ދިވެހި ގައުމު ދުށް އެންމެ ބޮޑެތި ޚާއިނުންގެ ސަބަބުން ރާއްޖެ ދުށް ކަޅު ދުވަސްތައް

ދިވެހި ރާއްޖޭގެ ތާރީޚުގައި މިއަދާ ހަމައަށް އައިއިރު، ރައްޔިތުން ވަނީ ވަރަށް ގިނަ ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. މިނިވަން ކަމުން އަޅުވެތި ކަމަށް ދިވެހިން އެތައް ފަހަރަކު ގޮސްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެގެން ބޭރުގެ ފަރާތްތަކުން ދިވެހިންނަށް އަނިޔާތައް ދެމުންދާ ދިއުމަކީ ދިވެހި ރާއްޖޭގެ ރައްޔިތުން އެވޭލާ ޒަމާނުއްސުރެ ދެކެ، ތަޖުރިބާކޮށްފައިވާ ހިތްދަތި ދުވަސްތަކެކެވެ.

މަލާބާރީން ރާއްޖެ ހިފި ވާހަކައަކީ ރާއްޖޭގެ ރައްޔިތުން މިއަދު ވެސް އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އެކަން ހިނގަން މެދުވެރިވި ސަބަބު އެނގެނީ ކިތައް ރައްޔިތުންނަށްތޯއެވެ. އެހާދިސާގައި ދިވެހިން ތަޖުރިބާކުރި ހިތްދަތި އަދި އެހާމެ ބިރުވެރި އެހާދިސާގެ މައުލޫމާތު އެނގެނީ ކިތައް ރައްޔިތުންނަށްތޯއެވެ. މަލާބާރީން ރާއްޖެ އަރާ ރާއްޖޭގެ ވެރިކަން ފޭރިގަތޭ ބުނެ އެހިސާބުން އެވާހަކަ އޮއްބާލައިގެން މިއަދު ތިބެވޭކަށް ނެތެވެ. އެދުވަސް ދުށް ރައްޔިތަކު މިއަދު ދުނިޔޭގައި ނެތް ނަމަވެސް، އެހާދިސާ ހިނގައި ދިޔަގޮތް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭނެ ކަމަށް ދެކެމެވެ. މަލާބާރީންނާ ޕޯޗްގީޒުންނާ އިނގިރޭސީންގެ އިތުރުން ލަންކާގެ ތަމަޅަ ޓައިގަރުންނާ ގުޅިގެން ގައުމުގެ މިނިވަން ނަގާލި ފަދަ ބިރުވެރި ހާދިސާތައް ހިނގާފައިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ބަޔަކު ގައުމަށް ޣައްދާރުވެގެންނެވެ.

ދިވެހި ތާރީޚުގައި މިފަދަ އެތައް ހާދިސާތަކެއް ތަކުރާރުވެފައިވާއިރު، ބޭރުގެ އަނިޔާވެރިންގެ އަޅުވެތި ކަމުގައި ދިވެހިން އެތައް ސަތޭކަ އަހަރު ހޭދަކޮށްފައިވާކަން ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. އެގޮތުން ޑިސެންބަރު މަހުގެ 20 ވަނަ ދުވަހާ މިއަދު އަޅުގަނޑުމެން ކުރިމަތިލި އިރު، ޑިސެންބަރ 20 ވަނަ ދުވަހަކީ ދިވެހިން ދެކެފައިވާ ކަޅު ދުވަހެއްކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން ދިވެހިތާރީޚުން ފެންނަގޮތުން މަލާބާރީން ދިވެހީންގެ ދާޚިލީ ކަމެއްގެ ތެރެއަށް ފުރަތަމަ ފަހަރަށް ވަދެފައިވަނީ މީލާދީން 1494 ވަނަ އަހަރުގައެވެ. އެއީ ކަޅު މުޙަންމަދު ރަސްގެފާނުގެ އެދުމަށް އޭނާއަށް ދެވަނަ ފަހަރަށް ދިވެހި ތަޚުތު ހޯދައިދިނުމަށްޓަކާ ހިންގި ނުބައިވެގެންވާ ބޮޑު ޖަރީމާއެކެވެ. ކަޅު މުޙަންމަދު ރަސްގެފާނަށް މަލާބާރީން ވެދިން އެހީގެ ބަދަލެއްގެގޮތުން ދިވެހި އުފެއްދުންތަކާއި ވިޔަފާރީގެ ކޮންޓްރޯލް މަލާބާރީންނަށް ލިބިގެން ދިޔައެވެ.  ކަޅު މުޙަންމަދަށް ދެވަނަ ފަހަރަށް ރަސްކަން ލިބުމަށްފަހު ދިވެހި އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ލިބެންހުންނާނީ ހަމައެކަނި މަލާބާރީން ވިޔަފާރި ހިންގާ ރަށްރަށުންނެވެ. 

މަލާބާރީން ނުވަތަ ކަންނަންނޫރު އަލީ ރާޖާ ދިވެހިންނަށް ފުރަތަމަ ދިން ގެއްލުމަކީ ދިވެހީންގެ އިޤްތިޞާދު އަޅުވެތިކޮށް ދިވެހިން ނިކަމެތިކޮށްލުމެވެ. އެކަން މަލާބާރީންނަށް ކާމިޔާބު ކުރެވުނީ ކަޅު މުޙަންމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވުމުން ކަމަށް ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. އަދި ތިން ވަނަ ފަހަރަށް ކަޅު މުހައްމަދު ރަސްގެފާނު ވެރިކަމަށް އައުމަށް ވެސް މަލާބާރީންގެ އެހީއަށް އެދިފައި ވެއެވެ. އެފަހަރު އޭނާ އިންޑިއާގެ މަލާބާރީންނާ ބައްދަލުކުރަން ދިއުމުން ވެރިކަން ހޯދައިދިނުމުން އޭގެބަދަލުގައި ތިލަދުންމައްޗާއި، ނ. އަތޮޅުގެ ކެނދިކުޅުދޫގެ އިތުރުން އެއަތޮޅުގެ ރަށެއް ދިނުމަށް އެއްބަސްކުރުވިއެވެ. އެފަހަރު މަލާބާރީން ރާއްޖެއަށް ހަނގުރާމައަށް އައިއިރު، ދިވެހި ތަޚުތުގައި އިންނެވީ ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު ތިންވަނަ އެވެ. މިއީ މީލާދީން 1750 އިން 1757 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރުވެފައިވަނީ ކޮރު ބަންޑާރައިން ގެ ނަމުންނެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރީ ގޮތުން 1163 ވަނަ އަހަރުގައެވެ.

އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ)، ނުވަތަ ކޮރު ބަންޑާރައިން އަވަހާރަވީ 7 ޝައްވާލް 1170 ގައެވެ. ޞުލްޙަވެރިކަމާއެކު ރަސްކަން ކުރައްވާތާ 3 އަހަރުވީތަނާ ކަންނަންނޫރު ޢަލީ ރާޖާ ހަނގުރާމައަށް މަލާބާރީންގެ ލަޝްކަރުމާލެފޮނުވިއެވެ. މީލާދީން 20 ޑިސެންބަރ 1752 ވަނަ އަހަރު، އަދި ހިޖުރައިން 1166 ވަނަ އަހަރުގެ ސަފަރު މަހުގެ ތޭރަ ވިލޭރޭ، ނުވަ ފުޅީގެ ވަގުތުގައި ނުވަތަ މެންދަމުން އަލިވެ ތިނެއް ޖަހާއިރު، މަލާބާރީންގެ ލަޝްކަރު މާލޭ ކަޑިންމައިން ވަނެވެ. މަލާބާރީން ނުވަތަ ހޮޅިން އެންމެ ފުރަތަމަ ވެސް މުލިއާގެ ނުވަތަ ރަސްކަމުގެ ގަނޑުވަރަށް ވަދެ ބަޑިތައް ޖަހާ މީހުންތައް މަރަން ފެށުމުން ރަސްގެފާނަށް ހޭފުޅުލެވި، ގަނޑުވަރުގެ ކިބަޅި ފަރާތު ދޮރުން ނުކުންނަވާ މާފަންނުގައި ހުރި ގަނޑުވަރަށް ރަދުން ވަޑައިގެންނެވިއެވެ. މަލާބާރީންގެ ލަޝްކަރުތަކުން އެންމެ ފުރަތަމަވެސް ހުޅުޖެހީ ނާބަތުޚާނާގައެވެ. އަދި އޭގެ ފަހުން މާލޭގެ އެކި ހިސާބުތަކުގައި ހުރި ތިން ގަނޑުވަރެއްގައި ހުޅުޖަހާ، އަންދާލި އިރު، ތިން މިސްކިތަކާ އާންމު ރައްޔިތުންގެ ފަސްދޮޅަސް ތިން ގެ ވަނީ އަންދާލާފައެވެ.

މިޙާދިސާގައި މާލޭގެ ދެބައިކުޅަ އެއްބައި އަނދާ ދިއުމުން ރަދުން ކަންބޮޑުވެ ވަޑައިގެން މަލާބާރީންނާ މަޝްވަރާކޮށް ސުލްހަވެރިވުމަށްޓަކާ ވަފުދެއް ފޮނުއްވި އެވެ. ނަމަވެސް މަލާބާރީން ބުނެފައިވަނީ މަޝްވަރާކުރާނީ ރަދުންނާ ކަމަށެވެ. އެހިސާބުން ރަސްކަމުގައި ހުންނެވި މުކައްރަމު މުހައްމަދު އިމާދުއްދީނާއި، ވަލީއަހުދު މުހައްމަދު މަނިކުފާނުގެ އިތުރުން ބައެއް ވަޒީރުން މަލާބާރީންނާ މަޝްވަރާކުރުމަށް ވަޑައިގަތުމުން، އެބައިމީހުން ރަދުންނާއި އަދި ވަލީއަހުދުވެސް ހިމެނޭ ދިވެހި ވަފުދުގެ އެންމެ އިސްވެރިން ހައްޔަރުކޮށް އެބައި މީހުންގެ އުޅަނދަށް ގެންގޮސް ރަދުންގެ ދެލޯ ކޮނެލުމަށް ފަހު ގޯވާއަށް ގެންދިޔައެވެ. އެރަދުން އަވަހާރަވީ މަލާބާރީންގެ އަތްދަށުގައި ހިޖުރީ ސަނަތުން 7 ޝައްވާލް 1170 ގައެވެ. ރަދުންނާ ވަލީއަހުދު ހައްޔަރުކުރުމަށް ފަހު މަލާބާރީން ރާއްޖެ ހިފިއެވެ. އަދި މީގެއިތުރުން ކަޅު މުހައްމަދު ރަސްގެފާނުގެ ދައުވަތަށް މަލާބާރީން ރާއްޖެގެނެސް ރާއްޖެ ހިފިއިރު، ވެރިކަމުގެ ދަހިވެތިކަމުގައި މަލާބާރީންގެ ވެރިޔާ ކަންނަންނޫރު އަލީ ރާޖާއަށް ވެރިކަން ހޯދައިދެން މަސައްކަތްކުރި ހަސަން ތާޖުއްދީންގެ ދެބެން ކަމަށްވާ މުހައްމަދު ޝަމްސުއްދީނާއި އަހުމަދު މުހުޔިއްދީނަކީ ގައުމަށް ޣައްދާރުވި މީހުންކަމަށް ނިންމާ މި ދެބެންވެސް ވަނީ މަލާބާރީން ކަނޑުފައްތާފައެވެ. އެބައި މީހުން ބުނިކަމަށް ފަތްފުށްތަކުގައި ވަނީ އުފަން ގައުމަށް ޣައްދާރުވި ބަޔަކު އެމީހުންނަށް ވަފާތެރި ނުވާނެ ކަމަށެވެ.

މިދެބެންނަކީ އޭރު ރަދުންގެ ގޮތުގައި ހުންނެވި ކޮރުބަންޑާރައިންގެ ސަރުކާރުގެ އިސް ދެވެރިންނެވެ. އެގޮތުން ފަނޑިޔާރު މަނިކުފާނުކަން މުޙައްމަދު ޝަމްސުއްދީނަށް ދެއްވި އިރު، މާލޭގެ ޚަޠީބުކަން އަޙްމަދު މުޙުޔިއްދީނަށް ވަނީ ދެއްވާފައެވެ. މިދެބޭކަލުން ރަސްކަމުގެ އެދުންވެރިކަމުގައި ބޭރުބައެއްގެ އެހީއާއި އެކު ރަސްކަން އަތުލެއްވުމަށް ރާއްވަވައި، މާލެ ހިފުމަށް ދަޢުވަތު ދެއްވައި އަލީރާޖާއަށް ލިއުއްވި ސިޓީތަކުގައި މާލެ ހިފަން ހަދާނެ ގޮތްތައްވެސް އަލީރާޖާއަށް އަންގާފަވެއެވެ. މަލާބާރީން ނުވަތަ ހޮޅިންގެ ވެރިކަން ރާއްޖޭގައި ގާތްގަނޑަކަށް 4 މަސްވަންދެން ކުރިއެވެ. އެއީ ދިވެހި ތާރީޚު ދެކެފައި ނުވާފަދަ އަނިޔާވެރި ދުވަސްތަކެއް ކަމަށް ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. އެގޮތުން މަލާބާރީންނަށް ދިވެހިންގެ އުނދަގޫ ބޮޑުވެގެންދާ ކޮންމެ ފަހަރަކު ރާއްޖޭގެ ރަށްރަށަށް އަރާ މުދާ ފޭރިގަނެގެން ގެންދެއެވެ. އަދި މަލާބާރީން ރާއްޖޭގެ އުތުރުގެ ރައްތަކަށް އަރައިގަނެ 459 މީހަކު ރަހީނުކޮށްގެން ގޯވާއަށް ގެންދިޔަކަމަށް ބުނެއުޅެއެވެ. މަލާބާރީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވަނިކޮށް، އޭގެ ފަހުން ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވީ ހުރާ އަލްވަޒީރު ހުސެން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ހަސަންމަނިކުފާނު ނުވަތަ މުލީގޭ ދޮން ހަސަންމަނިކުފާނުއެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ދޮންބަންޑާރައިންނެވެ.

ދޮންބަންޑާރައިންނާއި އެމަނިކުފާނުގެ ބައިވެރިން ހޮޅިންނާ ދެކޮޅަށް ޖިހާދު ކުރެއްވުމަށް ނުކުމެ ވަޑައިގަތް، މާލަސްތަކެއް ނުވެ މާތް ﷲ ދިވެހިންނަށް ނަސްރު ދެއްވިއެވެ. އެއީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދުލް އާޚިރާމަހުގެ 3 ވީ އާދިއްތަވިލޭރެ އެވެ. ދޮންބަންޑާރައިން އަވަހާރަ ވެފައިވަނީ ހިޖުރައިން 1180 ގައި މީލާދީން 1 ފެބްރުއަރީ 1767ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައިވާ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ. ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، އަވަހާރަވުމުންނެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.

މަލާބާރީން ރާއްޖެ ހިފުމުގެ މެދުވެރިއެއްގެ ގޮތުގައި ހުރި ކަޅު މުހައްމަދު ރަސްގެފާނަކީ ދިވެހި ތާރީޚުގައި ދުށް އެންމެބޮޑު އަނިޔާވެރި ވެރިޔާކަން ދިވެހި ތާރީޚުން ފެންނަން އެބަހުއްޓެވެ. ކަޅު މުހައްމަދު ރަސްގެފާނު ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ވެރިކަން ކުރި އިރު ފުރަތަމަ ފަހަރަށް ވެރިކަމަށް އައީ އޭނާގެ އެއްބަނޑުއެއްބަފާ ކޮށްކޯފުޅު ހަސަން 8 ވަނަ ރަސްގެފާނު ގަތުލު ކުރުމަށްފަހުއެވެ. އަދި ދެވަނަ ފަހަރުވެރިކަމަށް އައުމަށް ހަދިޔާއެއްގެ ގޮތުގައި ދިވެހި އުފެއްދުންތަކާއި ވިޔަފާރީގެ ކޮންޓްރޯލް މަލާބާރީންނަށްދިނެވެ. އަދި ތިން ވަނަ ފަހަރަށް ވެރިކަމަށް އައުމަށް ކުރި ހަނގުރާމައިގައި އޭރުގެ ރަދުން ކޮރުބަންޑާރައިން މަލާބާރީންނާ ހަވާލުކޮށް، އެހާދިސާގައި ރަދުން އަވަހާރަވިއެވެ.

ގައުމަށް ޚިޔާނާތްތެރިވި މީހުންގެ ތެރެއިން ނުވަ ވަނަ ހަސަން ރަސްގެފާނުގެ އަނިޔާވެރިކަން ވެސް މިފުރުސަތުގައި ފާހަގަކޮށްލަންޖެހެ އެވެ. އެގޮތުން އައްސުލްޠާން ހަސަން ސިރީ ދިރި ކުސަލޯކަ މަހާރަދުން، ނުވަތަ ނުވަވަނަ ހަސަން ރަސްގެފާނަކީ ރާއްޖޭގައި ޚުދުމުޚްތާރު ވެރިކަމެއްކޮށް ގައުމަށް ޚިޔާނާތްތެރިވިކަމަށް ތާރީޚްގައި ލިޔެވިފައިވާ ކަޅު މުހައްމަދު ރަސްގެފާނުގެ ދަރިކަލުން އުމަރު މާފަތްކިލޭގެ ދަރިކަލެކެވެ. އެހެންކަމުން ނުވަ ވަނަ ހަސަން ރަސްގެފާނުގެ ކާފާ ފުޅަކީ ކަޅު މުހައްމަދު ރަސްގެފާނެވެ. މަލާބާރީންނަށް ވުރެ ކުރިން ރާއްޖޭގެ ވެރިކަން ފޭރިގެންފައިވަނީ ޕޯޗްގީޒުންނެވެ. މަލާބާރީން ނުވަތަ ހޮޅިން ރާއްޖެ ހިފީ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ބޮޑު ތަކުރުފާނު ދިވެހި ގައުމު ސަލާމަތް ކުރެއްވިތާ 185 އަހަރު ފަހުން ކަމަށް ދިވެހި ތާރީކުގައި ބުނެފައި ވެއެވެ. އެދުވަސް ވަރަކީ މާލޭގައި އޮތް ދާޚިލީ ހަމަނުޖެހުމާއި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގަމުންދިޔަ ފިތުނަވެރި ހަމަނުޖެހުން ބޮޑު، ޤައުމީ ރޫޙު ކުޑަވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އައްޔަސް އަނދިރިއަސް ވާނީ އެއްގޮތް ކަމަށް ބުނެ، އެގޮތަށް ބަޔަކު މީހުން ރައްޔިތުންނަށް ވިސްނައިދެމުން ގެންދިޔަ ދުވަސްވަރުވެސްމެއެވެ. ޕޯޗްގީޒުން ރާއްޖޭގައި 16 އަހަރާ ހަމަސްދުވަހު ވެރިކަން ކުރިއެވެ.

ނުވަވަނަ ހަސަން ރަސްގެފާނު ގައުމަށްވެފައިވާ އެންމެ ބޮޑު ޚިޔާނާތަކީ 19 މެއި 1558 ވަނަ ދުވަހު ޕޯޗްގީޒުން ގޮވައިގެން ރާއްޖެއަރައި އޭރު ރަސްކަމުގައި ހުންނެވި އަލީ ރަސްގެފާނު ޝަހީދުކޮށްލުމެވެ. މާލޭގެ ހުޅަނގު އުތުރުފަރާތަށް ޕޯޗްގީޒުން ހަތިޔާރާއެކު ފޭބުމުން ޢަލީ ރަސްގެފާނު ލަސްކަރީންގެ ވެރިއެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަން ނިކުމެ ވަޑައިގެންނެވިއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު ބޮޑު ވަޒީރާއި ޚާދިމުންކުރެ އެކަކު ފިޔަވާ އެންމެން ފިލައިގެން ހިނގައްޖެއެވެ. ޢަލީ ރަސްގެފާނު އެ ދެބޭކަލުންނައިގެން ދުޝްމަނުންގެ ކުރިމައްޗަށް ދީނާއި ޤައުމުގެ ޙައްޤުގައި ނިކުމެވަޑައިގެންނެވިއެވެ. ޢަލީ ރަސްގެފާނު އެދުވަހު ދެއްކެވި ނަމޫނާއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެ މަހާރަދުންނަށްޓަކައި ދިވެހިން ފަޚުރުވެރިވާނެ ހިތްވަރުފުޅުގަދަ ޢަމަލެކެވެ. ޢަލީ ރަސްގެފާނާއި އެރަދުންނަށް ވަފާތެރި ދެ ބޭކަލުންގެ ހިތްވަރުފުޅު ގަދަކަމާއި އެބޭކަލުންގެ ހިތްޕުޅުގައި ޤައުމާއި ދީނަށްޓަކައި އޮތް މަރިވެރި ލޯތްބެއްގެ ބޮޑުކަން އެދުވަހު ސާބިތުވެގެންދިޔައެވެ.

ދިވެހި ތާރީޚްގައި ނުދެކޭފަދަ އަނދިރި ދުވަސްތަކެއް ދިވެހިންނަށް ކުރިމަތިކުރުވައި ދިވެހި ވެރިކަމުގެ ސިންގާސަނާ އާއި ޕޯޗްގީޒުންނާއި މަތިކުރުމުގެ އިސްމޭސްތިރި އަކީ ނުވަ ވަނަ ހަސަން ރަސްގެފާނެވެ. އޭރު އަލި ރަސްގެފާނު ކައިވެނި ބައްލަވައިގެން އިންނެވީ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ކާފާފުޅު ކަޅު މުހައްމަދު ރަސްގެފާނާއި ބުރެކި ރަނިންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނު ނުވަތަ ކަނބާ ޢާއިޝާ އެވެ. ނުވަ ވަނަ ހަސަން ރަސްގެފާނު އަވަހާރަވީ މީލާދީން ގާތްގަޑަކަށް 1583 ވަނަ އަހަރު، އުމުރުފުޅުން 50 އަހަރުވީ ފަހުން ކަމަށް ތާރީޚުގައިވެއެވެ. ނުވަވަނަ ހަސަން ރަސްގެފާނު ތަޚުތުގައި އިންނެވީ މީލާދީން 1550 އާއި 1551 އާއި ދެމެދު ކަމަށް ފަތްފުށްތަކުގައިވެއެވެ.

ނުވަވަނަ ހަސަން ރަސްގެފާނު ރާއްޖެ ގެނައި ޕޯޗްގީޒުންގެ ދިގު ވެރިކަން ނިމުމަކަށް ގެނައީ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ނުވަތަ ބޮޑު ތަކުރުފާނެވެ. އުތީމު ހުކުރުމިސްކިތުގައި ތިއްބަވައިގެން ހަގުރާމައިން ކާމިޔާބު ލިބުން އެދި ﷲގެ ހަޟުރަތުން ވާގި އެދި ވަޑައިގެން ކުރެއްވި ދުޢާފުޅާއެކު ފެއްޓެވި ޖިހާދުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިން ބޭފުޅުން ކަމުގައިވާ ޢަލިތަކުރުފާނާއި މުޙައްމަދު ތަކުރުފާނު އަދި ޙަސަންތަކުރުފާނުގެ އިތުރަށް ދުވާފަރު ދަންޑަހެލެވެ. ތަކުރުފާނުން ޖިހާދު ކުރެއްވި އުޅަނދު ކަޅުއޮށްފުންމި ބަންނަވާފައިވަނީ ތިލަދުންމަތީގައިހުރި ޕޯޗްގީޒު ކޮމާންޑަރ ވިޔަޒޯރުގެ އެހީތެރިކަމާ މަދަދުވެރި ކަމާއެކުގައެވެ. އެގޮތުން ޕޯޗުގީޒުންނާ ހަގުރާމައަށް ތައްޔާރު ކުރެއްވި އުޅަނދު އެމީހުންގެ ފެންވާރާ އެކަށީގެންވާ ގޮތަށް ފަރުމާ ކުރެއްވިކަން އެއީ އެމީހުން ބަލިކުރުމުގެ އެންމެވަރުގަދަ ހަތިޔާރަކަށް ވެގެންދިޔަ އެއްސަބަބުކަމަށް ބުނެވެއެވެ.

އަދި ކަޅުއޮއްފުންމީގެ ފަހުލަވާނުން އިންޑިއާގެ ބޭދާޅީގައި ހުންނަ އެދުރުކަލޭގެފާނުގެ ގާތަށް ގެންގޮސް ޕޯޗްގީޒުންގެ ބަސްމަގު ދަސްކޮށްދެއްވައި ކަނޑިހެވިކަމާ ބަޑި ހެވިކަން ދަސްކޮށްދެއްވިއެވެ. އޭގެ ފަހުން ހަނގުރާމަ ފެއްޓެވީ ތަކުރުފާނުގެ އާއިލާ މަލިކަށް ބަދަލުކުރުމަށްފަހުއެވެ. ނަމަވެސް ހަނގުރާމައިގައި ޕޯޗްގީޒުން ބޮޑުތަކުރުފާނުގެ ބޮޑުބޭބޭފުޅު އަލީ ތަކުރުފާނު ގަތުލުކޮށް އެތަކުރުފާނުގެ ބޯގެންގޮސް މާލޭގައި ހުރި އަނދިރިއަނދިރިންނަށް ވެދުމަށް އެރުވި ކަމަށް ބުނެވެއެވެ. އަލީ ތަކުރުފާނު ގަތުލު ކުރީ އެތަކުރުފާނުގެ އާއިލާ ހއ. ތަކަންދޫގައި ތިއްބެވުމާއެކު ކަޅުއޮއްފުންމި އެރަށުގައި އެއްރޭ މަޑުކުރުމުން އެތަކުރުފާނު ގޭގައި އޮންނަވާފައި ނުކުންނެވި ވަގުތު ކަމަށް ވެއެވެ. ބޮޑުބޭބޭފުޅު ގަތުލުކުރި ނަމަވެސް މުހައްމަދު ތަކުރުފާނުގެ ހިތްވަރުފުޅު ބައްޔެއް ނުކުރައްވައެވެ. އާއިލާއަށް ލިބިވަޑައިގެންނެވި ފުންހިތާމައަށް ވުރެ ބޮޑަށް އެތަކުރުފާނު އިސްކަން ދެއްވީ ގައުމީ ޖިހާދަށެވެ. ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ގައުމީ ޖިހާދުގައި، ދިވެހިންނަށް ނަސްރުލިބުނީ މީލާދީން 2 ޖުލައި 1573 ގައެވެ.

ބޮޑުތަކުރުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތައް ފުރަތަމަ ކަމެއްގެ ގޮތުގައި އިސްލާމް ދީން ފެތުރުއްވައި، ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި މިއަދު ވެސް ބޭނުންކުރަމުންދާ "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެއްވިއެވެ. މިނަމަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށްފަހު ދިވެހި ދައުލަތުގެ ނަމެއްކަމުގައި ބޮޑުތަކުރުފާނު އިޚުތިޔާރު ކުރެއްވިނަމެވެ. ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ބޮލީގެ ބަދަލުގައި ލާރި ޖެއްސެވުމަށްފަހު އެލާރި ބޭނުން ކުރައްވަން ފެއްޓެވީ މުޙައްމަދު ތަކުރުފާނުއެވެ. ބޮޑުތަކުރުފާނު ރާއްޖޭގައި ވެރިކަން ކުރެއްވީ މީލާދީން 1573 އިން 1585އަށް، ޖުމްލަ ބާރަ އަހަރު ދުވަހު އެވެ. އެތަކުރުފާނު އަވަހާރަވީ 1585ގައެވެ.

މީގެއިތުރުން ޕޯޗްގީޒުންނާއި، މަލާބާރީންނާއި، އިނގިރޭސީންގެ އިތުރުން އިންޑިއާގެ ވޯރާވެރިންގެ ބާރުގެ ދަށުގައި ވެސް ދިވެހިން ގިނަ އަހަރު ތަކެއްގައި ތިބެންޖެހުނުކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ ދިވެހި ރާއްޖޭގެ ރައްޔިތުން ތަހައްމަލްކޮށްފައިވާ ހިތްދަތި ކަޅު ދުވަސްތަކެކެވެ. އެގޮތުން އިންޑިއާގެ ވޯރާވިޔަފާރިވެރިންގެ ވިަޔަފާރި އެންމެ ފުރަތަމަ ރާއްޖޭގައި ފެށުނީ ކަޅު މުހައްމަދު ރަސްގެފާނު ދެވަނަ ފަހަރަށް ވެރިކަމަށް އައުމަށް މަލާބާރީންނާ އެކު ހެދި އެއްބަސްވުމުގެ ސަބަބުންނެވެ. އޭގެ ފަހުން ވޯރާވެރިންގެ އަތްދަށަށް ދިވެހިންގެ އުފެއްދުންތަކާ ވިޔަފާރި އެއްކޮށް ގޮސްފައި ވަނިކޮށް، އެބަި މީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ވިޔަފާރި ދޮންބަންޑާރައިން އަތުލައްވައި، ދިވެހި ދައުލަތުން ފޮނުވަމުން ދިޔަ ޖިޒީ ފޮނުވުން ހުއްޓާލެއްވި އެވެ. ނަމަވެސް އޭގެ ބަދަލުގައި ޕޯޗްގީޒުން ރަށްރަށަށް އަރާ ރައްޔިތުންގެ މުދާތައް ފޭރިގަނެ، ދިވެހިންނަށް ވަރަށް ބޮޑެތި ދުއްތުރާތައް ކޮށްފައި ވެއެވެ.

އޭގެ ފަހުން ވޯރާވިޔަފާރިވެރިންގެ އޮށް 1857 ގައި ރާއްޖޭގައި އިންދެވީ ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނު ކަމަށް ބުނެވެއެވެ. ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަމުން ދަނިކޮށް، 1 އޯގަސްޓް 1962 ގައި އެމީހުން ރާއްޖޭގައި ވިޔަފާރި ކުރުން މަނާކޮށް ރާއްޖެ އިން ފޮނުވާލެއްވިއެވެ. މި މަސައްކަތް 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ޝަމްސުއްދީނު ރަދުންނާއި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި މުހައްމަދު އަމީން ދީދީ ވަނީ ފައްޓަވާފައެވެ. ޝީއީ މުސްލިމުންގެ 300 އަށް ވުރެ ގިނަ ވޯރާއިން އޭރު މާލޭގައި ތިބިއިރު އެމީހުން ނަމާދުކުރާނެ ތަނެއް ހެދުމަށް ބިމެއް ހޯދުމުގެ ވާހަކަތައް އޭރުގެ ވެރިންގެ އަރުހިގައި ވަރަށް ގަދައަށް ދެކެވުމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން 1925ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނަށް ބާރުތައް ލިބިގެންދިއުމުން ވޯރާވެރިން ނަމާދުކުރަން ހެދި ބުންބާ މިސްކިތަކީ މިހާރު ވެސް ފެންނަން އެހެރަ ބަންޑާރަ މިސްކިތެވެ. އެ މިސްކިތް އެޅީ 1927 ވަނަ އަހަރުއެވެ. އަދި އެބައި މީހުން ޖަމާއަތް ހަދައިގެން ކައިބޮއި އުޅުމަށް ބިމެއް ދިނުމަށް ދައުލަތުގެ އިސްވެރިންގެ އަރިހުގައި އެދުމުން އޭރު ވޯރާވެރިންގެ ދަންތުރައިގައި ޖެހިފައި ތިއްބެވި ވެރިން ވަނީ އެބައި މީހުންނަށް ބޮޑު ބިމެއްވެސް ދީފައެވެ. އެބިމަކީ އެސްޓީއޯ ޓްރޭޑް ސެންޓަރު މިހާރު އެހުރި ބިމެވެ. ވޯރާވެރިންގެ ބާރު ދެރަވާން ފެށީ 14 އޮކްޓޫބަރު 1932 ގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެފާނު ބޮޑުވަޒީރުކަމުންނާއި ބޮޑުބަނޑޭރިކަމުން އިސްތިއުފާދެއްވުމުންނެވެ. އަދި މުހައްމަދު ފަރީދު ރަސްކަމަށް އިސްވުމުންވެސް ވޯރާވެރިން ދިޔައީ މުހައްމަދު ފަރީދަށް ތައުރީފުގެ ބަސްތައް އޮއްސަމުން ނިކަމެތި ދިވެހިންނަށް ކުރެވެން އޮތް ހުރިހާ ދައްޗެއް ވެސް ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް ސިއްހީ ހާލަތު ތަން ނުދިމުގެ ސަބަބުން މުހައްމަދު ފަރީދު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް އިބުރާހިމް ނާސިރު އިސްވެވަޑައިގެންނެވިއެވެ. އެހިސާބުން ވޯރާ ވެރިން އެހެންވެރިންނަށް ވެސް ހުށަހަޅާ ބޮޑެތި ހުށަހެޅުންތައް ނާސިރަށް ހުށަހަޅަމުން ގެންދިޔައެވެ. ނަމަވެސް އިބްރާހީމް ނާސިރުގެ ބަސްފުޅުތަކާ އަމަލުފުޅުތައް ބަހައްޓަވާ ގޮތުން ވޯރާވެރިންގެ ނިމުން ގާތްވެއްޖެކަން އެބައި މީހުންނަށް އިހުސާސް ކުރެވިގެން ދިޔައެވެ.

ނަތީޖާއަކަށް ވީ ރާއްޖޭގެ ރައްޔިތުންނާއި ގާނޫނު އަސާސީ އަށް ވުރެ ގަދަވެގަންނަން ވޯރާއިން ރޭވި ރޭވުމުގެ ދަށުން ތަކެތި ވިއްކުން ހުއްޓާލަންޖެހުމެވެ. ވޯރާއިންނާ އެކު 13 އޯގަސްޓް 1933 ގައި ވިޔަފާރިއާ ބެހޭ ވުޒާރާގައި ދިވެހި ދައުލަތުން ބޭއްވި މަޝްވަރާ ބައްދަލުވުން ނާކާމިޔާބުވުމުން ވޯރާއިން ހަޅޭއްފަޅޭއް ޖަހައި، އަޑުގަދަކުރަމުން ގޮސް ބަންޑާރަ މިސްކިތަށް އެރިއެވެ. އެހިސާބުން މާލޭގެ ނުފޫޒު ގަދަ ބަޔަކު ނުކުމެ ހަޅޭއްލަވައި ވޯރާއިންނަށް ގެއްލުންދޭން ދިމާކުރުމުން 14 އޯގަސްޓް 1933 ގައި ވޯރާއިން އަމިއްލަ ޖާނައިގެން އެނބުރި ރާއްޖެއިން ދިއުމަށް ނިންމިއެވެ. އަދި ވޯރާއިން ރާއްޖެއިން ފައްސާލުމަށް 15 ރަމަޟާން 1376 ގައި ރައްޔިތުންގެ މަޖިލީހުން އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން އެ އަހަރުގެ މުހައްރަމް މަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލަންޖެހޭ ގޮތައް ބިލެއް ފާސްކޮށް، 23 އޮގަސްޓް 1957 ވޯރާއިން ރާއްޖެ އިން ބޭރުކޮށްލިއެވެ. އިންޑިއާގެ ވޯރާވެރިން ރާއްޖެއިން ފޮނުވާލެވުނީ އޭރުގެ ބޮޑުވަޒީރު، އަދި ރާއްޖޭގެ މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރުގެ ހިކުމަތްތެރި ކަމުންނެވެ. އެހިސާބުން ވޯރާ ވިޔަފާރިވެރިންގެ ކަންތައް ނިމި، ދިވެހިންނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

ބޭރުގެ އަޅުވެތިކަމުގެ ތެރެއަށް ދިވެހި ރާއްޖެ ދިޔަ ދުވަސްތަކަށް ބަލާއިރު، ރާއްޖޭގައި އަށާރަ ސަތޭކަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ފެންމަތިވި ބޮޑެތި ހުރިހާ ފިތުނަ އަކާއި ބައިބައިވުމެއްގެ އަސްލަކީ ވެސް އަދި އެކަން ކަމުގެ ފަހަތުގައި ތިބީ އިނގިރޭސީންނެވެ. ޕޯޗުގީޒުންނާ މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިން ތިބި އިރު، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި 80 އަށް ވުރެ ގިނަ އަހަަރު ވަންދެން ރައްޔިތުން ތިބެންޖެހުނެވެ. އިނގިރޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުން ދިވެހިން މިންޖުވެ، މިނިވަން ދައުލަތެއް ގާއިމް ކުރެއްވީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހީމް ނާސިރު ކުރެއްވި ހިތްވަރު ގަދަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެދުވަހަށް ފަހު މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތީ މިނިވަން ދައުލަތެކެވެ.

ނަމަވެސް ހިތާމައަކީ ދިވެހި ތާރީޚުދެކެފައިވާ އަނިޔާވެރި ޚާއިނުން ކަމަށްވާ ކަޅު މުހައްމަދު ރަސްގެފާނާ ނުވަވަނަ ހަސަން ރަސްގެފާނާއި، ހަސަން ތާޖުއްދީންގެ ދެބެން ގައުމަށް ޣައްދާރުވި ފަދައިން މިއަދު ވެސް ގައުމުގެ ވެރިކަމުގެ ދަހިވެތި ކަމުގައި ޕޯޗްގީޒުންނާ މަލާބާރީން ވެސް އުފަންވި ފަސްގަނޑު ކަމަށްވާ އިންޑިއާގައި ތިބެގެން ދިވެހިންގެ ބަޔަކު އިސްވެތިބެ، ނުބައި އަނިޔާވެރި ރޭވުންތައް ރާވަމުންދާކަމީ މިއަދު ދިވެހިން ވިސްނާ ފިކުރުކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ ތަޚުތައް ވެރިވެ ގަތުމަށް ގާނޫނާ ޚިލާފަށް ގަދަބާރުން މިއަދުވެސް ދިވެހިންގެ މަދު ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ކަޅު މުހައްމަދު ރަސްގެފާނާއި އޭނާގެ ކާފަ ދަރިކަލުން ކަމަށްވާ ނުވަވަނަ ހަސަން ރަސްގެފާނު އާއިލާއާއެކު ގައުމުން ބޭރުގައި ނުވަތަ ދެކުނު އިންޑިއާގައި ހުންނަވައިގެން ރާއްޖޭގެ ވެރިކަމާ ތޮޅުނު ފަދައިން މިއަދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ އެހީއާ އެކު، ރާއްޖޭގެ ވެރިކަމާ ތޮޅެމުންނެވެ.

ދިވެހި ތާރީޚު ދެކެފައިވާ އަނިޔާވެރި ރަދުންނާ ރައީސް ނަޝީދާ ހުރި ތަފާތަކީ ކޮބައިތޯއެވެ. ކަޅު މުހައްމަދު ރަސްގެފާނުގެ ވެރިކަމުގައި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އަވަހާރަކޮށްލި ފަދައިން، އަދި ނުވަވަނަ ހަސަން ރަސްގެފާނު ޕޯޗްގީޒުން ގެނެސް، އަލި ރަސްގެފާނު ޝަހީދުކުޅަ ފަދައިން، މިއަދު ދިވެހި ތަޚުތުގައި އިންނެވި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ނުކުރޭތޯއެވެ. މިއީ މާޒީން އިބުރަތް ހާސިލްކުރަންޖެހޭ ފަދަ ނުރައްކާތެރި ހާދިސާއެކެވެ. މިކަންކަމާ ވިސްނާ ފިކުރުކުރާ ބަޔަކަށް ހަމަޔަގީނުން ވެސް އިބުރަތެއް ހާސިލުވާނެކަން ކަށަވަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
 1. ހަސަންފުޅު 20 ޑިސެމްބަރު 2017 - 20:37

  ޝަހީދާ ގިނަގިނައިން މިކަަަހަލަ އާޓިކަލްތައް ލިޔެބަލަ. މިހާރު މިސައިޓު ހާދަފައްކަލޭ. ވަރަށް ޝައުގުވެރިކަންހުރި އާަޓިކަލްއެއްމީ

 2. ތަކުރުފާނު 20 ޑިސެމްބަރު 2017 - 13:58

  މިކަހަލަ ދިރާސާތައް ކޮށްގެން މާޒީގައި ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދެންވީ. ވަރަށް ސަޅި ލިޔުމެއް ހަމަ ހަބޭސް

 3. ގައުމު 20 ޑިސެމްބަރު 2017 - 13:56

  ޝަހީދާގެ މި ލިޔުމަކީ ވަރަށް ވެސް ފުރިހަމަ އަދި އެހާމެ މައުލޫމާތު ލިބިގެން ދިޔަ ލިޔުމެއް. ވަރަށް ބޮދަށް ޝުކުރިއްޔާ

 4. ހަނާ 20 ޑިސެމްބަރު 2017 - 13:54

  ވަރަށް ގިނަ މައުލުޟާތުތައް ލިބިގެން ދިޔަ އާޓިކަލެއް. ވަރަށް ރަަގަޅު. މައުލޫމާތު މުއްސަނދިވެއްޖެ

 5. މާލެ 20 ޑިސެމްބަރު 2017 - 09:32

  މި އާޓިކަލް ކިޔާ ނިމުނުއިރު އަހަރެންނަށް ހަމަ ސިފަވެގެން ދިޔައީ ފައްކާ އަންނި. އެއްވެސް ތަފާތެއް ނެތް. މިލިޔުން ވަރަށް ސަޅި

 6. ރައްޔިތު މީހާ 20 ޑިސެމްބަރު 2017 - 07:05

  މައުލޫމާތުން ފުރިގެންވާ އިބުރަތްތެރި ވަރަށް ފުރިހަމަ ލިޔުމެއް.

ގުޅުން ހުރި
Loading...