ބަދިގެ: ހިނގާ މީރު މަސްބަތެއް ތައްޔާރުކޮށްލަމާ!

މަސްބަތަކީ ދިވެހިން ޢާންމުކޮށް ކެއުމުގައި ބޭނުންކުރާ މީރު ކެއުމެކެވެ. މަސްބަތް މީރުވަނީ އޭގެތެރެއަށް އަޅާ ތަފާތު އިންގްރީޑިއެންޓްސް ނުވަތަ ބާވަތް ތަކުގެ ސަބަބުންނެވެ. އެކި މީހުން މަސްބަތް ތައްޔާތު ކުރާގޮތް ވަރަށް ތަފާތެވެ. ބައެއް މީހުން މަސްބަތް ތައްޔާރު ކުރުމަށް މަހުގެ ތަފާތު ބާވަތްތައް ބޭނުން ކުރެއެވެ. ސަބަބަކީ އެކި މީހުންނަށް މީރުވަނީ އެކިވައްތަރުގެ މަސް ބޭނުން ކުރީމައެވެ. ބައެއް މީހުން ރޯމަސް ބޭނުން ކުރާއިރު، އަނެއްބަޔަކު ބޭނުން ކުރަނީ ވަޅޯމަހެވެ.


މިއަދު މި ކިޔާދެނީ ރޯމަސް ބޭނުންކޮށްގެން ވަރަށް މީރު މަސްބަތެއް ތައްޔާރުކޮށްލާނެ ގޮތެވެ. މީ ޢާންމުކޮށް ބާޒާރުން ލިބެންހުންނަ ތަކެތި ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ މަސްބަތެކެވެ. މި މަސްބަތަށް ކިޔަނީ ރީންދޫ މަސްބަތެވެ. އެގޮތުން އެންމެ ފުރަތަމަ މަސްބަތަށް ބޭނުންވާނެ ބާވަތްތައް ކިޔާލަދޭނަމެވެ.


ރީންދޫ މަސްބަތް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:


3 ލާހި ހަނޑޫ


ކުޑަ ތެޔޮ ފޮދެއް


ލޮނު (ރަހަ ލާވަރަށް)


ހިނކަދިފަތް (ބޭނުންވާ މިންވަރަށް ކުޑަ ފަތްކޮޅެއް ކުދިކޮށް ކޮށާފައި)


ރާނބާފަތް (3 އިންޗި ވަރަށް ބުރި ކޮށްފައިވާ، 4 އެތިކޮޅު)


1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)


2 ފިޔާ (ހިމުންކޮށް ކޮށާފައި)


1 މޭޒުމަތީ ސަމްސާ އަސޭމިރުސް (ހިމުންކޮށްފައިހުރި)


1 ކިބަ ރޯމަސް (ކުދިކޮށް ކޮށާފައި)


ކުޑަ ރީންދޫ ކޮޅެއް


 


ހައްދަވާނެގޮތް:


އެންމެ ފުރަތަމަ ބަތް ކައްކަން ހަނޑޫ ދޮންނަ ގޮތަށް ހަނޑޫ ކޮޅު ދޮވެލުމަށްފަހު ފެނާ، ލޮނު، ރާނބާފަތް އަދި ކުޑަ ތެޔޮފޮދެއް އަޅާފައި އުނދުން މައްޗަށް އުދާށެވެ. އެއަށްފަހު ކޮށަފައިވާ އެހެނިހެން ބާވަތްތައް (ފިޔާ، މިރުސް، ހިނކަނދި ފަތް، ލޮނު، އަސޭމިރުސް އަދި ރީންދޫ) އެއްކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު އޭގެތެރެއަށް ކޮށާފައިހުރި ރޯމަސްކޮޅު އަޅާ ރީއްޗަށް އެއްކޮށްލާށެވެ. ދެން ކައްކަން އުދާފައިހުރި ބަތްކޮޅު ކޮންމެވެސް ވަރަކަށް ހިނދުމުން މޮޑުނުބައި ބަތްގަނޑުގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް ދޭފަތުން ހަލުވާލާށެވެ. އެއަށްފަހު މަތި ޖެހުމަށްފަހު، ގިނި މަޑުކޮށްލާފައި ރަނގަޅަށް މަސްކޮޅު ރޯފިލާދެން ބަހައްޓާށެވެ. ރޯފިލުމުން މި ބަތް ތައްޔާރުކޮށް ނިމުނީއެވެ.


މި މަސްބަތް ކާއިރު މީރުވާނީ ތެލުލި ރިހާކުރު ކޮޅެއް އަޅައިގެން ކެއުމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...