ހަ އަހަރަށް ފަހު އިނގިރޭސި ލީގު ކަޕުގެ ސެމީއަށް އާސެނަލް ކޮލިފައިވެއްޖެ

ވެލްބެކްގެ ލަނޑާއެކު އިގިރޭސި ލީގު ކަޕުގެ ސެމީއަށް އާސެނަލް ކޮލިފައިވެއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ 11 އަށް ކޯޗު އާސެން ވެންގަރ ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. މި މެޗުގެ ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ.

މެޗުގެ 41 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ އިނގިރޭސި ސްޓައިކަރު ޑެނީ ވެލްބެކްއެވެ. މި ލަނޑާއެކު އާސެނަލް ސެމީއަށް ދަތުރުކޮށްފައިވާއިރު، މިއީ ފާއިތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އާސެނަލް އިނގިރޭސި ލީގު ކަޕުގެ ސެމީއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

މި މެޗުން މޮޅުވި ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އާސެނަލްއަށް ކުޅޭ ފްރާންސްގެ ފޯވަޑް އޮލިވިއަރ ޖިރޫޑްއަށް ވަނީ އަނިޔާވެފައެވެ. މިއާއެކު އާސެނަލްއިން ލިވަޕޫލްއާއި ޗެލްސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި އޭނާއަށް ބައިވެރިވެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް އާސެނަލްގެ ކޯޗު ވެންގަރ ވަނީ ބުނެފައެވެ. އާސެނަލްއިން ލީގު ކަޕުގެ ސެމީގައި ނިކުންނާނީ ވާދަވެރި ޗެލްސީއާ ދެކޮޅަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...