ވޯޓު ދެނީ ކޮންކޮން ޤައުމުތަކެއްތޯވެސް ބަލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު ނެގި ވޯޓުގައި، އެމެރިކާއާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ 9 ޤައުމެކެވެ. އެޤައުމުތަކަކީ، ގުއަޓެމާލާ، ހޮންޑޯރަސް، އިޒްރޭލް، މާޝަލް އައިލެންޑްސް، ނައުރޫ، ޕަލާއޫ، ޓޯގޯ، އަދި އެމެރިކާއެވެ. އެމެރިކާގެ އިންޒާރުތަކާހެދި 35 ޤައުމެއް އދގެ އާއްމު މަޖިލީހުގައި ނެގި މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.  މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ބޮސްނިއާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ސާކް ޤައުމުތަކުގެ ތެރެއިން ވޯޓުގައި ބައިވެރިވެފައި ނުވަނީ ބޫޓާން އެކަންޏެވެ.

އެހެން ޤައުމުތަކުން ވަނީ ވޯޓުގައި ބައިވެރިވެ، އެމެރިކާއާއި ދެކޮޅަށް ވޯޓު ދީފައެވެ. ވޯޓާއި ގުޅިގެން ފަލަސްތީނުގެ ލީޑަރުން ވަނީ، އެމެރިކާގެ ނިންމުމާއި ދެކޮޅަށް ވޯޓު ދިން ޤައުމުތަކަށް ޝުކުރު އަދާ ކޮށްފައެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު، ނަބީލް އަބޫ ރުދެއިނާ ވިދާޅުވީ، ބުރާސްފަތި ދުވަހު ނެގި ވޯޓުން ހާމަވަނީ ވަކި ބަޔަކު ނިންމާ ނިންމުމަކުން ޤުދުސްގެ ހަގީގަތް ބަދަލު ނުވާނެ ކަން ކަމަށެވެ. އަދި ޤުދުސް އަކީ އިޒްރޭލުން ހިފާފައިވާ ރަށެއް ކަމަށާއި، އެއީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންނުދޭ ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން ޤުދުސްގެ މަސްރަހް ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ބުނާގޮތުގައި މީގެ ކުރިންވެސް އިޒްރޭލާއި ދެކޮޅަށް މިފަދަ އެތައް ޤަރާރެއް ފާސްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެޤަރާރުތައް ފާސް ކޮށްގެން މިހާތަނަށް ވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެމެރިކާއާއި އިޒްރޭލަކީ އދގެ ޤަރާރުތަކަށް ކަމޭހިތާ ބައެއް ނޫން ކަމަށްވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން އދއިން ވަނީ، އެއްވެސް ޤައުމެއްގެ އެމްބަސީ ޤުދުސްއަށް ބަދަލު ނުކުރެވޭނެ ކަމަށް ބުނާ ޤަރާރުތަކެއްވެސް ފާސް ކޮށްފައެވެ.

އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ގެދޮރު އެޅުން މަނާ ކުރާ ޤަރާރެއްވެސް ފާސްކޮށްފައެވެ. ނަމަވެސް މި ޤަރާރާއި ދެކޮޅަށް އިޒްރޭލުން މިހާރުވެސް އަންނަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް ގެދޮރު އަޅަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...