ވޮޝިންގްޓަންގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 3 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ

އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓްގައި ރޭލެއް ދަގަނޑު މަތިން ކައްސާލި ހާދިސާގައި ތިން މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓަކޯމާއިން އޮލިމްޕިއާއަށް ދިއުމަށް އޮންނަ ހައިވޭގެ މަތިން އަޅާފައިވާ އޮވަރޕާސްއަކުން ރޭލު ކައްސާލުމުންނެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ އެ ރޭލުން 77 މީހުންނާއި ހަތް ކްރޫ މެމްބަރުން ދަތުރު ކުރަމުން ދަނިކޮށެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ މި ހާދިސާގައި ރޭލުގައި ހިމެނޭ 14 ބައިގެ ތެރެއިން 13 ބައެއް ހައިވޭއަށް ވެއްޓިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ރޭލުގެ ބައިތައް ހައިވޭއަށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކުގައި މަރުވި މީހުން ހިމެނޭ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެގައުމުގައި އުމްރާނީ ތަރައްގީއަށް ކުރާ ހޭދަތައް އިތުރުކުރަން ޖެހޭ ކަމަށެވެ. ޓްރަމްޕް މިފަދައިން ޓުވީޓު ކުރައްވާފައިވާއިރު، އެ ހާދިސާ ހިނގާފައިވަނީ ވެސް އަލަށް އަޅާފައިވާ ރޭލު ޓްރެކަކުން ދަތުރު ކުރަނިކޮށް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...