ލަންކާ އަކީ މެލޭޝިއާގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ތަނެއް ކަމަށް ދެކެން- ނަޖީބް ރައްޒާޤް

ސްރީލަންކާއިން މެލޭޝިއާގެ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު، ނަޖީބް ރައްޒާޤް ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅިގެން މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވީ، އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި ލަންކާގައި ކުރަމުން އައި ދާހިލީ ހަނގުރާމައަށްފަހުގައި އެޤައުމު އޮތީ އިގްތިސާދީ ގޮތުން ކުރިއެރުމުގެ މަގުމަތީގައި ކަމަށާއި، މިދަނޑިވަޅަކީ މެލޭޝިއާގެ ވިޔަފާރިވެރިންނަށް ލަންކާގައި އިންވެސްޓް ކުރަން އެކަށީގެންވާ ވަގުތެއް ކަމަށް ނަޖީބް ވިދާޅުވިއެވެ. 

ނަޖީބް ރައްޒާޤް ވަނީ ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާއާއި ބައްދަލު ކުރައްވާ، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ. މި އެއްބަސްވުން އެކުލަވާލާނީ އަންނަ އަހަރު ކަމަށް ލަންކާގެ ނޫސްތަކުން ހާމަ ކުރެއެވެ.
 
މެލޭޝިއާ ސަރުކާރާއިއެކުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ދެއްކެވި ވާހަކަފުޅުގައި ވަނީ މެލޭޝިޔާގެ ކުންފުނިތަކުން މިހާރުވެސް ލަންކާގައި އިންވެސްޓް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ، މި އިންވެސްޓްމެންޓްތަކުގެ ސަބަބުން، ސްރީލަންކާގެ ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގެ ބޮޑު ވަޒީރު، ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެޤައުމާއި އެކީގައި މެލޭޝިއާއިން ސިޔާސީ ގުޅުން ޤާއިމް ކުރިތާ 60 އަހަރު ވަނީ ވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...