ކޯލިޝަން ޗޮކުން، މެމްބަރުން ރަތަށް

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލިސްގެ ކައިރިއަށް އެއްވި އިރު، އެސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް

ހޯމަ ދުވަހުގެ އިރު އެރުމާއެކު ކޮންމެ ދިވެހި ރައްޔިތެއްގެވެސް ހިތް އަވަސްވީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އަބަދުވެސް އަޑު އުފުލަމުންދާ، އިދިކޮޅު ކޯލިޝަނުގެ ގޮވާލުމަށް އިޖާބަދިނީ ކިތަކެއް ދިވެހި ރައްޔިތުންތޯ ބަލާލުމަށްކަން ޔަގީނެވެ. ސަބަބަކީ ގައުމުގެ ވަލިއްޔުލް އަމުރުކަމުގެ މަގާމަށް ދަހިވެތިވެ، ފެންބޮވައިގަނެފައިވާ ބަޔަކު ދައްކަމުންދާ ވާހަކަ ތަކުގައި އޮއްޓަރު ހުރި މިންވަރާއި، ކެނޑިނޭޅި ގޮވަމުންދާ ގޮވެލިފަތީގެ އަޑު އަހާ ގަބޫލް ކުރަނީ ކިތައް ރައްޔިތުންތޯ ބަލާލުމުގެ ބޭނުމުގައެވެ. ވެރިކަމުގެ އިއްޒަތާ ލައްޒަތުގެ އަވައިގާޖެހި، ކުރީގެހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވި ބޭބޭފުޅުންގެ ރޭވުންތެރިކަން ހުރި ދަރަޖަތައް ވަޒަންކޮށްލުމަށެވެ.


އެހެން ނަމަވެސް ފެނިގެންދިޔައީ ހީވެސް ނުކުރާ ފަދަ މުޅިން ތަފާތު ތަސްވީރެކެވެ. ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތައް ޗޮކުން ދިޔަ މަންޒަރުތަކެވެ. ގަދަބަސް ބުނުމާއެކު ގަދަބާރުން ކަންކަން ނިންމަން ނުކުތް އިދިކޮޅު ފަރާތްތައް ފަލީހަތްވެ، ރައްޔިތުންގެ ކުރިމަތީ ބޭޒާރުވި ތަނެވެ. އެވެރިން ދައްކަން މަސައްކަތްކުރި އަވާމެންދުރުގެ ހުވަފެން ބަލާނޭ މީހަކުނުވެ، އެކަކު އަނެކަކު ގަޔަށް އަތްލާ ހިސާބަށް ރުޅިގަދަވެގެންދިޔަ ހާދިސާތަކެވެ. ނަތީޖާއެއްގެ ގޮތުން އެވެރިން ދައްކަން ބޭނުންވި ނަނާ ހުވަފެން ބަލާނޭ ރައްޔިތަކުނުވެ ހަގީގަތެއް ނުވާ އެ ހުވަފެންތައް ބަލަން މަޖުބޫރުވީވެސް އެވެރިން އެވެރިންނަށެވެ.


 

އިދިކޮޅު ފަރާތްތަކުން ފުލުހުންގެ ލައިންތައް ފޫދުއްވާލުމަށްފަހު މަޖިލީހުގެ ތެރެއަށް ވަންނަން ގަދަބާރު ދައްކަނީ

 


ވާނީވެސް އެހެންތާއެވެ. ރައްޔިތުން މިއަދު ތިބީ އެވެރިން ހީކުރާ ވަރަށްވުރެ، އެތައް ގުނައެއް ހޭލުންތެރިވެފައެވެ. ތަނަކުން ބަޔަކު ޖަހާހާ ބެރަކަށް ނަށަން ނުޖެހޭނެކަން ދަނެގެންނެވެ. އަދި އަޑުގަދަ މީހާ ރުއްގިނަނުވާނޭކަންވެސް ނިކަން ރަނގަޅަށް ދަނެގެންނެވެ. ކަންމަތީ ބާއްވާ ޖަގަހަ ޖަލްސާތަކުގައި އަޑުގަދަކޮށް ގޮވާލިޔަސް، އެވެރިން އެގޮވާލާފަދަ ގައިރު ގާނޫނީ އެއްވުމަކަށް ނިކުމެއްޖެ ނަމަ ލިބިދާނޭ އަނިޔާތަކާއި ދެރަނިކަމެތިކަން ކިތައްމެ ރަނގަޅަކަށްވެސް ތަޖުރިބާ ކޮށްގެންނެވެ. އެކަން އެހެންވީވެސް މާޒީގައި އެވެރިންގެ ބަހަށް ހެއްލި އެވެރިންގެ ގޮވާލުންތަަކަށް އިޖާބަ ދެވުނީމައެވެ. އެހެން ނަމަވެސް މިއަދުު ރައްޔިތުން ގުނބޯ ހެއްދުމަކީ ވާނޭ ކަމެއް ނޫންކަން މިވަނީ ސާބިތުކޮަށްދީފައެވެ.


މީގެ އިތުރުންވެސް ފެނިގެން ދިޔައީ އޮޅުވާލަން މަސައްކަތް ކުރާ ބަޔަކު ކިތަންމެ މޮޅު މަންތަރުތަކެއް ޖެހިނަމަވެސް އެހުރިހާ ކުލަވަރުތަކަށް ދިވެހި ރައްޔިތުން ލޯ ހުޅުވިފައިވާތަނެވެ. ސައްތައިން ސައްތަ މުސްލިމު މި ގައުމުގައި އޮންނަން ޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ވަހުދަތާއި އަސާސްތައްކަން ރައްޔިތުން ގަބޫލުކުރި މިންވަރެވެ. ދިވެހިން އިހުތިރާމް ކުރަނީ އަދި ބަލައިގަންނާނީވެސް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކޭ ގޮވި އަޑުތަކެވެ. އަދި ދިވެހިން ލޯބި ކުރަނީ ގައުމުގައި އޮތް ސުލްހަ މަސަލަސްކަން ދަމަހައްޓަންކަން ކަމާއި، ގައިރު ގާނޫނީ އެއްވެސް އަމުރަކަށް ދިވެހި ރައްޔިތުން އިޖާބަ ނުދޭނެކަން ހާމަވެގެން ދިޔަ ހަގީގަތެވެ.


އެހެން ނުވާންވީ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވެއެވެ. ގައުމުގެ ވަލިއްޔުލް އަމުރުކަން ލިބުމުން ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ކުރި ބަޔަކު އެއްގަލަކަށް އެރިނަމަވެސް، އޭރު ރައްޔިތުންނާ ދޭތެރޭ، ނުވެވުނު ހެޔޮފުޅެއް މިއަދު ވެވޭނޭކަމަށް، އަދި އޭރު ނުދެއްކުނު މަންޒަރެއް މިއަދު ދެއްކޭނޭ ކަމަށް، ގަބޫލުކުރާ ރައްޔިތަކު މިގައުމުގައި ނެތްކަން މިވަނީ ސާބިތުވެފައެވެ. އަމިއްލަ ފައިދާއާ މަންފާއަށްޓަކާ އެންމެ ބޮޑު ދުޝްމަނުންގެ ގޮތުގައި ގަބޫލުކުރި ބަޔަކާ ބައިއަތު ހިފައިގެންތިބެ ގައުމީ މަސައްކަތެއް ކަމަށްބުނެ، އިސްލާހުގެ ނަމުގައި ހިންގާ ހަރަކާތްތަކަކީ އަމިއްލަ އެދުމުން ފޯވެތިބެ، ހިންގާ ބޮޑެތި ޖަރީމާތަކެއްކަން ރައްޔިތުން މިވަނީ ގަބޫލްކޮށްފައެވެ.


 

އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުމުގެ ތެރެއިން މެމްބަރަކު ސައިކަލެއްގެ މަތީ

 


އެވެރިންގެ މަކަރުވެރި ކަމުގެ ދަލުގައިޖެހި އަނިޔާ ލިބުނު ރައްޔިތުން، މިވަނީ ފިސާރި ރަނގަޅަށްވެސް އެވެރިންނަށް ޖަވާބުދާރީ ވެފައެވެ. އެވެރިންގެ ބަހަށް ހެއްލުމުގެ ބަދަލުގައި މިފަހަރު ފެނިގެން ދިޔައީ އެވެރިންނަށް ކެހިދިނުމަށްފަހު، އެވެރިން ދަންމަޅީގައި ޖެއްސި ބޮޑު މަންޒަރެެވެ. އެވެރިންދޭ މުސާރަ ކޮޅުން ފުއްދާލައިގެން އުޅޭ މީޑިއާތަކުން އެވެރިންނަށް ފައިދާވާނޭހެން ރައްޔިތުންގެ މަގުފުރައްދަން ގެނެސްދެމުންދިޔަ ޚަބަރުތަކާ ރިޕޯޓް ތަކަކީ އެއްވެސް އަސާސެއް ނެތް ރޯ ބުހުތާނު ދޮގުކަންގަބޫލުކޮށް، ގައިރު ގާނޫނީ އެއްވުންތަކަށް ގޮވާލާ ރެއާ ދުވާލު ކުރި އިސްތިހާރުތަކަކީ، ފޫނެއް ބާލީދީއަށް ފެންފުރުން ކަހަލަ ކަމަކަށް ބަދަލުވެއްޖެއެވެ.


ވެރިކަމުގެ ޝާނާ ސައުކަތުގެ ފޮނި މީރު ރަހަ އަރުތެރެއިން ނުފިލައިގެން އުޅޭ ފެއިލްވެފައި ތިބި ބައެއްގެ މޮޅު ސިކުނޑިން ދިޔަފެލައިގެން ރޭވި ރޭވުންތައް ޗޮކުން ދިއުމުން ނިމުނީއެއްވެސް ނޫނެވެ. މަޖިލީހުގެ ތެރެއަށްވެސް ނުވަދެވުނީއެވެ. ބާއްވަން އުޅުނު ގަވާއިދާ ޚިލާފް ޖަލްސާވެސް ނުބޭއްވުނީއެވެ. މަޖިލީހުގެ ރައީސް މަގާމުންވެސް ދުރު ނުކުރެވުނީއެވެ. އަބުދުﷲ ޝާހިދު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެސް ނުކުރެވުނީއެވެ. އަދި ވައްޓާލަން އުޅުނު ވެރިކަންވެސް ނުވެއްޓުނީއެވެ. ހުރިހާ ކަމެއްވެސް ޗޮކުންނެވެ. ހައްތާވެސް މެމްބަރުން ރަތަށެވެ. އެކަން ސާބިތުވެގެން ދިޔައީ ލިބުނު ނާކާމިޔާބީ ފޮރުވަންވެގެން ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޙްލޫފް ފިޔަވާ ބައިވެރިވާނޭ މެމްބަރަކުވެސް އިސް މީހަކުވެސް ނުވުމެވެ. އޭގެ އަސަރު ރޭގަނޑު ގަޑީގައި ސޯސަންމަގުގައި ހުރި އެމްޑީޕގެ އޮފީސް ކުރިމަތީ ބޭއްވި މުޒާހަރާއިން ވަނީ ފެނިގެން ގޮސްފައެވެ. އަޑުއަހަން ދާނެ ރައްޔިތަކުނުވިތާކު ވާހަކަ ދައްކަންދާނެ އިސްފަރާތެއްވެސް ނުވިއެވެ. މިފަހަރު ހަމަރަނގަޅަށް ވެސް ދިޔައީ ޗޮކުންނެވެ. މެމްބަރުން އެރީ ރަތަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...