ރޮހިންޔާ މުސްލިމުންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެމެރިކާ ސަރުކާރަށް ދެންނެވިން- މެލޭޝިއާގެ ބޮޑުވަޒީރު

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަރިހުގައި ދަންނަވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑު ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއަށް ވަޑައިގެން، ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައެވެ.

ރޮހިންޔާ މުސްލިމުން އަމިއްލަ ޤައުމުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ މައްސަލަ އަކީ މުސްލިމުން ކަންބޮޑުވާ މައްސަލައެއްކަން ފާހަގަ ކުރައްވާ ނަޖީބް ރައްޒާޤް ވިދާޅުވީ، އެމައްސަލަ ވައިޓް ހައުސްއާއި ހަމައަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައާއި ގުޅިގެން އެމެރިކާގެ ސަރުކާރުން އަދި އެއްވެސް ކަމެއް ކޮށްފައިނުވާ ކަން ނަޖީބް ރައްޒާޤް ވަނީ ފާހަގަކުރައްވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ކޯކްސް ބާޒާރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންނަށް އެމީހުންގެ ވަޒަނަށް އެނބުރި އާދެވެން ޖެހޭނެ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް މެލޭޝިއާއިން މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަން ނަޖީބް ވަނީ ފާހަގަ ކުރައްވާފައެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެގައުމުގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އަނބުރާ މިޔަންމާއަށް ގެނައުމާއި ބެހޭ އެއްބަސްވުމެއްގައި ބަންގްލަދޭޝްއާއި މިޔަންމާއިން ސޮއިކޮށްފައިވެއެވެ. މިއެއްބަސްވުމަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅުގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...