މަލާބާރީންގެ އަތްދަށަށް ރާއްޖެ ދިޔަ ހާދިސާއަށް 265 އަހަރު ފުރުން

ދިވެހި ރާއްޖޭގެ ތާރީޚުގައި މިއަދާ ހަމައަށް އައިއިރު، ރައްޔިތުން ވަނީ ވަރަށް ގިނަ ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެގެން ބޭރުގެ ފަރާތްތަކުން ދިވެހިންނަށް އަނިޔާތައް ދެމުންދާ ދިއުމަކީ ދިވެހި ރާއްޖޭގެ ރައްޔިތުން އެވޭލާ ޒަމާނުއްސުރެ ދެކެ، ތަޖުރިބާކޮށްފައިވާ ހިތްދަތި އިހުސާސްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ދިވެހި ރާއްޖެއަށް މަލާބާރީން އަރާ އޭރުގެ ރަދުން އަވަހާރަކޮށްލި ހާދިސާއަށް މިއަދަށް 265 އަހަރު ފުރޭ އިރު، މިދުވަސް އަޅުގަނޑުމެން ހަނދާނުން ފުހެލައިގެން ނުވާނެއެވެ.

މަލާބާރީން ރާއްޖެ ހިފި ވާހަކައަކީ ރާއްޖޭގެ ރައްޔިތުން މިއަދު ވެސް އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އެކަން ހިނގަން މެދުވެރިވި ސަބަބު އެނގެނީ ކިތައް ރައްޔިތުންނަށްހެއްޔެވެ. އެހާދިސާގައި ދިވެހިން ތަޖުރިބާކުރި ހިތްދަތި އަދި އެހާމެ ބިރުވެރި އެހާދިސާގެ މައުލޫމާތު އެނގެނީ ކިތައް ރައްޔިތުންނަށް ހެއްޔެވެ.  މަލާބާރީން ރާއްޖެ އަރާ ރާއްޖޭގެ ވެރިކަން ފޭރިގަތޭ ބުނެ އެހިސާބުން އެވާހަކަ އޮއްބާލައިގެން މިއަދު ތިބެވޭކަށް ނެތެވެ. މަލާބާރީންނާ ޕޯޗްގީޒުންނާ އިނގިރޭސީންގެ އިތުރުން ލަންކާގެ ތަމަޅަ ޓައިގަރުންނާ ގުޅިގެން ގައުމުގެ މިނިވަންކަން ނަގާލި ފަދަ ބިރުވެރި ހާދިސާތައް ހިނގާފައިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ބަޔަކު ގައުމަށް ޣައްދާރުވެގެންނެވެ. ޑިސެންބަރު މަހުގެ 20 ވަނަ ދުވަހާ މިއަދު އަޅުގަނޑުމެން ކުރިމަތިލި އިރު، ޑިސެންބަރ 20 ވަނަ ދުވަހަކީ ދިވެހިން ދެކެފައިވާ ކަޅު ދުވަހެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ދިވެހިތާރީޚުން ފެންނަގޮތުން މަލާބާރީން ތިން ފަހަރަށް ވެސް ރާއްޖެއާ ހަނގުރާމަކުރުމަށް ގެނައި ޚާއިނަކީ ކަޅު މުޙަންމަދު ރަސްގެފާނެވެ. މިއީ ދިވެހި ރާއްޖޭގެ ތަރީޚު ދުށް އެންމެ ބޮޑު އަނިޔާވެރިޔާ ކަން ތާރީޚުން ހެކިދެއެވެ. އެގޮތުން ކަޅު މުހައްމަދު ރަސްގެފާނު ވެރިކަމަށް ގެނެސްދޭ މަތިން މަލާބާރީންނަށް ދިވެހި އުފެއްދުންތަކާ ދިވެހި ވިޔަފާރި ހަވާލުކުރި އިރު، ތިލަދުންމައްޗާއި ނ. އަތޮޅުގެ ދެ ރަށެއް ވެސް ދިންކަން ތާރީޚުން އެނގެން އެބަހުއްޓެވެ. މަލާބާރީން ރާއްޖެއަށް ހަނގުރާމައަށް އައިއިރު، ދިވެހި ތަޚުތުގައި އިންނެވީ ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު ތިންވަނައެވެ.

މިއީ މީލާދީން 1750 އިން 1757 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރުވެފައިވަނީ ކޮރު ބަންޑާރައިން ގެ ނަމުންނެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރީ ގޮތުން 1163 ވަނަ އަހަރުގައެވެ. ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އެވެ. ކޮރު ބަންޑާރައިން އަވަހާރަވީ 7 ޝައްވާލް 1170 ގައެވެ.

މީލާދީން 20 ޑިސެންބަރ 1752 ވަނަ އަހަރު، އަދި ހިޖުރައިން 1166 ވަނަ އަހަރުގެ ސަފަރު މަހުގެ ތޭރަ ވިލޭރޭ، ނުވަ ފުޅީގެ ވަގުތުގައި މަލާބާރީންގެ ލަޝްކަރު މާލެއަރާ އެންމެ ފުރަތަމަ ވެސް މުލިއާގެ ނުވަތަ ރަސްކަމުގެ ގަނޑުވަރަށް ވަދެ ބަޑިތައް ޖަހާ މީހުންތައް މަރަންފެށިއެވެ. އަދި މަލާބާރީންގެ ލަޝްކަރުތަކުން އެންމެ ފުރަތަމަވެސް ހުޅުޖެހީ ނާބަތުޚާނާގައެވެ. އެފަހަރު ތިން ގަނޑުވަރަކާއި، ތިން މިސްކިތަކާ އާންމު ރައްޔިތުންގެ ފަސްދޮޅަސް ތިން ގެ ވަނީ އަންދާލާފައެވެ. އަދި ރަސްކަމުގައި ހުންނެވި މުކައްރަމު މުހައްމަދު އިމާދުއްދީނާއި، ވަލީއަހުދު މުހައްމަދު މަނިކުފާނުގެ އިތުރުން ބައެއް ވަޒީރުން މަލާބާރީންގެ އުޅަނދަށް ގެންގޮސް ރަސްގެފާނުގެ ދެލޯ ކޮނެލުމަށް ފަހު ގޯވާއަށް ގެންދިޔަކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ލިޔުއްވާފައިވާ ފަތްފުށްތަކުން އެނގެން އެބަހުއްޓެވެ. އެރަދުން އަވަހާރަވީ މަލާބާރީންގެ އަތްދަށުގައި ހިޖުރީ ސަނަތުން 7 ޝައްވާލް 1170 ގައެވެ. 

މީގެއިތުރުން މަލާބާރީންގެ ވެރިޔާ ކަންނަންނޫރު އަލީ ރާޖާއަށް ވެރިކަން ހޯދައިދެން މަސައްކަތްކުރި ހަސަން ތާޖުއްދީންގެ ދެބެން ކަމަށްވާ މުހައްމަދު ޝަމްސުއްދީނާއި އަހުމަދު މުހުޔިއްދީނަކީ ގައުމަށް ޣައްދާރުވި މީހުންކަމަށް ނިންމާ މި ދެބެންވަނީ ކަނޑުފެއްތިއެވެ. ކޮރުބަންޑާރައިންގެ ސަރުކާރުގެ ފަނޑިޔާރު މަނިކުފާނުކަން މުޙައްމަދު ޝަމްސުއްދީނަށް ދެއްވި އިރު، މާލޭގެ ޚަޠީބުކަން އަޙްމަދު މުޙުޔިއްދީނަށް އެރަދުން ދެއްވިއެވެ. މިދެބޭކަލުން ރަސްކަމުގެ ދަހިވެތިކަމުގައި މަލާބާރީންގެ ވެރިޔާ އަލީރާޖާއަށް ލިއުއްވި ސިޓީތަކުގައި މާލެ ހިފަން ހަދާނެ ގޮތްތައްވެސް އަލީރާޖާއަށް ވަނީ އަންގާފައެވެ.

މަލާބާރީން ނުވަތަ ހޮޅިންގެ ވެރިކަން ރާއްޖޭގައި ގާތްގަނޑަކަށް 4 މަސްވަންދެން ކުރިއެވެ. އެއީ ދިވެހި ތާރީޚު ދެކެފައި ނުވާފަދަ އަނިޔާވެރި ދުވަސްތަކެއް ކަމަށް ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. އެގޮތުން މަލާބާރީން ރާއްޖޭގެ އުތުރުގެ ރައްތަކަށް އަރައިގަނެ 459 މީހަކު ރަހީނުކޮށްގެން ގޯވާއަށް ގެންދިޔައެވެ. މަލާބާރީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވަނިކޮށް، ރާއްޖެ މިނިވަން ކުރެއްވީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ދޮންބަންޑާރައިންނެވެ.

ދޮންބަންޑާރައިންނާއި އެމަނިކުފާނުގެ ބައިވެރިން މަލާބާރީންނާ ހަނގުރާމަކޮށް، ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދުލް އާޚިރާމަހުގެ 3 ވީ އާދިއްތަވިލޭ ރޭ މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވިއެވެ. ދޮންބަންޑާރައިން އަވަހާރަ ވެފައިވަނީ ހިޖުރައިން 1180 ގައި މީލާދީން 1 ފެބްރުއަރީ 1767ގަ. ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ މަލާބާރީން ހައްޔަރުކޮށްގެން ގެންދިޔަ ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، އަވަހާރަވުމުންނެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.

މަލާބާރީން ރާއްޖެ ހިފުމުގެ އިސްމޭސްތިރިއެއްގެ ގޮތުގައި ހުރި ކަޅު މުހައްމަދު ރަސްގެފާނު ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ވެރިކަން ކުރި އިރު ފުރަތަމަ ފަހަރަށް ވެރިކަމަށް އައީ އޭނާގެ އެއްބަނޑުއެއްބަފާ ކޮށްކޯފުޅު ހަސަން 8 ވަނަ ރަސްގެފާނު ގަތުލު ކުރުމަށްފަހުއެވެ. އަދި ތިން ވަނަ ފަހަރަށް ވެރިކަމަށް އައުމަށް ކުރި ހަނގުރާމައިގައި އޭރުގެ ރަދުން ކޮރުބަންޑާރައިން މަލާބާރީންނާ ހަވާލުކޮށް، އެހާދިސާގައި ރަދުން އަވަހާރަވިއެވެ. ގައުމަށް ޚިޔާނާތްތެރިވި މީހުންގެ ތެރެއިން ނުވަ ވަނަ ހަސަން ރަސްގެފާނުގެ އަނިޔާވެރިކަން ވެސް މިފުރުސަތުގައި ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ނުވަވަނަ ހަސަން ރަސްގެފާނަކީ ރާއްޖޭގައި ޚުދުމުޚްތާރު ވެރިކަމެއްކޮށް ގައުމަށް ޚިޔާނާތްތެރިވިކަމަށް ތާރީޚްގައި ލިޔެވިފައިވާ އިސްވެ ދިޔަ ކަޅު މުހައްމަދު ރަސްގެފާނުގެ ދަރިކަލުން އުމަރު މާފަތްކިލެގެ ދަރިކަލެކެވެ. އެހެންކަމުން ނުވަ ވަނަ ހަސަން ރަސްގެފާނުގެ ކާފާ ފުޅަކީ ކަޅު މުހައްމަދު ރަސްގެފާނެވެ.

މަލާބާރީންނަށް ވުރެ ކުރިން ރާއްޖޭގެ ވެރިކަން ފޭރިގެންފައިވަނީ ޕޯޗްގީޒުންނެވެ. އެހެން ކަމުން ޕޯޗްގީޒުން ރާއްޖެ ހިފި ގޮތުގެ މައްޗަށް ވެސް ބަލާލަން ޖެހެއެވެ. އެދުވަސް ވަރަކީ މާލޭގައި އޮތް ދާޚިލީ ހަމަނުޖެހުމާއި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގަމުންދިޔަ ފިތުނަވެރި ހަމަނުޖެހުން ބޮޑު، ޤައުމީ ރޫޙު ކުޑަވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އައްޔަސް އަނދިރިއަސް ވާނީ އެއްގޮތް ކަމަށް ބުނެ، އެގޮތަށް ބަޔަކު މީހުން ރައްޔިތުންނަށް ވިސްނައިދެމުން ގެންދިޔަ ދުވަސްވަރުވެސްމެއެވެ. ޕޯޗްގީޒުން ރާއްޖޭގައި 16 އަހަރާ ހަމަސްދުވަހު ވެރިކަން ކުރި. ނުވަވަނަ ހަސަން ރަސްގެފާނު ގައުމަށްވެފައިވާ އެންމެ ބޮޑު ޚިޔާނާތަކީ 19 މެއި 1558 ވަނަ ދުވަހު ޕޯޗްގީޒުން ގޮވައިގެން ރާއްޖެއަރައި އޭރު ރަސްކަމުގައި ހުންނެވި އަލީ ރަސްގެފާނު ޝަހީދުކޮށްލުމެވެ. ދިވެހި ތާރީޚްގައި ނުދެކޭފަދަ އަނދިރި ދުވަސްތަކެއް ދިވެހިންނަށް ކުރިމަތިކުރުވައި ދިވެހި ވެރިކަމުގެ ސިންގާސަނާ އާއި ޕޯޗްގީޒުންނާއި މަތިކުރުމުގެ އިސްމޭސްތިރި އަކީ ނުވަ ވަނަ ހަސަން ރަސްގެފާނުއެވެ.

އޭރު އަލި ރަސްގެފާނު ކައިވެނި ބައްލަވައިގެން އިންނެވީ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ކާފާފުޅު ކަޅު މުހައްމަދުގެ ދަރިކަނބަލުންނާއެވެ. ނުވަވަނަ ހަސަން ރަސްގެފާނު ރާއްޖެ ގެނައި ޕޯޗްގީޒުންގެ ދިގު ވެރިކަން ނިމުމަކަށް ގެނައީ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ނުވަތަ ބޮޑު ތަކުރުފާނެވެ. ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރި ގައުމީ ޖިހާދުގައި، ދިވެހިންނަށް ނަސްރުލިބުނީ މީލާދީން 2 ޖުލައި 1573 ގައެވެ. ބޮޑުތަކުރުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތައް ފުރަތަމަ ކަމެއްގެ ގޮތުގައި އިސްލާމް ދީން ފެތުރުއްވައި، ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި މިއަދު ވެސް ބޭނުންކުރަމުންދާ "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެއްވި އެވެ.

މިނަމަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށްފަހު ދިވެހި ދައުލަތުގެ ނަމެއްކަމުގައި ބޮޑުތަކުރުފާނު އިޚުތިޔާރު ކުރެއްވިނަން. ބޮޑުތަކުރުފާނު ރާއްޖޭގައި ވެރިކަން ކުރެއްވީ މީލާދީން 1573 އިން 1585އަށް، ޖުމްލަ ބާރަ އަހަރު ދުވަހުއެވެ. އެތަކުރުފާނު އަވަހާރަވީ 1585ގައެވެ. ބޭރުގެ އަޅުވެތިކަމުގެ ތެރެއަށް ދިވެހި ރާއްޖެ ދިޔަ ދުވަސްތަކަށް ބަލާއިރު، ރާއްޖޭގައި އަށާރަ ސަތޭކަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ފެންމަތިވި ބޮޑެތި ހުރިހާ ފިތުނަ އަކާއި ބައިބައިވުމެއްގެ އަސްލަކީ ވެސް އަދި އެކަން ކަމުގެ ފަހަތުގައި ތިބީ އިނގިރޭސީންނެވެ.

ޕޯޗުގީޒުންނާ މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިން ތިބި އިރު، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި 80 އަށް ވުރެ ގިނަ އަހަަރު ވަންދެން ރައްޔިތުން ތިބެންޖެހުނެވެ.  އިނގިރޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުން ދިވެހިން މިންޖުވެ، މިނިވަން ދައުލަތެއް ގާއިމް ކުރެއްވީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހީމް ނާސިރުއެވެ.

އެދުވަހަށް ފަހު މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތީ މިނިވަން ދައުލަތެކެވެ. ނަމަވެސް ހިތާމައަކީ ދިވެހި ތާރީޚުދެކެފައިވާ އަނިޔާވެރި ޚާއިނުން ކަމަށްވާ ކަޅު މުހައްމަދު ރަސްގެފާނާ ނުވަވަނަ ހަސަން ރަސްގެފާނާއި، ހަސަން ތާޖުއްދީންގެ ދެބެން ގައުމަށް ޣައްދާރުވި ފަދައިން މިއަދު ވެސް ގައުމުގެ ވެރިކަމުގެ ދަހިވެތި ކަމުގައި ޕޯޗްގީޒުންނާ މަލާބާރީން ވެސް އުފަންވި ފަސްގަނޑު ކަމަށްވާ އިންޑިއާގައި ތިބެގެން ދިވެހިންގެ ބަޔަކު އިސްވެތިބެ، ނުބައި އަނިޔާވެރި ރޭވުންތައް ރާވަމުންދާކަމީ މިއަދު ދިވެހިން ވިސްނާ ފިކުރުކުރަންޖެހޭ ކަމެކެވެ. މާޒީގައި ދިވެހިން ދެކެފައިވާ އަނިޔާވެރި ހާދިސާތަކުން ދިވެހިން ޢިބުރަތް ހާސިލްކުރަންޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ގައުމު 20 ޑިސެމްބަރު 2017 - 14:03

    ވަރަށް ފުރިހަމަ ލިޔުމެއް. މައުލޫޟާތު ވަރަށް ތަނަވަސްވެއްޖެ.

ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...