ބީބީސީ އެފްރިކަން ފުޓްބޯލަރ އޮފް ދި އިޔަރގެ އެވޯޑް ސަލާހުއަށް ލިބިއްޖެ

ބީބީސީ އެފްރިކަން ފުޓްބޯލަރ އޮފް ދި އިޔަރ ގެ އެވޯޑް ލިވަޕޫލްއަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުއަށް ލިބިއްޖެއެވެ.

ސަލާހުއަށް މި އެވޯޑް ލިބިފައިވަނީ ސެނެގަލްގެ ސަޑިއޯ މާނޭއާއި، ނައިޖީރިއާގެ ވިކްޓަރ މޯސެސް އަދި ގިނީގެ ނަބީ ކެއިޓާ ފަދަ ކުޅުންތެރިންނާ ވާދަ ކުރުމަށްފަހުގައެވެ.

އުމުރުން 25 އަހަރުގެ ސަލާހުއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލަށް 13 ލަނޑު ޖަހައިދީފައެވެ. އަދި މިއަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރަށް ރަނަރަޕްކަން ލިބުމުގައި ވެސް ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިސްރު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު، ކޮލިފައިންގް ބުރުގައި ސަލާހު ވަނީ މުހިންމު ގޯލްތަކެއް އެ ޓީމަށް ޖަހައިދީފައެވެ. އެގޮތުން ކޮލިފައިންގައި މިސްރުން ޖެހި ހަތް ގޯލުގެ ތެރެއިން ފަސް ގޯލު ސަލާހު ޖަހާފައިވާއިރު، އަނެއް ދެ ގޯލު ޖަހައިދިނުމަށް އެހީތެރިވެދިނީ ވެސް އޭނާ ކަން ފާހަގަކޮށްލެވެއެވެ.

މިހާރު ލިވަޕޫލްއަށް ކުޅޭ ސަލާހު މީގެ ކުރިން ވަނީ އިޓަލީގެ އޭއެސް ރޯމާއަށާއި ޗެލްސީއަށް ކުޅެދީފައެވެ. ނަމަވެސް ސަލާހު ޗެލްސީގައި ކުޅުނު ސީޒަނުގައި މާ އެދެވޭ ކުޅުމެއް އޭނާގެ ފަރާތުން ފެނިފައެއް ނުވެއެވެ. މިދިޔަ އަހަރު ބީބީސީގެ އެފްރިކަން ފުޓްބޯލާ އޮފް ދި އިޔަރގެ އެވޯޑް ލިބުނީ ލައިސިސްޓަރ ސިޓީގެ ރިޔާދު މަހްރޭޒްއަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...