އިލްހާމާއި ސިނާންގެ ގޮނޑިވެސް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަށްގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ޝިނާން ޕީޕީއެމުން ވަކިވުމާއެކު އެ ދެބޭފުޅުންގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލްހާމް އަދި ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަން ކޮމިޝަނުން ވަނީ، ރައްޔިތުންގެ މަޖިލީހަށް ސިޓީއަކުން އަންގާފައެވެ.  
ސިނާނާއި އިލްހާމްގެ ގޮނޑި ގެއްލިފައިވާއިރު، ޕީޕީއެމުން ވަކިކުރި އެހެން ހަތަރު މެމްބަރެއްގެ ގޮނޑި ވެސް މީގެ 3 ދުވަސް ކުރިން ވަނީ ގެއްލިފައެވެ. އެގޮތުން މީގެ ކުރިން މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދެވެ. އިލެކްޝަން ކޮމިޝަނުން ވަނީ ގޮނޑި ގެއްލުނު ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ނިންމާފައެވެ.
ޕާޓީން ވަކިވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކެއް ބަޔާންކޮށް ސުޕްރީމް ކޯޓުން މި ޖުލައި މަހުގެ 13 ވަނަ ދުވަހު އިއްވި ހުކުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ، ހުކުމް އިއްވި ތާރީހުން ފެށިގެން، މަޖިލީހުގެ މެމްބަރަކު އިންތިހާބްވާ ސިޔާސީ ޕާޓީން ވަކި ކުރިކަން ނުވަތަ ވަކިކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން އަންގާދުވަހުން ފެށިގެން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އަދި ރައްޔިތުން އެ މެމްބަރަކު އިންތިހާބް ކުރާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލު ވުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށްވެސް ހުކުމްގައި ވަނީ ބުނެފައެވެ.  ޕާޓީން ވަކިވާ މެންބަރުންނަށްވެސް ދެން އޮންނަ ބައި އިލެކްޝަންއެއްގައި ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް މި ހުކުމްގައި ބުނެފައިވެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...