ދީނީ އަގީދާ ބަލިކަށިކުރުވުމަށްޓަކާ އެތެރެއާއި ބޭރުން ފިއްތުންތައް ކުރިމަތިކުރުވަމުން އެބަދޭ: ރައީސް

ރާއްޖޭގައި ދީނީ އަގީދާ ބަލިކަށި ކުރުމަށްޓަކައި، އެތެރެއާއި ބޭރުން ފިއްތުންތައް ކުރިމަތި ކުރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރާއްޖެ އިސްލާމިވި ދުވަހާއި ގުޅިގެން ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ޚިތާބުގައި ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، ދިވެހިންގެ ދީނީ އަގީދާ ބަލިކަށިކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ފިކުރުތައް ރާއްޖެއަށް ގެނައުމަށް އެތެރެއާއި ބޭރުން މަސައްކަތް ކުރަމުން އަންނަ އިރު އެކަމަށް ހުރިހާ ރައްޔިތުން ހޭލާ ތިބުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެން ނުވާނެކަން ފާހަގަކުރައްވާ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. ރައީސްގެ މެސެޖްގައި މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތް ކަމަށް ވިދާޅުވިއެވެ.

އަދި އެ ދީނަކީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މާތްﷲ ބާވައިލެއްވި ދީން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދީނުގެ މަތިވެރި ޢަޤީދާއާއި، ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށެވެ. މީގެއިތުރުން އެމަނިކުފާނުގެ ޚިޠާބުގައި ރާއްޖެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކުރިއެރުން ގުޅިފައި ވަނީ، އިސްލާމް ދީނުގެ މަތީގައި ދިވެހިން ފައިތިލަ ސާބިތު ކުރާ މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

އަދި އެންމެންގެ އަޒުމަކަށް ވާން ޖެހޭނީ ވެސް އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ސާބިތުވެ ކުރިއަށް ދިޔުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖް ނިންމާލައްވަމުން މާތްﷲ އިސްލާމްދީނުގެ މި މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދިވެހިން އަބަދަށް ލެހެއްޓެވުމަށް އެދި ދުއާކުރައްވައި، އަދި ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޒައީމް 21 ޑިސެމްބަރު 2017 - 00:59

    ސާބަހޭ ރައީސް ޔާމީން.2018 ކަށަވަރު. ތިޔައީވާ ފައްކާ ރައީސެއް. މަގޭވޯޓް ރައީސް ޔާމިންއަށް

  2. ޒައީމް 21 ޑިސެމްބަރު 2017 - 00:59

    ސާބަހޭ ރައީސް ޔާމީން.2018 ކަށަވަރު. ތިޔައީވާ ފައްކާ ރައީސެއް. މަގޭވޯޓް ރައީސް ޔާމިންއަށް

ގުޅުން ހުރި
Loading...