ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދޭ ޤައުމުތަކަށް އެމެރިކާއިން އިންޒާރު ދީފި

ޤުދުސް އަކީ، އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ވޯޓުދޭ ގައުމުތަކަށް އެހީ ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަރަބި ޤައުމުތަކުން ހުށަހެޅި މިޤަރާރު، ރާއްޖެއިން ވަނީ ކޯ ސްޕޮންސަރ ކޮށްފައެވެ.

ވައިޓް ހައުސްގައި ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގެ ކަންކަން އެމެރިކާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެހީ ދިނުން ހުއްޓާލުމާއި ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެކި ޤައުމުތަކަށް ބިލިއަން ޑޮލަރުގެ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އެ އެހީތައް ހުއްޓާލުމުން، އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއް ސަލާމާތް ކުރެވޭނެ ކަމަށެވެ. ޓްރަމްޕްގެ އިތުރުން، އެމެރިކާއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީވެސް ވަނީ މިފަދަ އިންޒާރެއް ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދޭ ޤައުމުތަކަށް ދީފައެވެ. 

އަދި އެ ގަރާރުގައި ވޯޓުދޭ ގައުމުތަކުގެ ނަންތައްވެސް ނޯޓުކުރާނެ ކަމަށް ނިކީ ވިދާޅުވި. ނިކީ ވިދާޅުވީ އެމެރިކާގެ އެހީތެރިކަން ހޯދާ ޤައުމުތަކުން އެމެރިކާއާއި ދެކޮޅަށް ނިކުތުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.  އަދި ޤުދުސް އަކީ އިޒްރޭލްގެ ވެރި ރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމީ އެކަމަށް އެމެރިކާގެ ރައްޔިތުން ބޭނުންވެފައި ތިބުމުން ކަމަށްވެސް ނިކީ ވިދާޅުވިއެވެ. އދގެ ޤައުމުތަކަށް އާއްމު މަޖިލީހުގެ ވޯޓުގެ ކުރިން އިންޒާރު ދިނުމާއި ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓަރ ރިޔާދު އަލް މާލިކީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ޤުދުސްގެ މައްސަލައާއި ގުޅިގެން ހޯމަ ދުވަހު ނެގި ވޯޓެއްގައި އެމެރިކާގެ ނިންމުމާއި ދެކޮޅަށް 14 ޤައުމަކުން ވޯޓު ދީފައިވެއެވެ. އެ ވޯޓުގައި ޓްރަމްޕާ އެކޮޅަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ. ހޯމަ ދުވަހު މިސްރުން ސްޕޮންސަރ ކޮށްގެން ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ އެއްވެސް ޤައުމެއްގެ އެމްބަސީ ޤުދުސްގައި ޤާއިމް ކޮށްގެން ނުވާނެ ކަމަށެވެ.

އެހެންނަމަވެސް އެމެރިކާއިން ވަނީ އެޤަރާރު ވީޓޯ ކޮށްފައެވެ. އދގެ އުސޫލުތައް އޮންނަ ގޮތުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ކޮންމެ ޤަރާރެއްވެސް ވީޓޯ ކޮށްލެވޭނެއެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަކީ، އެމެރިކާ، އިނގެރޭސިވިލާތް، ޗައިނާ، ރަޝިޔާ އަދި ފްރާންސްއެވެ. ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފަލަސްތީނު ރައްޔިތުން ދަނީ ކުރަމުންނެވެ. އދގެ އާއްމު މަޖިލީހުގައި ޤުދުސްގެ މައްސަލައާއި ގުޅިގެން ނަގާ ވޯޓުގައި 193 ޤައުމަކަށް ވޯޓު ދެވޭނެއެވެ.

މި ވޯޓު އެމެރިކާއާއި ދެކޮޅަށް ފާސްވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނޭ. އެމެރިކާއާއި ދެކޮޅަށް ޤަރާރު ފާސްވި ނަމަވެސް އެއީ އަމަލު ކުރަން ޖެހޭ ޤާނޫނަކަށް ނުވާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...