މަޖިލީހުގެ ރިޔާސަތަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ރައީސް އަންގަވާފައެއް ނުވޭ: މޫސާ މަނިކް

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު: މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޫމަށް މޫސަ ގޮވާލެއްވި
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަންގަވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ، މަޖިލީހުން ކަންކަން ކުރަމުން އަންނަނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށާއި ވަކި ޖަލްސާއެއް ނުބޭއްވުމަށް ނުވަތަ ވަކި ކަމެއް މަޖިލީހުގެ ޖަލްސާއެއްގައި އެޖެންޑާ ނުކުރުމަށް ރައީސް ޔާމީން ދުވަހަކުވެސް އަންގަވާފައިނުވާ ކަމަށެވެ. އަދި ކުރިމަގުގައިވެސް އެގޮތަށް ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

" ރައީސް ދުވަހަކުވެސް، ހަމަ ގައިމުވެސް އަޅުގަނޑަކަށް ވަކި ގޮތަކަށް ކަމެއް ކުރުމަށް އަންގަވާފައެއް ނުވޭ، އަދި ނުވެސް އަންގަވާނެ"  މޫސަ ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބް ރައީސް ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކަށް ނުފޫޒް ފޯރުވުމަށްޓަކައި އެއްވެސް ކަމެއް ނުކުރެއްވި ނަމަވެސް ކޮންމެ ރައީސަކަށްވެސް މަޖިލީހުގެ ނިންމުންތަކަށް ފާޑު ވިދާޅުވެވޭނެ ކަމަށެވެ. ކުރީގެ ދެ ރައީސުންވެސް މިހާރުވެސް މަޖިލީހުގެ ނިންމުންތަކަށް ފާޑު ކިޔުއްވާކަން މޫސަ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ސިޔާސީ ކަންކަން ހަލަބޮލިވެގެންދާ ކޮންމެ ފަހަރަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާ، މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސް މަގާމުން ދުރު ކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ފެއިލްވެފައިވަނިކޮށް އަނެއްކާ އެމައްސަލަ މަޖިލީހަށް ވެއްދީ މަޖިލިސް ޗުއްޓީގައި ވަނިކޮށް ކަމަށާއި، އެހެންކަމުން މިއީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް އޮވެގެން ހުށަހެޅި މައްސަލައެއް ނޫންކަން ސާފު ކޮށް އެނގޭ ކަމަށް މޫސަ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގައިގެން މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ ގާނޫނުގައި އެކަން އޮންނަ ގޮތް އޮޅުންފިލުއްވައި ދެއްވަމުން މޫސަ ވިދާޅުވީ، މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އެންގީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން ކަަމަށެވެ. މޫސަ ވިދާޅުވީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުން މިފަދަ ނިންމުންތައް ނިންމާފައިވާއިރު، ދައުލަތުގެ ހުރިހާ މުއްސަސާއަކުންވެސް ސުޕްރީމް ކޯޓުގެ މިފަދަ ނިންމުންތަކަށް އިހްތިރާމް ކުރި ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ، އެންމެ ގިނަ ގާނޫނުތައް ހަދާ، އެންމެ ގިނަ މަސައްކަތްތައް ނިންމި މަޖިލިސް ކަމަށެވެ. މޫސަ ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބައެއް ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...