ޔުނައިޓެޑް ކަޓުވާލުމަށްފަހު އިނގިރޭސި ލީގު ކަޕުގެ ސެމީއަށް ބްރިސްޓަލް ދަތުރުކޮށްފި

ފަހު ވަގުތު ބްރިސްޓަލްއިން ޖެހި ލަނޑާއެކު އިނގިރޭސި ލީގު ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އެ މުބާރާތުގެ ކުއާޓަރ ފައިނަލުން ކަޓައިފިއެވެ. ރޭ ކުޅުނު އިނގިރޭސި ލީގު ކަޕުގެ ކުއާޓަރ ފައިނަލް މެޗު ބްރިސްޓަލްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޕޮގްބާ ފަހިކޮށްދިން ފުރުސަތަކުން ޔުނައިޓެޑުގެ ސްވިޑަން ސްޓްރައިކަރު އިބްރާހިމޮވިޗްއަށް ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އިބްރާހިމޮވިޗްގެ އިތުރުން ރެޝްފޮޑް ފޮނުވާލި ހަމަލާއެއް ވެސް ވަނީ ބްރިސްޓަލް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ބޭރުވެފައެވެ.

ބްރިސްޓަލްއިން ވެސް ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވީ ރޭގެ މެޗުގައި ޔުނައިޓެޑުގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ބަދަލު ކީޕަރު، ސަރޖިއޯ ރޮމޭރޯއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ބްރިސްޓަލްއަށް ކާމިޔާބުކޮށްދިނީ ޖޯ ބްރަޔަންއެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން އިބްރާހިމޮވިޗް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބްރިސްޓަލް މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޯރީ ސްމިތުއެވެ. މި ނަތީޖާއިން ބްރިސްޓަލް ސިޓީ އިނގިރޭސި ލީގު ކަޕުގެ ސެމީއިން ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، ޔުނައިޓެޑަކީ ބްރިސްޓަލް އަތުން ބަލިވެގެން އެ މުބާރާތުން ކެޓި އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ހަތަރުވަނަ ޓީމެވެ. އެގޮތުން ބްރިސްޓަލްއިން ވަނީ ވޮޓްފަޑް އާއި ސްޓޯކް ސިޓީ އަދި ކްރިސްޓަލް ޕެލެސްގެ މައްޗަށް ވެސް ކާމިޔާބު ހޯދާފައެވެ.

މުބާރާތުގެ ސެމީގައި ބްރިސްޓަލްއިން ނިކުންނަން ޖެހޭނީ ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނަ މަގާމުގައި އޮތް މެންޗެސްޓަރ ސިޓީ އާ ދެކޮޅަށެވެ. އަދި ސެމީގައި އަނެއް ކޮޅުން ވާދަކުރާނީ އާސެނަލްއާއި ޗެލްސީއެވެ.

މެންވެސްޓަރ ސިޓީއިން ލީގެ ކަޕުގެ ސެމީއަށް ދަތުރުކުރީ ކުއާޓަރ ގައި ލެސްޓަރ ބަލިކުރުމަށްފަހުގައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، ސިޓީއިން މޮޅުވީ ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ. އަދި އާސެނަލް ސެމީއިން ޖާގައެއް ކަށަވަރު ކުރީ އެކެއް ސުމެއްގެ ނަތީޖާއަކުން ވެސްޓްހެމް ބަލިކުރުމަށްފަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...