އައިސިސްއާއި ގުޅުނު ޖަރުމަންވިލާތުގެ 4 އަންހެނަކު އިރާގްގައި ހައްޔަރުކޮށްފި

ޖަރުމަންވިލާތް: އައިސިސް ޖަމާއަތާއި ގުޅުނު ޖަރުަނުގެ 4 އަންހެނަކު އިރާގްގައި ވަނީ ހައްޔަރުކޮށްފައި

އައިސިސް ޖަމާއަތާއި ގުޅުނު ޖަރުމަންވިލާތުގެ 4 އަންހެނަކު އިރާގްގެ ޖަލެއްގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓަރސްއިން ބުނެފައިވާގޮތުގައި، އައިސިސް ޖަމާއަތާއި ގުޅުނު ކަމުގެ ކުށުގައި އިރާގް މޫސަލް ސިޓީން ހައްޔަރު ކުރި 5 މީހުންގެ ތެރޭގައި އުމުރުން 16 އަހަރުން ދަށުގެ އަންހެން ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.

އިރާގުގައި އައިސިސް ފަދަ ޖަމާއަތަކާ ގުޅޭ މީހުންނަށް މަރުގެ އަދަބުވެސް ދެއެވެ. އެހެންކަމުން އެގައުމުގެ ޖަލެއްގައި ހައްޔަރުކޮށްފައިތިބި އަންހެނުންނަށް މަރުގެ އަދަބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިކަމާއި ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ފޮރިން މިނިސްޓްރީން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބީއެފްވީ ޑޮމެސްޓިކް އިންޓެލިޖެންސްއިން ބުނީ އިރާގް އަދި ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިސިސް ޖަމާއަތާއި ގުޅޭ ޖަރުމަނުވިލާތުގެ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް ޖަރުމަންވިލާތުގެ 930 މީހުން އައިސިސްއާއި ގުޅިފައިވާ ކަމަށް ބީއެފްވީ ޑޮމެސްޓިކްއިން ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން 20 އިންސައްތަ މީހުންނަކީ އަންހެނުންނެވެ. އިރާގް އަދި ސީރިޔާގެ އިތުރުން އިސްލާމީ އެހެން ގައުމުތަކުގައިވެސް ހަރަކާތްތެރިވަމުން އަންނަ އައިސިސް ޖަމާއަތާއި ގުޅޭ މީހުންގެ އަދަދު އިތުރު ކުރުމަށް އެޖަމާއަތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...