ވެސްޓްހެމުން އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ވެސްޓްހެމް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ފުރުސަތުތަކެއް އުފައްދާފައިވަނީ އާސެނަލްއިންނެވެ. އެގޮތުން މި މެޗުގައި އެ ޓީމުން ޖުމްލަ 22 ޝޮޓު ހަދާފައިވާއިރު، އޭގެ ތެރެއިން ގޯލާ އަމާޒުވީ ތިން ހަމަލާއެވެ.

މި މެޗުގައި އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އޮލިވިއަރ ޖިރޫޑް އަދި ޖެކް ވިލްޝަޔަރ ފުރަތަމަ 11 ގައި ހިމެނި ނަމަވެސް، އެ ދެ ކުޅުންތެރިންނަށް ވެސް ވަނީ އާސެނަލްއަށް މޮޅެއް ހޯދައިދެވޭ ގޮތް ނުވެފައެވެ.

މި މެޗުގައި ވެސްޓްހެމްގެ އަރތަރ މަސުއާކޫ ނަގައިދިން ހުރަހަކުން މާކޯ އަނާޓޯވިޗްއަށް ލިބުނު ބޯޅަ އޭނާ ވަނީ ބޮލުން ޖެހުމަށްފަހު ގޯލަށް ވައްދާލާފައެވެ. ނަމަވެސް އަނާޓޯވިޗްއަށް ބޯޅަ ލިބުނުއިރު އޮފްސައިޑްގައި ހުރި ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައިގައި އާސެނަލް އޮތީ 30 ޕޮއިންޓް ލިބިގެންނެވެ. އަދި ވެސްޓްހެމް އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.

އިތުރު މެޗުތަކަށް ބަލާއިރު ލިވަޕޫލްއާއި ވެސްޓް ބްރޯމް ކުޅުނު މެޗު ވެސް ވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި 1-0 ސުމެއްގެ ނަތީޖާއަކުން ނިއުކާސްލްގެ މައްޗަށް އެވަޓަން ކާމިޔާބު ހޯދާފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމަތް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ވެސް 1-0 ގެ ނަތީޖާއަކުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...