ބޮޑު ބަދަލަކާއެކު ކުޑަކުދިންގެ ބަގީޗާ ހުޅުވަނީ!

ޒަމާނުއްސުރެ ކުޑަކުދިންގެ މެދުގައި މަގްބޫލް ކުޑަކުދިންގެ ބަގީޗާ: ބޮޑެތި ބަދަލުތަކާއެކު ވަރަށް އަވަހަށް ހުޅުވާލާނެ

މާލޭގައި ކުޑަކުދިންނަށްޓަކައި ގާއިމްކޮށްފައިވާ އެންމެ ގިނަ ދުވަސްވީ ޕާކް "ކުޑަކުދިންގެ ބަގީޗާ" އަލުން ހުޅުވާނެ ދުވަހަކަށް އެތައް ކުދިންނެއް އިންތިޒާރު ކުރަމުން އަންނައިރު، މި ޕާކް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ މިހާތަނަށް މާލެއާއި މާލެ ކައިރީގެ އަވަށްތަކުގައި އެންމެ ގިނަ އަދަދަކަށް ހިތްފަސޭހަ މައިޒާންތައް ގާއިމްކޮށް ދެއްވި ރައީސް އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާލެއަށް ބަލާލާއިރު، ތަފާތު ނަންނަމުގައި ގިނަ ހިތްފަސޭހަ މައިޒާންތަކެއް ސަރުކާރުން ގާއިމްކޮށްދެއްވާފައިވާއިރު، މުސްތަގްބަލްގައިވެސް މިފަދަ މައިޒާންތަކުގެ ހިތްފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. 

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ބަންދު ކޮށްފައިވާ ކުޑަކުދިންގެ ބަގީޗާ ވަރަށް އަވަހަށް ހުޅުވުމަށްޓަކައި ހަލުވި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިބަގީޗާ އަލުން ހުޅުވިގެން އަންނައިރު، ފާހަގަކުރެވޭނެ އެންމެ ބޮޑު ބަދަލަކީ ޖާގައިގެ ގޮތުން ލިބިގެންދާނެ ތަނަވަސްކަން ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ކުޑަ ކުދިންގެ ބަގީޗާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ޒަމާނީ ގިނަ ވަސީލަތްތަކެއް ހިމަނައިގެން ކަމަށާއި އެގޮތުން އަލުން ހުޅުވޭއިރު އެތަނުން ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ކުދިންނަށް ލިބިގެން ދާނެ ކަމަށެވެ. ވީހާވެސް އަވަހަކަށް ޕާކް ހުޅުވުމަށް އެމްއެންޑީއެފުން އަމާޒު ހިފާފައިވާކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ، މަސައްކަތް ލަސްވަނީ ޕާކް ތަރައްގީ ކުރުމަށް ބޭރުން ގެންނަ ބައެއް ސާމާނު ގެނައުން ލަސްވެފައިވާތީ ކަމަށެވެ.

އަދި ސާމާނު ގެނެވުނުހާ އަވަހަކަށް ކުޑަކުދިންގެ ބަގީޗާގެ މަސައްކަތް ހަލުވި ވެގެންދާނެ ކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. ކުޑަކުދިންގެ ބަގީޗާ ބޮޑެތި ބަދަލުތަކަކާއިއެކީގައި ތަރައްގީ ކުރުމަށް ބަންދު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އާއި ސިފައިންގެ ވެލްފެއާ ކުންފުނި (ސިފްކޯ)އިން ބަލަހައްޓާ މި ބަގީޗާ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލް އަދި ކުޑަކުދިންނަށް އެންމެ ހިތްފަސޭހަ ތަނުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

މި ބަގީޗާގެ ހިދުމަތް ލިބެން ފެށުމުން މާލޭގެ ކުދިން ހިތް އުފާ ކޮށްލާނެ އާ މަންޒިލެއް ލިބިގެންދާނެކަން ޔަގީނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...